Roadha Mihaaru
ސޭފް ލިސްޓްގައި ރާއްޖެ ނެތުމުން ކަންބޮޑުވޭ: ނަޝީދު

ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ކަންބޮޑުވޭ: ނަޝީދު

12 އޯގަސްޓް 2020

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިޔަސް، ޓޫރިސްޓުންނަށް ކޮވިޑް-19 އިން ރައްކާތެރި ގައުމެއް ގޮތުގައި ޔޫރަޕުން ރާއްޖެ ކަނޑައަޅާފައި ނެތުމުން އެކަމާ ކަންބޮޑުވެ ވަޑައިިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިޔަސް، ޓޫރިސްޓުންނަށް ކޮވިޑް-19 އިން ރައްކާތެރި ގައުމެއް ގޮތުގައި ޔޫރަޕުން ރާއްޖެ ކަނޑައަޅާފައި ނެތުމުން އެކަމާ ކަންބޮޑުވެ ވަޑައިިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހު ބޯޑަރުތައް ހުޅުވާލުމުން ޓޫރިސްޓުން އަންނަން ވަނީ ފަށައިފަ އެވެ. އެކަމަކު ޔޫރަޕްގެ ގައުމުތަކުން ދަތުރު ކުރުމުގައި ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ފަހު ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ކޮވިޑް-19 އާ ގުޅިގެން ޔޫރަޕް ގައުމުތަކުގެ ސޭފް ޓްރެވަލް ލިސްޓުތަކުގައި ރާއްޖެ އަދިވެސް ނުހިިމެނޭ ކަމަށެވެ. އެއީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށާއި އެކަމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެކަން އެހެންވެފައި އޮންނަނީ އަޅުގަނޑުމެން ކޮން ކަމެއް، ކޮން ގޮތަކަށް ގޯސްކޮށް ކޮށްގެންތޯ؟. މިސާލަކަށް، ހިމެނިިފައި ހުރި އެހެން ގައުމެއް ބައްލަވާފައި ދިވެހިރާއްޖެ ނުހިމެނި މި އޮތީ ކޮން ސަބަބަކާ ހުރެ ތޯ؟." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ނެތުމުން ޔޫރަޕްގެ ޓޫރިސްޓުން ރާއްޖެ އައުމަށް ފަހު އެނބުރި ދިއުމުން އެ މީހުން ކަރަންޓީގައި މަޑުކުރަން ޖެހޭ ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމާ މެދު ވިސްނައި ވަޑައިގަތުމަށް އަމީންގެ ކިބައިން ނަޝީދު އެދިވަޑައިގަތެވެ.

"ޔޫރަޕްގެ ގައުމުތަކުން ކިތަންމެ ގައުމަކަށް ދަތުރުކުރާ މީހުން އެ ގައުމުގައި ކަރަންޓީން ވާކަށް ނުޖެހޭ. އެހެން ނަމަވެސް ރާއްޖެ އައިސްފައި އަނބުރާ ޔޫރަޕަށް ދިޔައިމަ ކަރަންޓީން ވާން އެބަޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިޔަސް، މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 1،700 ފަތުރުވެރިންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ދިއުމަށް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭއިރު، އެކަމަށް އަވަސް އިންތިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ ކުރަމުންނެވެ.