Roadha Mihaaru
ގެއްލުނު ގްރީން ޓެކްސް ނަގާކަށް ނުބުނެވޭނެ: ނަޝީދު

ގެއްލުނު ގްރީން ޓެކްސްގެ ފައިސާ އަލުން ނަގާކަށް ގާނޫނުގައި ނުހިމެނޭނެ: ނަޝީދު

05 ސެޕްޓެމްބަރ 2022

ޓޫރިޒަމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން ދައުލަތަށް ގެއްލުނު ގްރީން ޓެކްސްގެ އަދަދު އަލުން ނަގަން ގާނޫނަކުން ކަނޑަނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޓޫރިޒަމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން ދައުލަތަށް ގެއްލުނު ގްރީން ޓެކްސްގެ އަދަދު އަލުން ނަގަން ގާނޫނަކުން ކަނޑަނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖޫން މަހު މަޖިލީހުން ފާސްކުރި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ތާރީހު ޖަހާފައި އޮތް ގޮތުން، ގްރީން ޓެކްސް ނެގޭނެ މަގު އޮތީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަންދުވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ އެ އިބާރާތް ބަދަލުކުރުމަށް ފަހު އަލުން ޓެކްސް ނެގޭ ގޮތަށް އިސްލާހެއް ހުށަހަޅާފަ އެވެ.

އެ އިސްލާހުގެ ބަހުސް ކުރިޔަށް ދަނިކޮށް ނަޝީދު ވިދާޅުވީ ބިލުގައި ބުނާ އެއްޗެއް މެމްބަރުންނާއި ސަރުކާރަށް ވެސް ސާފުވާން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބިލުގައި ބުނާ ގޮތުން ޖުލައި ތިނަކުން ފެށިގެން މި ބިލު ތަސްދީގުކުރުމާ ދެމެދުގައި ހިނގާފައިވާ މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ޓޫރިސްޓެއް އަތުން ފައިސާ ނަގައިފި ނަމަ އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު ދައުލަތަށް އަނބުރާ އެ ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

"ހަނދުމަފުޅު ބަހައްޓަވާތި އެ މީހާ ފުރައިގެން ހިނގައްޖެކަން. ދެން އެ މީހާ ދައްކާފައި ދިޔަ ބިލުގައި އެބައޮތްތޯ ގްރީން ޓެކްސް އަށް ކަނޑާފައި ނުވަތަ ގެސްޓްހައުސް އިން ނެތް ކަމަށްތޯ އެ މީހާ އަށް އިންވޮއިސް ކޮށްފައި ވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމެއް ފަހުން ހަދާ ގާނޫނަކުން އަދަބު ނުލިބޭނެ ކަމަށެވެ.

ކުރިން ކޮށްފައި އޮތް ކަމެއް، އެކަން ހިނގައިދިޔަ ފަހުން އަލުން ގާނޫނެއް ހަދައިގެން އެހެން ގޮތަކަށް އެކަން ކުރުމަށް ގާނޫނުގައި މާއްދާއެއް ނުހިމެނޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު ހުށަހަޅުއްވާފައިވާ ގާނޫނުގައި ތިޔަ ވިދާޅުވަނީ ކުރީގައި ކޮށްފައި އޮތް ކަމެއް އެހެން ގޮތަކަށް ހެދުމަށް. އެކަން ހިނގައިދިޔަ ފަހުން ގާނޫނެއް ހައްދަވަން. މިއީ ގާނޫނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި މާއްދާއެއް ނުހިމެނޭނެ،" ނަޝީދު ވިދާޅުވި އެވެ.

މީރާގެ ތަފާސްހިސާބު ދައްކާގޮތުން ގްރީން ޓެކްސްގެ ގޮތުގައި މި އަހަރު ޖޫން މަހުގެ ނިޔަަލަށް 547 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު އެ ގޮތުގައި ދެމިއޮވެއްޖެ ނަމަ ދައުލަތުގެ އާމްދަނީ އަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ މަދުވުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.