Roadha Mihaaru
ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގަވައިދެއް

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށުގައި ދައުލަތަށް ނަގާ މުދަލާ މެދު އަމަލުކުރާނެ ގަވައިދު ހަދައިފި

10 އޯގަސްޓް 2020

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައި އެއަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައި އެއަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި ގަވައިދު ބުނާ ގޮތުން، ދައުލަތަށް ނަގާ ފައިސާ އާއި މުދަލުން ލިބޭ އާމްދަނީ ޖަމާކުރަން ކަމާބެހޭ އިދާރާ އިން، އެ އިދާރާގައި އެކައުންޓެއް ހުޅުވަންޖެހޭނެ އެވެ. އެ އެކައުންޓަށް ފައިސާ ނެގޭނީ، ކަމާބެހޭ އިދާރާ އިން އަންގާ ގޮތެއްގެ މަތިންނެވެ.

ކަމާބެހޭ އިދާރާކަމަށް ބުނެފައިވަނީ، މީގެ ހަ އަހަރު ކުރިން އަމަލުކުރަން ފެށި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓު އަމުރަށް އެދުނު ފަރާތަށެވެ.

ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށްވާ ނަމަ ކަމާބެހޭ އިދާރާ އިން އެ އެކައުންޓެއް އޮތް ބޭންކަކަށް ކޯޓު އަމުރު ހުށަހެޅުމުން، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ އެ އެކައުންޓުން އުނިކޮށް، އެމްއެމްއޭގައި ހުޅުވާފައިވާ އެކައުންޓަށް އެ ބޭންކަކުން ޖަމާކުރަންޖެހޭނެ އެވެ. އޭގެ އިތުރުން، ދައުލަތަށް ނަގަން ކޯޓުން އަމުރުކުރި ފައިސާ ހުރީ ދައުލަތުގެ އިދާރާއެއްގެ ނުވަތަ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ކަމަށްވާ ނަމަ، ކަމާބެހޭ އިދާރާ އިން އެ ފަރާތަކަށް ކޯޓު އަމުރު ހުށަހެޅުމުން، އެ އެކައުންޓަށް ޖަމާކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ދައުލަތަށް ނަގާ މުދާ ބަހައްޓަންވާނީ ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގަ އެވެ. އަދި މުދާ ވިއްކާލަންދެން އެކަށީގެންވާ ގޮތަކަށް އަދި އެ މުދަލުގެ އަގު އެކަށީގެންވާ ވަރަށް ވުރެ ދަށްވެގެން ނުވާނެ ގޮތަކަށް ބަލަހައްޓަންވާނެ އެވެ. އެގޮތަށް ބަލަހައްޓަންވާނީ އެ މުދަލަކުން މަންފާ ލިބޭނެ ގޮތަކަށް ކަމަށް ވެސް ގަވާއިދުގައި ބުންޏެވެ.

ޖިނާއީ އިތުރު ކުށެއް ކުރުމަށް ނުވަތަ ގާނޫނާ ހިލާފު އަމަލެއް ހިންގަން ބޭނުންކޮށްފާނެ ކަމަށް ބެލެވޭ މުދަލާއި އެ މުދަލެއް އަތުގައި ބެހެއްޓުމަކީ ނުވަތަ އެ މުދަލެއްގެ މިލްކުވެރިކަން އޮތުމުން ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭ ނަމަ އެ މުދަލެއް ނައްތާލެވޭނެ އެވެ. އޭގެ އިތުރުން އެ މުދަލެއް ބޭނުންކުރުމަކީ ކުށެއް ކަމުގައިވާ ކޮންމެ މުދަލެއް އަދި ކައުންޓަފީޓް މުދަލާއި އެ މުދަލެއް ބެހެއްޓުމުން އާއްމުންގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ބެލެވޭ އަދި ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ މުދަލެއް ވެސް ނައްތާލެވޭނެ އެވެ.

ދައުލަތަށް ނަގާ މުދާ ވިއްކާލަން ވާނީ އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް ލިބޭނެ ގޮތަކަށް ކަމަށާއި އެ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާ ނަމަ އެކަށީގެންވާ އަގެއްގައި ވީ އެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވާނެ އެވެ.

ދައުލަތަށް ނަގާ ސެކިއުރިޓީސް ފިޔަވައި 100،000ރ. އަށްވުރެ އަގުބޮޑު މުދާ ވިއްކާލަންވާނީ އާއްމުކޮށް ހުޅުވާލައިގެން ބީލަމެއްގަ އެވެ.

އެ ފައިސާ އިން ނުވަތަ މުދަލުގެ މައްޗަށް ހެޔޮ ނިޔަތުގައި އަމަލުކުރާ ތިން ވަނަ ފަރާތެއްގެ ހައްގެއް އޮވެދާނެ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓު އަމުރު ނެރޭ ތާރީހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި ކަމާބެހޭ އިދާރާއިން ދެ ހަފުތާ ވަންދެން ގެޒެޓުގައި ޝާއިއުކުރަންވާނެ އެވެ. އެގޮތަށް ޝާއިއުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ ފަރާތްތަކުން ކޯޓަށް އެ މައްސަލަ ހުށަހެޅޭނެ އެވެ.

ހެޔޮ ނިޔަތުގައި އަމަލުކުރާ ތިން ވަނަ ފަރާތެއްގެ ހައްގު ލިބިގެންވާ ފަރާތެއް ކަމަށް ބަލަނީ، އެ ފަރާތަކީ އެ ފައިސާ ނުވަތަ މުދާ ނިސްބަތްވާ ކުށާ ގުޅުންހުރި ކުށެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުމާއި އެއީ ދައުލަތަށް ނެގުނު މުދަލާއި ފައިސާގައި ހަގީގީ މަސްލަހަތެއް އޮތް ފަރާތެއް ކަމުގައި ނުވުމެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުމެއް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ލިބުނު އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެއިން މަންފާ ހޯއްދެވިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ޔާމީންގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ. ޖޫރިމަނާގެ ފައިސާ ހޯދަން ދައުލަތުން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ލޯންޑަކުރެއްވި ފައިސާއާ ގުޅޭ ގޮތުން އަދި ފިޔަވަޅެއް ނާޅަ އެވެ.