Roadha Mihaaru
ދަތުރުމަތީ މީހުން ނަގާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ

ދަތުރުމަތީގައި އެހެން މީހުން ޓެކްސީ އަށް އަރުވާ ނަމަ ހުއްދަ ބާތިލް ކުރަނީ

24 އޮކްޓޯބަރ 2016

ޓެކްސީގައި މީހުން ގޮވައިގެން ދަތުރު ކުރާއިރު މަގުމަތިން މީހުން އަރުވާ ނަމަ ޓެކްސީގެ ލައިސެންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޓެކްސީގައި މީހުން ގޮވައިގެން ދަތުރު ކުރާއިރު މަގުމަތިން މީހުން އަރުވާ ނަމަ ޓެކްސީގެ ލައިސެންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ދީފި އެވެ.

ޓެކްސީ ކުރުމުގެ ގަވާއިދުގެ ދަށުން، ދަތުރެއް ކުރާއިރު އޭގައި ތިބި މީހުންގެ އިޒުނައާ އެކު މަގުމަތިން ޓެކްސީ އަށް މީހުން އެރުވެ އެވެ. އެކަމަކު އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ގިނަ ބަޔަކު މަގުމަތިން އަރުވާތީ، އެކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން އަންނަ ހަފުތާގައި ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަނުގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ދަތުރުމަތިން ކާރަށް މީހުން އަރުވާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅާނެކަން ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ޓެކްސީ އަށް މީހުން އަރުވާ ނަމަ، އެ ޓެކްސީއެއްގެ މައުލޫމާތު ލިޔުމަކުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހެޅުމުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި މި ގޮތަށް ފިޔަވަޅު އަޅަން ޖެހުނީ މަގުމަތިން މީހުން އަރުވަން ކާރުގައި އިންނަ މީހާ ހުއްދަ ނުދޭ ނަމަ އޭނާ ޓެކްސީން ބޭލުވުން ފަދަ ކަންތައްތައް ބައެއް ޑްރައިވަރުން ކުރާތީ އެވެ.

"ބައެއް ޓެކްސީތަކުން މީހުން އެރުވުމުގެ ކުރިން އޭގައި އިންނަ މީހެއް ގާތުން ހުއްދަ ހޯދާ. އަޅުގަނޑު ދެކޭ ގޮތުގައި މިގޮތަށް ހުއްދަ ހޯދާކަށް ނުވެސް ޖެހޭނެ. އެއް ތަނުން އަނެއް ތަނަށް ހުއްޓައި އެކި ސްޓޮޕްތަކުން މީހުން އަރުވާކަށް މިއީ ބަހެއް ނޫން،" ނާފިޒު ވިދާޅުވި އެވެ.

"މިއީ ދާންވާ ވަކި ތަނެއް ކަނޑައަޅައިގެން، ވަކި އަގެއްގައި، ވަކި ބަޔަކަށް ދޭ ހިދުމަތެއް."

ނާފިޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގަވައިދާ ހިލާފުވާ ޓެކްސީތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމާފައި.-- މިހާރު ފޮޓޯ

ނާފިޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގަވައިދާ ހިލާފުވާ ޓެކްސީތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމާފައި.-- މިހާރު ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ގަވައިދާ ހިލާފަށް ދުއްވާ ޓެކްސީތަކަށް އެންމެ ފުުރަތަމަ ދޭނީ ނަސޭހަތެވެ. އެކަމަކު ތަކުރާރުކޮށް އެކަން ކުރާ ނަމަ ޓެކްސީ ބޯޑު އަތުލައި ޓެކްސީ ކުރުމުގެ ހުއްދަ އަތުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސީ ކުރުމުގެ ގަވާއިދުގެ ދަށުން، ދަތުރު މަތީގައި މަގުމަތިން މީހުން ނެގުން މަނާ ކުރުމުގެ އިތުރުން، ޓެކްސީ ދަތުރު ކުރާ ހާލަތު އަންގައިދިނުމަށް ލައިޓު ދިއްލަން ވެސް ޖެހެ އެވެ. އެ ގޮތުން، މީހުން ގޮވައިގެން ދަތުރު ކުރާ ނަމަ، ރަތް ކުލައިން އަދި ޓެކްސީ ހުސްކޮށް އޮތް ނަމަ ފެހި ކުލައިގެ ލައިޓު ދިއްލަން ޖެހެ އެވެ.

ނާފިޒު ވިދާޅުވީ ގަވައިދާ ހިލާފަށް ލައިޓު ދިއްލައިގެން ދަތުރު ކުރާ ކަމުގެ ޝަކުވާ ވެސް އެ ތަނަށް ލިބޭ ކަމަށާއި ފުލުހުންނާ ގުޅިގެން އެކަމަށް ވެސް ފިޔަވަޅު އަޅާ ކަމަށެވެ.

އެކަމަކު، ފޯނުކޮށްގެން ބަޔަކަށް ހިދުމަތް ދިނުމަށް ދާ ޓެކްސީ ވެސް ފެހި ކުލައިން ލައިޓު ދިއްލަން ޖެހުމުން މީހުންނަށް އެ ކަމުން އޮޅުން އަރާ ކަމަށާއި އެހެންވެ އެކަން ހައްލު ކުރުމަށް އިތުރު ކުލަތަކުގެ ލައިޓު ކުރިއަށް އޮތް ތަނުގައި ތައާރަފް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.