Roadha Mihaaru
ބާސާގެ ޑީލު ކުރިއަށްގެންދަން ނޭމާ ޕީއެސްޖީގައި އެދިއްޖެ

ބާސެލޯނާގެ ޑީލު ކުރިއަށްގެންދަން ނޭމާ ޕީއެސްޖީގައި އެދިއްޖެ

17 ޖުލައި 2020

ޕެރިސް (ޖުލައި 17) – ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ނޭމާ އެ ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕެރިސް (ޖުލައި 17) – ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ނޭމާ އެ ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 245 މިލިއަން ޑޮލަރަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ފޯވާޑް އަލުން ގެނައުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 210 މިލިއަން ޑޮލަރު ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ. އަލުން މަސައްކަތް ފަށައި ބާސެލޯނާ އިން އަންނަނީ އަލުން ނޭމާ ގެންނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭމާ މިހާުރު ވަނީ ޕީއެސްޖީގެ އޮފިޝަލުންނާ ރަސްމީކޮށް ވާހަކަ ދައްކައި ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޕީއެސްޖީން އަދިވެސް ރަސްމީ ސިފައެއްގައި ނޭމާ ދޫކޮށްލަން ބާސެލޯނާއާ އެކު މަޝްވަރާތައް މި ފަހަރު ނުފަށަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ބާސެލޯނާ އިން ގެންނަން މަސައްކަތްކުރި އިންޓަ މިލާނުގެ ފޯވާޑް ލަޓާރޯ މާޓީނޭޒް ހޯދުމުގެ ރޭހަށް މެންޗެސްޓާ ސިޓީން ވަނުމުން މިހާރު ބާސެލޯނާގެ ހުރިހާ ފޯކަސް އެއް ބަދަލުވީ ނޭމާ ގެންނާށެވެ.

ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީސް ކްލޯޒް) ނުހިމަނައި ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާ އެކު ކުޅުންތެރިޔާ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއި ކަމަށް ހިމަނާފައިވެ އެވެ. ޕީއެސްޖީއާ އެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓްގެ ފުރަތަމަ ތިން އަހަރު މި ސީޒަނަށް ހަމަވާނެ އެވެ. އެއާ އެކު ފީފާގެ މި ގަވާއިދާ އެއްގޮތަށް ނޭމާގެ ޓްރާންސްފާ ކަންތައްތައް ކުރިއަށް ގެންދެވިދާނެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ކުރިން ބުނި ގޮތުގައި ފީފާ އިން ނޭމާގެ ކޮންޓްރެކްޓަށް ބެލުމަށް ފަހު އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 165 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޕީއެސްޖީން އަގެއް ކަނޑައަޅައިފި ނަމަ ފީފާ އަށް ދާން ނުޖެހި ސަލާމަތްވާނެ އެވެ. ބާސެލޯނާ އިން މަސައްކަތްކުރަނީ ކުޅުންތެރިއަކާ އެކު 90 މިލިއަން ޑޮލަރު ހުށަހަޅައިގެން މި ޑީލް ކުރިއަށް ގެންދާށެވެ. މިހާރު އޮތްގޮތުން ބާސެލޯނާގެ ޝައުގުވެރިކަން ހުރީ އޮސްމާނޭ ޑެމްބެލޭ، ފިލިއްޕޭ ކުޓީނިއޯ ނޫނީ އެންޓޮއިން ގްރީޒްމަން ތެރެއިން އެއް ކުޅުންތެރިއަކު މި ޑީލްގެ ތެރެއިން ދޫކޮށްލާށެވެ.

އަންނަ އަހަރު ބާސެލޯނާގެ ރައީސަކު ހޮވާ އިންތިހާބު އޮންނާތީ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއު މަގާމު ދިފާއުކުރައްވަން ކުރާނެ އިސް މަސައްކަތެއްގެ ތެރޭގައި ނޭމާ އަލުން ގެނައުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާ ދޫކޮށްލަން ނޭމާ ބޭނުންވި އެއް ސަބަބަކީ ބާޓޮމެއު އާއި ކްލަބްގެ ބޯޑާ މެދު ހިތްހަމަނުޖެހޭތީ އެވެ. ބާސެލޯނާގެ ވެރިންނާ ދެކޮޅަށް ނޭމާ ކޯޓަށް ހުށަހެޅި މައްސަލައެއް ނިމުނީ އޭނާއާ ދެކޮޅަށެވެ. ބޯނަހެއް ހޯދަން ބާސެލޯނާއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ކޯޓުން ނޭމާ އަށް އެންގީ މީގެ ސަބަބުން ބާސެލޯނާ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ނޭމާ އެ ޓީމަށް އަށް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފީ އެއް ދައްކާށެވެ.