Roadha Mihaaru
ބިދޭސީން ބޮޑުފިނޮޅަށް ދޫކޮށްލައި ރިޒުން ފައިބައިފި!

ބިދޭސީން ބޮޑުފިނޮޅަށް ދޫކޮށްލައި ރިޒުން ފައިބައިފި، ބަލި މީހުން ޑޮކްޓަރަށް ނުދެއްކިފައި!

10 ޖުލައި 2020

އެތައް މަހަކު މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހަމަނުޖެހުން ހިންގި ބިދޭސީން އެންމެ ފަހުން އެ ރަށަށް ދޫކޮށްލައި އެ މީހުންގެ އެމްޕްލޯޔަރު، ރިޒް ކުންފުނިން އެ ރަށުން ފައިބައިފި އެވެ. އޭގެތެރޭގައި، ވަރަށް ބަލި، ވަގުތުން ފަރުވާ ބޭނުންވާ ތިން ބިދޭސީއަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެތައް މަހަކު މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހަމަނުޖެހުން ހިންގި ބިދޭސީން އެންމެ ފަހުން އެ ރަށަށް ދޫކޮށްލައި އެ މީހުންގެ އެމްޕްލޯޔަރު، ރިޒް ކުންފުނިން އެ ރަށުން ފައިބައިފި އެވެ. އޭގެތެރޭގައި، ވަރަށް ބަލި، ވަގުތުން ފަރުވާ ބޭނުންވާ ތިން ބިދޭސީއަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި 200 އެއްހާ ބިދޭސީން ވެގެން ދިވެހިންތަކެއް ރަހީނުކޮށް ފުލުހުންނާ ކުރިމަތިލުމުން، އެ ރަށުގައި ފުލުހުންނާ އެކު ރިޒް ކުންފުނީގެ އިތުރުން އެ ރަށުގެ ވެރިފަރާތް، ސީލް މޯލްޑިވްސްގެ ދިވެހިން ވެސް ތިއްބެވެ. އެކަމަކު އެ ދެ ކުންފުނީގެ ތެރެއިން ވެސް އެ ބިދޭސީންނާ ހަވާލުވާނެ ބަޔަކު މިހާރު ނެތެވެ.

"މިހާރު"އާ ވާހަކަ ދެއްކި އިތުބާރު ހިފޭ ބޭފުޅަކު މިއަދު ވިދާޅުވީ ބޮޑުފިނޮޅުގައި، ތިބި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ދިވެހިން ވަނީ ބިދޭސީން އެތަނަށް ދޫކޮށްލައި ރަށުން ފައިބައިފައި ކަމަށެވެ. އެތަނުގައި މިހާރު ތިބީ ފުލުހުންނާއި ސީލް މޯލްޑިވްސްގެ ބައެކެވެ.

އެ ރަށުގައި މިހާރު ތިބި 170 އެއްހާ ބިދޭސީންނަކީ ރިޒް ކުންފުނިން މުސާރަ ދޭ މީހުންނަށްވާތީ، ބޭސްފަރުވާގެ ކަންކަން ވެސް ބަލަހައްޓަން ޖެހެނީ އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުނިންނެވެ. އެކަމަކު، ރިޒް ކުންފުނީގެ އަޅާލުމެއް ބިދޭސީންނަށް މިހާރު ނުލިބޭ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"ވަރަށް ބަލި ތިން ބިދޭސީއަކު އެބަތިބި ޑޮކްޓަރަށް ނުދެއްކިފައި. އެ މީހުންގެ ފަރުވާގެ ކަންކަން ހަމަޖައްސައިދޭން ބަޔަކު އަދި ނެތް، އެ މީހުން ޑޮކްޓަރަށް ދައްކައިދޭން އެދި ރޮއެ އާދޭސްކުރަނީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަނީ ތަހުގީގަށެވެ. ބިދޭސީންނާ ދޭތެރޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތަކެއް ހިންގައި ހައްގުތަަކެއް ގެއްލިގެން އުޅޭއިރު، މިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތެއް ސާފެއް ނޫނެވެ. އެ ކޮމިޝަނުން މި މައްސަލައިގައި މިހާތަނަށް ބަޔާނެއް ވެސް ނުނެރެ އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވެސް މި މައްސަލައިގައި ބިދޭސީން ހައްގުގައި އެކަށީގެންވާ މަސައްކަތް ކުރޭތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ބިދޭސީންނަށް ކާބޯތަކެތި ވަނީ ފޯރުކޮށްދީފަ އެވެ.

ރިޒް ކުންފުންޏާއި ސީލް މޯލްޓިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، މުވައްޒަފުން އިންޝުއާ ކުރުން ފަދަ ކަންކަން އޮތީ ރިޒް ކުންފުނީގެ ޒިންމާއެއްގެ ގޮތުގަ އެވެ. އެކަމަކު މުސާރަ ނުދިން މައްސަލައިގައި ވެސް ރިޒް ކުންފުންޏާއި ސީލް ކުންފުނީގެ އަރައިރުމުގައި ތުހުމަތު އަޅުވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގަ އެވެ.

ބިދޭސީން ދޫކޮށްލައި ރިޒް ކުންފުނިން ރަށުން ފޭބީ، ބިދޭސީންނާ ހަވާލުވާން ވެސް އިންކާރުކުރުމަށް ފަހު އެވެ. އެ ކުންފުނިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިދޭސީން ރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުންނެވެ.

ރިޒްގެ ވަކީލުން ބުނެފައިވާ ގޮތުގައި ބިދޭސީން އެރަށުގައި ތިބުމާއި ކެއިންބުއިމަށް މިހާރުު ވެސް ޚަރަދު ކުރަނީ އެ ކުންފުނިންނެވެ. އަދި ހަމަނުޖެހުންތަކުގައި ރިޒް ކުންފުނީގެ ވަރަށް ގިނަ ލިޔުންތައް ގެއްލިފައިވާތީ އާއި ބިދޭސީންނަކީ އެހެން ކުންފުންޏަކުން ގެނެސްފައި ތިބި ބަޔަކަށް ވާތީ އެ މައުލޫމާތުތައް ސާފުކުރަން ލޭބާ ރިލޭޝަންސް އޮތޯރިޓީގައި އެދިފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ މި މައްސަލައިގައި ބޮޑެތި ތުހުމަތުތައް ކުރަނީ ރިޒް ކުންފުނީގެ މައްޗަށެވެ. މި ތަހުގީގަށް މެމްބަރު ރިޒާއާ ވެސް ސުވާލުކޮށްފައިވާއިރު، ފުލުހުން ބުނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.