Roadha Mihaaru
ބޯޓު މައްސަލައިގައި ބަޔާންތައް ނަގައިފިން: އޭސީސީ

ތިލަފުށި ފަޅުގައި އޮތް ބޯޓު މައްސަލައިގައި ބަޔާންތައް ނަގައިފިން: އޭސީސީ

07 ޖުލައި 2020

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން ގާނޫނާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބަޔާން ނަގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިއްޔެ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން ގާނޫނާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބަޔާން ނަގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިއްޔެ ބުނެފި އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އެ މައްސަލައިގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ދެއްވީ އެ މައްސަލަ ބެލުން ލަސްވެފައިވާ ކަމަށް ވިދާޅުވެ، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.

އޭސީސީން ބަލަމުން އަންނަ ކުންފުނިތަކުގެ މައްސަލަތަކާ ގުޅޭ ތަފްސީލަށް އެދިވަޑައިގެން ނާޝިޒް ވިދާޅުވީ އެ ބޯޓު މައްސަލައިގެ ތަހުގީގު ނުނިމޭއިރު، މޯލްޑިވް ގޭސްއާ ގުޅޭ މައްސަލައެއް ވެސް އެސްއޯއީ ކޮމިޓީން ނިންމައި ކޮމިޝަނަށް ހުށަހެޅިތާ އަށް މަސް ވެއްޖެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ގޭސް ސިލިންޑަރުތަކެއް އެތެރެކުރުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށްފައިވާ މައްސަލަ އަށެވެ. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަންގަ އެވެ.

ތިލަފުށީ ބަނދަރުގައި އަޅާފައި އޮތް ވީޓްނާމް ބޯޓު ނައްތާލަން މެދުވެރިވި ސީ ހޯމް ސަފަޔާގެ މައްސަލަ އާއި މޯލްޑިވް ގޭސް އަށް ތުހުމަތުކުރާ މައްސަލައާ މެދު މުއައްސަސާތަކުން އަމަލުކުރަނީ މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅޭ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގައި ހަމަހަމަކަމެއް ނެތް ކަމަށް ބުނެ ފާޑުކިއުން އަމާޒުވާނެ ފަދަ ގޮތަކަށް ކަން، އެމްޑީޕީ މެމްބަރުން ދެކެ އެވެ.

ރައީސް އޮފީހުގެ ޕޯޓަލް އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ޝަޒައިލް ސަސްޕެންޑްކޮށްފައިވާ އިރު އެސްއޯއީ ކޮމިޓީން އިބޫ އަށް ތުހުމަތުތަކެއް ކުރިޔަސް އޭސީސީން އެ މައްސަލަ ބަލާތީ އޭނާއާ މެދު ރައީސް އޮފީހުން ފިޔަވަޅެއް ނާޅަ އެވެ.

ނާޝިޒް އެއްސެވީ އެސްއޯއީ ކޮމިޓީން ނިންމައި ތަހުގީގު ކޮށްދޭން އެދިފައިވާ ސީ ހޯމް ސަފަޔާ މައްސަލަ ލަސްވާ ސަބަބެވެ.

ޝިއުނާ ވިދާޅުވީ ޖީއެމްއައިޒެޑްއާ ބެހޭ ގޮތުން 10 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސީ ހޯމް ސަފަޔާ ކޭސްގައި މިހާރު ކުރިއަށް ދަނީ ޑޭޓާ އެނަލިސިސްގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް މައްސަލަތަކުގެ ތަހުގީގުގައި ކުރިއެރުންތައް ލިބޭ މިންވަރުން ތަހުގީގު އިތުރަށް ފުޅާވެ އެވެ.

ތިލަފުށީގައި ގުދަންތަކެއް އެޅުމަށް ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރި މައްސަލައިގެ ތަހުގީގު ވެސް އެބަދާ ކަމަށާއި އެ މައްސަލަ އަންނަ މަހު ނިންމާލެވޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އެއީ މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް، އަލިފާނުގެ ބޮޑެތި ހާދިސާތަކަކާ ގުޅިގެން ތިލަފުއްޓަށް ބަދަލުކުރަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މައްސަލަ އެވެ.

މި ދެ މައްސަލައާ ބެހޭ ގޮތުން ސުވާލުކުރަން ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދާއި ކުންފުނީީގެ ބޯޑުގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ދުވަހު އެ ކުންފުނީގެ ޗެއާމަން ސައުދުﷲ އަހުމަދާއި ބޯޑުގެ އެެހެން މެމްބަރުން އިބޫ އަށް ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. އެ ބޭފުޅުން ވިދާޅުވީ ބޮޑެތި ކަންތައްތައް އިބޫ ނިންމަވަނީ ބޯޑާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. ތިލަފުށި ފަޅުގައި އޮތް ބޯޓު ނަގަން ބަޔަކާ ހަވާލުކުރި އިރު އެކަމުގައި ވެސް އަމަލުކުރެއްވީ ރަނގަޅަށް ނޫން ކަމަށް ސައުދާއި އެހެން ބޭފުޅުން ވިދާޅުވި އެވެ.

އެކަމަކު އިބޫ ވިދާޅުވީ އޭނާ ހުރިހާ ކަމެއް ވެސް ކުރައްވާފައި ވާނީ ކުންފުނީގެ ބޯޑުން ކުރިން ފާސްކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. ބޯޓު ނަގަން ބަޔަކާ ހަވާލުކުރި މައްސަލަ އޭސީސީން ބަލައި، އެކަމުގައި ކޮރަޕްޝަން އެކުލެވިފައި ނުވާ ކަމަށް އޭސީސީން ބުނެފައިވާ ކަމަށް ވެސް ކޮމިޓީގެ ބައްދަލުވުމުގައި އިބޫ އޭރު ވިދާޅުވި އެވެ.

އެސްއޯއީ ކޮމެޓީން ބޯޓުގެ މައްސަލަ ބެލުމަށް ފަހު އެ ކޮމެޓީން ނިންމީ އެކަމުގައި ޖީއެމްއައިޒެޑްއެލްގެ ވެރިންނާއި އިބޫ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށެވެ. މި މައްސަލައިގައި ބޭއްވި ކޮމިޓީގެ އެކި ބައްދަލުވުންތަކުގައި ވެސް މެމްބަރުން ވަނީ ބޯޓު ނެގުން ހަވާލުކުރުމުގައި ސުވާލު އުފެދޭ ގޮތަށް ގްރޭޓާ މާލެ ކުންފުނީގެ މެނޭޖުމަންޓުން އަމަލު ކޮށްފައިވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.