Roadha Mihaaru
ކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި

ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

28 ޖޫން 2020

ށ. މިލަންދޫގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ށ. މިލަންދޫގައި އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މާޗް، 2011 ގައި މިލަންދޫގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ ޖަލަށްލާން 2016 ގައި އެ ރަށު ކޯޓުން ކުރި ހުކުމް 2017 ގައި ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އަނިޔާ ލިބުނު ކުއްޖާގެ ބަޔާނުގައި ތެދު ބަހުން ވާހަކައެއް ކިޔައިދޭހާ ގިނަ ތަފުސީލުތައް އެބަހުރި ކަމަށާއި އެ ކުއްޖާގެ ބަޔާނާއި ކުއްޖާގެ ބައްޕަ އަށް އެ ކުއްޖާ ކިޔައި ދީފައިވާ ކިޔައި ދިނުމުގައި ތަފާތެއް ނެތް ކަމަށެވެ. އެ ކުއްޖާ އެފަދަ ވާހަކައެއް ހަދަހަދައިގެން ދައްކަންވީ އެއްވެސް ސަބަބެއް ދައުވާ ލިބުނު މީހާ އަށް ނުދެއްކޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

ހުކުމުގައިވާ ގޮތުން، ދައުވާ ލިބުނު މީހާގެ ނިޔަފަތި ދަށުން ނެގި ޑީއެންއޭ އާއި އަނިޔާ ލިބުނު ކުއްޖާގެ ޑީއެންއޭ ދިމާވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކަ އެވެ. ޑީއެންއޭގެ ސާމްޕަލް ނެގީ ކޯޓު އަމުރެއް ނެތި ކަމަށް ބުނެ އެ މީހާގެ ފަރާތުން އެކަމާ މެދު ކޯޓުގައި ސުވާލު އުފެދިޔަސް، ކޯޓު އަމުރެއް ބޭނުންވަނީ ސާމްޕަލް ދިނުމަށް އިންކާރުކުރާ ހާލަތުގައި ކަމަށާއި އެކަމަކު ދައުވާ ލިބުނު މީހާ ސާމްޕަލް ދޭން ދެކޮޅު ހެދިކަން އެނގެން ނެތުމުން އެއީ އިޖްރާއާތާ އެއްގޮތަށް ކުރި ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ އިއްތިފާގުން ނިންމަވާފައި ވަނީ އެ މީހާ ޖަލަށްލާން ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިއީ ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހެކި ވަޒަން ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ދާދިފަހުން ނިންމި ބޮޑު ނިންމުމަށް ފަހު، އެ ކޯޓުން ނިންމި އެފަދަ ފުރަތަމަ މައްސަލަ އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި އެފަދަ މައްސަލަތަކުގައި ކޯޓުތަކުން ހެކި ވަޒަން ކުރަމުން އައި ގޮތް ރަނގަޅު ނޫން ކަމަށް ނިންމައި، ހެކި ވަޒަން ކުރުމާ ބެހޭ އާ އުސޫލުތަކެއް ކަނޑައެޅި އެވެ.