Roadha Mihaaru
ރޭޕްގެ މައްސަލަ: ގެސްޓު ހައުސްތައް ނުބެލެހެއްޓޭ

11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަ: ގެސްޓު ހައުސްތައް ނުބެލެހެއްޓޭ

13 ޖޫން 2020

މާލޭގެ ގެސްޓު ހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމާ ގުޅިގެން، ޓޫރިޒަމާއި ދަތުރުފަތުރުކުރުމުގެ ދާއިރާ އިން ހަރުކަށި ފިޔަވަޅުތައް އެޅުމަށް، ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އާކުން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ގެސްޓު ހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމާ ގުޅިގެން، ޓޫރިޒަމާއި ދަތުރުފަތުރުކުރުމުގެ ދާއިރާ އިން ހަރުކަށި ފިޔަވަޅުތައް އެޅުމަށް، ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އާކުން މިއަދު ގޮވާލައިފި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ކުޑަ ކުއްޖާ ރޭޕްކުރީ މަގުމައްޗަށް ނުކުތްތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންދިއުމަށް ފަހު އެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 38 އަހަރުގެ ފިރިހެނަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް އުމުރުން 16 އަހަރު ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ފުލުހުން އޭރު ބުނެފައިވަނީ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާ އަށް ވީނުވީއެއް ނޭނގި، ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ މައްސަލައެއް އާއިލާ އިން ހުށަހެޅުމުން ކަމަށެވެ. ރޭޕްކޮށް، ކުޑަކުއްޖާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، މީގެ 10 އަހަރުކުރިން އުފެއްދި އާކުން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް މިނިސްޓްރީގައި ގެސްޓް ހައުސްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ތަންތަން ގަވައިދުން މޮނިޓާ ނުކުރެވޭ ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ވެސް ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރާ ކަމަށެވެ.

ގެސްޓް ހައުސްތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ނާޖައިޒު ފައިދާ ނެގުމުގެ ކަންކަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް އާކުން ގޮވައިލި އެވެ.

"އެކްސްޕްލޮއިޓް ކުރުމުގެ މަގުސަދުގައި ކުޑަކުދިން އެއް ރަށުން އަނެއް ރަށަށް ގެންދާ ކަމަށް ރިޕޯޓުކުރެވޭ މައްސަލަތައް އިތުރުވަމުން ދާތީ، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ދަތުރުފަތުރުކުރުމާ ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތައް އިތުރަށް ހަރުދަނާކުރުމަށް ވެސް އާކުން ގޮވާލަމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ދެ މައްސަލަ ތަހުގީގުކޮށް، މިދިޔަ ފެބްރުއަރީ 20 ގައި ތަންފީޒުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މައްސަލައިގައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅަން ގޮވާލާފައި ވެ އެވެ.

އާކުން ބުނިގޮތުގައި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުއީ އަދި އިޖުތިމާއީ ދާއިރާގައި ރަނގަޅު ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ސަބަބުން އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރަން ބޮޑެތި ހުރަސްތަކެއް ހުރި ކަމަށެވެ.

އުމުރުން 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ފިރިހެންމީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދޭން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ވެސް އެދިވަޑައިގެންފަ އެވެ.