Roadha Mihaaru
ކެންސަރާ ދެކޮޅަށް އަމަލުކުރާނެ އާ ގައިޑްލައިނެއް

ކެންސަރާ ދެކޮޅަށް އަމަލުކުރާނެ އާ ގައިޑްލައިނެއް

11 ޖޫން 2020

ކެންސަރާ ދުރުވެ ތިބުމަށް ބެލެންސް ޑައިޓަކާ އެކު، ގަވައިދުން ކަސްރަތު ވެސް ކުރަންޖެހޭނެކަން ފާހަގަކޮށް އެމެރިކަން ކެންސަ ސޮސައިޓީން އަންގާރަ ދުވަހު އާ ގައިޑްލައިނެއް ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެންސަރާ ދުރުވެ ތިބުމަށް ބެލެންސް ޑައިޓަކާ އެކު، ގަވައިދުން ކަސްރަތު ވެސް ކުރަންޖެހޭނެކަން ފާހަގަކޮށް އެމެރިކަން ކެންސަ ސޮސައިޓީން އަންގާރަ ދުވަހު އާ ގައިޑްލައިނެއް ނެރެފި އެވެ.

އޭގައި ބުނެފައިވާ ގޮތުގައި ކެންސަރުން ސަލާމަތްވުމަށްޓަކައި ކެއުމަށް ގެންނަ ބަދަލުތަކުގެ އެންމެ މުހިއްމު ބަޔަކަށް ވާން ޖެހެނީ ކުލަގަދަ ތަރުކާރީގެ ބާވަތްތަކާއި ހޯލް ގްރެއިންގެ ބާވަތްތަކެވެ. ބަތް ކައްކާ އިރު، ހުދު ހަނޑުލު ބަތުގެ ބަދަލުގައި ބްރައުން ރައިސް އަދި ފުށް ބޭނުންކުރާ ނަމަ ރިފައިންޑް ފުށުގެ ބަދަލުގައި އެންމެ ރަނގަޅީ ހޯލް ގްރެއިން ފުށެވެ.

ގައިޑްލައިނުގައިވާ ގޮތުން ބަރުދަނާއި ކެންސަރާ ވެސް ގުޅުން ހުރިކަން ހާމަވާތީ ބެލެންސް ޑައިޓެއް ގެންގުޅުމާ އެކު، ގަވައިދުން ކަސްރަތުކުރުމަކީ ކެންސަރުން އެންމެ ފަސޭހަ އިން ރައްކާތެރިކަން ހޯދޭނެ ގޮތެވެ. ވޯލްޑް ކެންސަ ރިސާޗް ފަންޑުން ބުނާގޮތުގައި ކެންސަރުގެ 12 ބާވަތަކަށް ފުރުސަތު ހުޅުވެނީ ބަރުދަން އިތުރުވުމާއި އާދަޔާހިލާފަށް ފަލަވުމުގެ ސަބަބުންނެވެ.

ކެންސަ ސޮސައިޓީގެ ގައިޑްލައިނުގައި ބުނާ ގޮތުން ކެންސަރުން ރައްކާތެރިކަން ހޯދުމަށް ކެއުމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލުތަކާ އެކު އެއްގަމު މަހުގެ ބާވަތްތައް މަދުކޮށް، ބަނގުރަލާއި ގިނަ އަދަދަކަށް ހަކުރާއި ސޮޑާ އެކުލެވޭ ބުއިންތައް ވެސް ދޫކޮށްލަން ޖެހެ އެވެ. ހަމަމިއާ އެކު ޕްރޮސެސްކުރި ކާނާތަކާއި ބަންދުކުރި ތައްޔާރީ ކާނާތަކާ ވެސް ދުރުވާން ޖެހެ އެވެ. މީގެ އިތުރުން ޖޫސް ފަދަ އެއްޗެހި ބޭނުންކުރާ އިރު، ތާޒާ މޭވާ އާއި ތަރުކާރީ ޖޫސް ބޭނުންކުރުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

ކެންސަ ސޮސައިޓީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ފޮ ފްރިވެންޝަން ލައުރާ މެކަރޯފް ވިދާޅުވި ގޮތުގައި ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގައި ހަމައެކަނި "ނިއުޓްރިއަންޓް-ސެންޓްރިކް" އެޕްރޯޗް ދޫކޮށްލައި "ހޮލިސްޓިކް ޑައިޓްރީ ޕެޓާންއެއް" އިހުތިޔާރުކުރުމަކީ މިހާރުގެ ހޯދުންތަކަށް ބަލާ އިރު އެންމެ ރަނގަޅު ގޮތެވެ.

"އޭރުން ރަނގަޅު އަސްލު ރަނގަޅު ނަތީޖާއެއް ނެރެވި، ދުޅަހެޔޮ ލައިފްސްޓައިލަކަށް މަގުފަހިވާނީ." އޭނާ ވިދާޅުވި އެވެ.

ކެއުމަށް ގެންނަ މި ބަދަލުތަކާ އެކު އެންމެ މުހިއްމު ވަނީ ގަވައިދުން ކަސްރަތުކުރުމެވެ. އެގޮތުން ހަފުތާއަކު މަދުވެގެން 75-300 މިނިޓްގެ ކަސްރަތު ބޭނުންވެ އެވެ. އެކަމަކު ކަސްރަތުކުރުމުގެ މާނަ އަކީ އިންޓެސްޓް ވޯކްއައުޓްތަކެއް ހެދުމެއް ނޫނެވެ. އޭގެ ބަދަލުގައި ހިނގުމާއި ދުވުމާއި ޔޯގާ އާއި ނެށުން ފަދަ ކަންކަމުން ވެސް ހަށިގަނޑަށް ބޭނުންވާ ހަރަކާތްތެރިމާ އެކު ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމަށް ގައިޑްލައިންގައި ފާހަގަކޮށްފައިވެ އެވެ.

ކެންސަ ސޮސައިޓީން ވަނީ ގައިޑްލައިިނުގައި ބުނާ ކަންކަމަށް މަގުފަހިވާ ގޮތަށް ކަންކަން އިންތިޒާމުވެފައި ހުރުން ވެސް ވަރަށް މުހިއްމު ކަމަށް ބުނެފަ އެވެ. އެގޮތުން ސިއްހަތަށް ފައިދާ ހުރި ކާނާ ހުރިހާ އެންމެންނަށް ވެސް އަތްފޯރާ އަގެއްގައި ލިބުމާއި ކަސްރަތުކުރާނެ ޖާގަތައް ފަހިކޮށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.