Roadha Mihaaru

ޖިނާއީ ކަމެއް ބެލުމަކީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިޔަސް ޖިނާއީ ކަމެއް ހިންގައިފި ނަމަ ފުލުހުންނަށް ބެލޭނެ ކަމަށާއި އެއީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

"ތަހުގީގުކުރުމަކީ މަޖިލީހުގެ އިންތިޒާމާ ބެހުމެއް ނޫން"
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

05 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިޔަސް ޖިނާއީ ކަމެއް ހިންގައިފި ނަމަ ފުލުހުންނަށް ބެލޭނެ ކަމަށާއި އެއީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ މެންދަމު ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް، އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައި ވެ އެވެ.

އިމްރާން އެހެން ވިދާޅުވީ، އެ ރޭގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަންނަވަން އެންގެވި ނަމަވެސް އެއާ ދެކޮޅު ހެއްދެވުމުން ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތްތަކާ އެކު ގަޔަށް އަތްލައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ ނަޝީދުކަން، ހާމަވެފައިވާ ވީޑިއޯތަކުން އެނގެ އެވެ. މަޖިލީހުގެ ތަޅުމުގައި ރިޔާސަތުން ނަން އިއްވާ މެމްބަރުން ނެރުމަށް އެހެން މެމްބަރުން ބައިވެރި ކުރުމަކީ މަޖިލީހުގެ ގަވައިދާ ޚިލާފު އަމަލެކެވެ.

މަޖިލީހުގެ ތަޅުމުގައި މި ހިންގި ކަންކަން ބައްލަވާނެ ކަމަަށް މިނިސްޓަރު އިމްރާން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު އެކަމަށް ފާޑުވިދާޅުވިދާޅުވި އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އިމްރާންގެ އަދާލަތު ޕާޓީ އަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ކިބައިގައި ހުރެގެން ނުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އުޝާމް މިރޭ "މިހާރު"އަށް ވިދާޅުވީ މަޖިލީހުގައި ވެސް ޖިނާއީ އަމަލެއް ހިނގި ކަމަށް ބެލެވިއްޖެ ނަމަ ފުލުހުންނަށް އެކަން ތަހުގީގުކޮށް، ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ނަމަ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހަށް ވެސް ފޮނުވޭނެ ކަމަށެވެ.

"އެއީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ހިނގި ކަންތައްތައް ތަހުގީގު ކުރައްވާނެ ކަަމަށް އިމްރާން ވިދާޅުވުމުން ހަސަން އެކަމަށް ފާޑުވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން އަމިއްލަ މެމްބަރު އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވެސް ޖިނާއީ ކުށެއް ކޮންމެ ތަނެއްގައި ކުރި ނަމަވެސް އެކަން ބެލޭނެކަން ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެނގޭ ކަމަށެވެ.

މެމްބަރު އުޝާމްގެ ޓުވީޓް

މަޖިލީހުގެ ތަޅުމުން ޝިޔާމް ނެރެން އުޅުމުގެ ތެރޭގަ އޭނާ އަށް އެމްޑީޕީގެ މެމްބަރުން ހަމަލާ ދިން ކަމަށް ތުހުމަތުކޮށް އިދިކޮޅުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރެއްގެ ނަން އިއްވުމުން ނުކުމެވަޑައި ނުގަންނަވާ ނަމަ އެ މެމްބަރަކު ތަޅުމުން ނެރުމަކީ ސާޖަންޓް އެޓް އާމްސްގެ ޒިންމާ އެކެވެ.