Roadha Mihaaru
އީދު ވެސް އެ ދިޔައީ މި ފަޅުކަމުގައި

އީދު ވެސް އެ ދިޔައީ މި ފަޅުކަމުގައި

25 މެއި 2020

އެހެންޏާ ނަމަ، ހަވީރުގެ އެ ވަގުތުކޮޅު، މާލޭ ފަތާ ޓްރެކް ސަރަހައްދު އޮންނާނީ އެކި އުމުރުގެ މީހުންތަކުން ފުރިފަ އެވެ. ރަސްފަންނުން ފެންނާނީ ކުޑަކުދިން ނަލަ ހައްދައިގެން، މައިންބަފައިންނާއި އާއިލާތައް ހުރި ގޮތަށް، ހިނގަން ގޮސް ފޮޓޯ ނަގާ މަންޒަރެވެ. ޖުމްހޫރީ މައިދާން ފުރިފައި އޮންނާނީ އުފާވެރި މޫނުތަކުންނެވެ. އާޓިފިޝަލް ބީޗުގެ ގޮނޑުދޮށުން ފެށިގެން، އެއްގަމަށް ދަންދެން ކުދިންގެ ދުވުމާއި ސަކަރާތް ޖެހުމާއި ބޮޑެތި މީހުންގެ އިޖުތިމާއީ ގުޅުމުގެ އެއްވުންތަކެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އެކަމަކު އިއްޔެ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު، ރާއްޖޭގެ ވެރިރަށް، އޮތީ "މަރުވެފަ" އެވެ. ބޮޑުތަކުރުފާނު މަގުގެ ވަށައިގެން ވެސް، އެ ހުސްކަމެވެ. މިއީ އަހަރެމެން ކޮންމެ އަހަރަކު ކުރިމަތިލާ އެންމެ އުފާވެރި ފިތުރު އީދު ދުވަސް، 2020 ގައި މާޒީވި ގޮތެވެ.

އެންމެން އެ ތިބީ ގޭބަންދެއްގަ އެވެ. ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެ ނޫން އެހެން ގޮތެއް އަދި ހޯދިފައި ނެތުމުން، އީދު ދުވަސް ފަދަ އިޖުތިމާއީ ގުޅުންތަކުން ފުރިފައި އޮންނަ ދުވަސްތައް ނިމިގެން އެދަނީ އެކަނިވެރިކަމާއި ހުސްކަމުގެ ތެރޭގަ އެވެ. މިއީ ބަލަން ހިތްދަތި މަންޒަރެކެވެ.

މޭ 24، 2020 ގައި ފާހަގަކުރި ފިތުރު އީދު ދުވަހުގެ އިރު އޮއްސުނު ވަގުތު ޖުމްހޫރީ މައިދާން: ކުރިން ނަމަ މި ގަޑީގައި އެތަން އޮންނާނީ މީހުންތަކުން ފުރިފައި

މޭ 24، 2020 ގައި ފާހަގަކުރި ފިތުރު އީދު ދުވަހުގެ އިރު އޮއްސުނު ވަގުތު ޖުމްހޫރީ މައިދާން: ކުރިން ނަމަ މި ގަޑީގައި އެތަން އޮންނާނީ މީހުންތަކުން ފުރިފައި

މާލެ ލޮކްޑައުންގައި އޮންނަތާ ދޮޅު މަހަށް އެޅިގެން ދާއިރު، އަދި މި ބަންދުވުމާ މެދު ތަފާތު ހިޔާލުތަކެއް ހުއްޓަސް، ކަމުގެ ހަގީގަތަށް ބަލާ ނަމަ، ރައްޔިތުން އެ ތިބީ ބޯލަނބައިގެންނެވެ. މާލެ ކަހަލަ ބައިބޯ ތަނެއްގައި، މަގަކުން "މީހަކު ދެ މީހަކު" ފެނުމަކީ ރަސްމީ އިދާރާތަކުގެ އެންގުންތަކަށް ފުރަގަސްދިނުމެއް ނޫނެވެ. ރައްޔިތުން ތިބީ ގޭގަ އެވެ. އީދު ވެސް އެ ދިޔައީ ގޭގައި ތިއްބަ އެވެ.

ޓްރެކް ދަނޑު ކައިރީގައި މަޑުކޮށްލައިގެން ހުރެ، ބޮޑުތަކުރުފާނު މަގުގެ އެއްކޮޅަށް ބަލައިލެވުނެވެ. މިދިއަ އަހަރުގެ މި ދުވަސް ނަމަ، ނުވަތަ މާތްﷲގެ ރަހުމަތްފުޅުން ހުރިހާ ކަމެއް ހަމަޖެހި، ހެލިފެލިވެއުޅުމުގެ މިނިވަންކަން ދެން އަންނަ ފިތުރު އީދެއްގައި އަލުން ލިބިއްޖެ ނަމަ، މި މަގު އޮތީ/އޮންނާނީ ފުރިފަ އެވެ. ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެއަށް ދާ މީހުންގެ ވެހިކަލްތަކެވެ. މާލޭގައި ހަވީރު ފިންޏަށް ބުރު ޖަހަން ނުކުމެ އުޅޭ ސައިކަލްތަކެވެ. އީދަކަސް، މި ބިޒީ ވެރިރަށުގެ އެކި ހިދުމަތްތައް ދަމަހައްޓަން ގެންގުޅޭ ލޮރީ/ޕިކަޕް/ވޭންތަކެވެ. ފައިމަގުގައި ހިތްހަމަޖައްސާލަން ނުކުމެ އުޅޭ އެކި އުމުރުގެ އާންމު ރައްޔިތުންނެވެ.

މޭ 24، 2020 ގައި ރަސްފަންނު ސަރަހައްދު: އީދު ދުވަސްތަކުގައި ގިނަ ބަޔަކު އެތަނަށް އެއްވިޔަސް މިފަހަރު އެ ފުރުސަތެއް ނުލިބުނު

މޭ 24، 2020 ގައި ރަސްފަންނު ސަރަހައްދު: އީދު ދުވަސްތަކުގައި ގިނަ ބަޔަކު އެތަނަށް އެއްވިޔަސް މިފަހަރު އެ ފުރުސަތެއް ނުލިބުނު

ޓްރެކް ދަނޑަކީ ހަމައެކަނި މީހުން ކަސްރަތުކުރަން ބޭނުންކުރާ ތަނެއް ނޫނެވެ. އެއީ މިކަހަލަ ބޮޑެތި ބަންދު ދުވަސްތަކުގައި، ދަނޑުގެ ފެހި ވިނަގަނޑު އަރާ ގޮތަށް ނަގާ ހިތްގައިމު ސެލްފީތަކަށް ވެސް ހާއްސަ ތަނެކެވެ. އެހެންކަމުން ކުޑަކުދިންނާ އެކު ގޮސް އެތައް ބަޔަކު ވަގުތު ހޭދަކުރެ އެވެ. އެކަމަކު މި ލޮކްޑައުން އައުމުގެ ވެސް ކުރިން އެތަން ބަންދުކޮށްފި އެވެ. އެކި ހިސާބުތަކަށް އެއްވެ، ގިނަވެފައި ހުރި ފަތް ފަދަ ކުނިބުނިން ސިފަކޮށްދެނީ، މީހަކު ކައިރި ވެސް ނުވެ، އެތަން އޮންނަތާ ލައްކަ ދުވަސް ވެއްޖެ ކަމެވެ.

ހިއްކައިގެން ހަދާފައި އޮތް ބޮޑު ކަނޑު ތޮއްޓެއް ނަގައި، މޫދަކަށް ބަދަލުކޮށް، ބީޗެއްގެ ސިފާގައި ރަސްފަންނު ތަރައްގީކުރި ފަހުން އައި ކޮންމެ އީދެއްގައި އެއީ އާއިލީ ފިނިބުރުގެ އެއް މައިޒާނެވެ. ގެއިން ބޭރަށް ނުކުމެ، ދުވެ އުޅެލުމުގެ މިނިވަންކަމުގައި އެތައް ސަތޭކަ ކުދިންގެ ހަޅޭއްފަޅޭއްކުގެ އަޑު އިވިއިވި ހުރެ އެވެ. އެކަމަކު އިއްޔެ އެންމެ ކުޑަކުއްޖަކު ވެސް ނެތެވެ.

އީދު ކަހަލަ ދުވަސްތަކުގައި އެންމެ ގިނަ ބަޔަކު އެއްވެ އުޅޭ ކާނިވާ ސަރަހައްދު: މިކަހަލަ ހުސްކަމެއް ދުވަހަކު ވެސް ނުފެނޭ

އީދު ކަހަލަ ދުވަސްތަކުގައި އެންމެ ގިނަ ބަޔަކު އެއްވެ އުޅޭ ކާނިވާ ސަރަހައްދު: މިކަހަލަ ހުސްކަމެއް ދުވަހަކު ވެސް ނުފެނޭ

ޖުމްހޫރީ މައިދާން ސަރަހައްދު، ރޭގަނޑު ދަންވަރު ވެސް އެހާ ހުސްކޮށެއް ނޯންނާނެ އެވެ. ބިދޭސީން އެކަންޏެއް ނޫނެވެ. އީދުގައި ދިވެހި އާއިލާތަކުން ވެސް އެތަން ފުރިބަންޑުންކޮށްލަ އެވެ. އެކަމަކު އިއްޔެ މީހަކު ނުފެނުން އެކަންޏެއް ނޫނެވެ: ޓޫރިޒަމް ހުއްޓިފައި އޮތުމުގެ ހިތާމަވެރި ހަގީގަތް ވެސް ބުނެދިނީ އެވެ. ރަސްމީ ފާލަމާއި އެ ފާލަމުގެ ދެ ފަރާތަށް ޖައްސާ/ނައްޓާލައި އުޅަނދެއް ވެސް ނެތެވެ. ކައިރި ރިސޯޓްތަކުން މާލެ އަންނަ/ފުރާ ބަޔަކު ވެސް ނެތެވެ. އެ ހަރަކާތްތައް ބަލަން އެތަނުގައި މަޑުކޮށްލައިގެން ތިބޭ މީހުންނެއް ވެސް ނެތެވެ.

މި ހުސްކަމާއި ފަޅުކަން އަހަރެމެންނަށް އެ ކިޔައިދެނީ ނިކަމެތިކަމުގެ ވާހަކަ އެވެ. މަޑުޖެހުމެއް ނެތް ހަރަކާތްތަކުން ފުރިފައި އޮތް ދިރިއުޅުމެއް ނެތިދާ ގޮތުގެ ވާހަކަ އެވެ. ކިތައްމެ ބޮޑު ތަރައްގީއެއް ލިބުނު ކަމަށް ހީކުރިއަސް، އަހަރެމެންގެ ބާރެއް ނެތްކަމުގެ ވާހަކަ އެވެ.

ފިތުރު އީދު ދުވަސް: ކުރިން ނަމަ މީހުން ފުރިފައި އޮންނަ އެއް ނަންބަރު ފާލަން ކައިރި ވެސް ހުހަށް

ފިތުރު އީދު ދުވަސް: ކުރިން ނަމަ މީހުން ފުރިފައި އޮންނަ އެއް ނަންބަރު ފާލަން ކައިރި ވެސް ހުހަށް

އެމެރިކާގެ ފަލަކީ އިލްމުވެރިޔާ އަދި ފިޒިސިސްޓް ނީލް ޑިގްރޭސް ޓައިސަން މި ފަހުން ލިއުއްވި އެވެ: އަހަރެމެން އިންސާނުން ހީކުރީ، މި ސޯލާ ސިސްޓަމްގެ ހުރިހާ ބާރެއް އޮތީ އަހަރެމެންގެ އަތުގައި ކަމެވެ. ނަމަވެސް ކޮރޯނާވައިރަސް އިން އެ ދައްކައިދެނީ އެއީ ހަގީގަތެއް ނޫން ކަމެވެ.

ހަގީގަތަކީ އަހަރެމެން މި ތިބީ ގޭބަންދުގައި ކަމެވެ. ހަގީގަތަކީ އަހަރެމެންގެ ކުރީގެ މިނިވަން ދިރިއުޅުން އެހާ ފަސޭހައިން އަނބުރާ ލިބެން އަދި ނެތްކަމެވެ. ހަގީގަތަކީ ގެއިން ބޭރަށް ނުކުތަސް އެންމެ ކައިރި އެއްޗަކީ އެ ވައިރަސްކަމެވެ.

އާނއެކެވެ. ބޭރަށް ނުކުމެނުލާ ތިއްބާ ރޯދަ ވެސް މާޒީވީ އެވެ. ފިނި ވައިކޮޅެއް ޖައްސާނުލެވި، އެންމެ ފަހުން އީދު ވެސް އެދިޔައީ އެވެ.

މިތިބީ ގޭގެ ހަތަރު ފާރު ތެރޭގައި، މަޑުކޮށްގެންނެވެ. ބަންދުން ފިލާނެ އިރެއްގެ އިންތިޒާރުގަ އެވެ. އެކަމަކު އެ ވައިރަސްއާ ތަޅާފޮޅާ ނިމެން އަދި ކައިރި ވެސް ނުވެ އެވެ. މިއީ ކޮރޯނާވައިރަސް އާއި ކޮވިޑް-19 ގެ ޖީލެވެ. ބައެއް މީހުން އުސޫލުތައް މުގުރަމުން ބޭރަށް ނުކުތަސް، މުޅި އާބާދީއަށް ނިސްބަތްކުރަންޏާ މިއީ ކެތްތެރިކަމުގެ ވެސް ޖީލެކެވެ.