Roadha Mihaaru
ނިއު ނޯމަލްގައި ދެތިން މަހު އުޅެން ޖެހިދާނެ: އަފްޒަލް

ނިއު ނޯމަލްގައި ވެސް ދެތިން މަހު އުޅެން ޖެހިދާނެ: ޑރ. އަފްޒަލް

17 މެއި 2020

ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ ނިއު ނޯމަލްގައި ވެސް ދެތިން މަހު އުޅެން ޖެހިދާނެ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ ނިއު ނޯމަލްގައި ވެސް ދެތިން މަހު އުޅެން ޖެހިދާނެ ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންގެ ހާލަތު އުވާލުމާ އެކު ދިރިއުޅެން ޖެހޭނީ 'ނިއު ނޯމަލް' އެއްގައި ކަމަށެވެ. ބޮޑު ސާޖެއް ނައިސް މިކަމުން ސަލާމަތްވެވޭނީ ނިއު ނޯމަލްގައި ދެތިން މަހު ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުން އުވާލުމާ އެކު އާއްމުން މަގުމައްޗަށް ނުކުމެ ކުރިން އުޅުނު ގޮތަށް އަމަލުތައް ބެހެއްޓުން އެކަށީގެންވެ އެވެ. މި ބަލީގައި އެއީ ވަރަށް ބޮޑު ބިރެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ނިއު ނޯމަލްގައި ސަމާލުވާން ޖެހޭ ކަންކަން ކިޔައިދެއްވަމުން އަފްޒަލް ވިދާޅުވި ގޮތުގައި ގޭތެރޭގައި ވެސް އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި ފާހަނަ ފަދަ ތަންތަން ބޭނުން ކުރުމަށް ފަހު ސާފުކޮށްލުމާއި، ވަކިން ހާއްސަކޮށް ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް ސަމާލުކަން ދޭން ޖެހެ އެވެ.

"ގޭގަ ތިބޭ އެންމެންނަކީ ހައިރިސް [އުމުރުން 65 އަހަރުން މަތީގެ] މީހަކާ ކޮންޓެކްޓްވާ މީހަކަށް ވެގެން ނުވާނެ، އަދި އޭގެ ތެރެއިން ވަކިން ހާއްސަކޮށް ބޭރަށްދާ މީހާއަކީ އެފަދަ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވާ މީހަކަށް ވެގެންނުވާނެ" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ލޮކްޑައުން ދޫކޮށްލިއަސް ގޭގައި އުޅޭ އެންމެން ބޭރު ތެރެއަށް ނުކުމެ ނޫޅޭން އޭނާ އެދިވަޑައިގަތެވެ. ޒަރޫރީ ބޭނުންތަކުގައި ނުކުންނަ އިރު ވެސް ގައިދުރުކަމަށް ސަމާލުކަން ދިނުމާއި ގިނަ ގިނައިން އަތްދޮވުމުގެ އިތުރުން އާއްމު ސާފުތާހިރުކަމަށް އަބަދުވެސް ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ.

"މިގޮތަށް އަމަލުނުކޮށްފި ނަމަ، ލޮކްޑައުންގެ ސަބަބުން ލިބުނު ހިމާޔަތް ގިނަ ދުވަހަކު ނޯންނާނެ" ޑރ.އަފްޒަލް ވިދާޅުވި އެވެ.

ލޮކްޑައުން އުވާލުމަށްފަހު އަމަލުކުރަން ޖެހޭ ގޮތުގެ އެސްއޯޕީއެއް އަންނަނީ ތައްޔާރު ކުރަމުންނެވެ.

މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު މިދިޔަ އޭޕްރިލް 15 ގައި މާލެ ސަރަހައްދު އެންމެ ފުރަތަމަ ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. އޭގެ ފަހުން އެ މުއްދަތު 14 ދުވަހުން 14 ދުވަހަށް އިތުރު ކުރަމުން އައިސް އެންމެ ފަހުން ކަނޑައެޅި ގޮތުން ނަމަ މާލެ ސަރަހައްދުގެ ލޮކްޑައުން ދެމިއޮންނާނީ މި މަހުގެ 28 ގެ ނިޔަލަށެވެ. ލޮކްޑައުންއާ އެކު ނަތީޖާ ވަރަށް ރަނގަޅު ކަމަށް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.