Roadha Mihaaru
ބަލިމީހުންނާއި ކިޔަމަންނުވާ މީހުންގެ ނަން ހާމަކުރަނީ

ބަލިމީހުންނާއި ކިޔަމަންނުވާ މީހުންގެ ނަން ހާމަކުރާނެ ގަވާއިދެއް ނެރެފި

17 އެޕްރީލް 2020

މިހާރު ރާއްޖޭގައި ފެތުރެން ފަށާފައިވާ ކޮވިޑް-19ގެ ބަލިމީހުންނާއި އެޗުޕީއޭ އިން އެކަހެރިކޮށްފައި ތިބޭ މީހުންގެ ތެރެއިން ކިޔަމަންނުވާ މީހުންގެ ނަން ހާމަކުރުމުގެ ބާރު ލިބިދޭ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާރު ރާއްޖޭގައި ފެތުރެން ފަށާފައިވާ ކޮވިޑް-19ގެ ބަލިމީހުންނާއި އެޗުޕީއޭ އިން އެކަހެރިކޮށްފައި ތިބޭ މީހުންގެ ތެރެއިން ކިޔަމަންނުވާ މީހުންގެ ނަން ހާމަކުރުމުގެ ބާރު ލިބިދޭ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދުގައި، ބަލިމީހާގެ އިތުރުން ކަރަންޓީން ކުރުން ފަދަ ފިޔަވަޅެއް އަޅާފައި ވަނިކޮށް، އެއާ ހިލާފަށް އުޅޭ މީހުންގެ ނަން ހާމަކުރުމުގެ ބާރު ވެސް، ޑިރެކްޓަ ޖެެނެރަލް އޮތް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ.

މި ގަވާއިދު މިއަދު ގެޒެޓް މިކުރީ، ކޮވިޑް-19 ގެ ބަލިމީހުންނާއި އެ ބަލި ޖައްސާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާ މީހުން މާލެ ތެރެއިން ފެންނަން ފެށުމުން، ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އަންނަ ވަގުތެއްގަ އެވެ. އަދި ސިއްހީ ނިޒާމަށް ކޮންޓްރޯލްނުވާ ވަރަށް ބަލި ފެތުރި، ގޭގޭގައި އެކަހެރިކުރަން ޖެހޭ ފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، އެކަހެރިކުރާ މީހުން ބޭރަށް ނުކުމެ އުޅެއްޖެ ނަމަ، ދެން ކުރިމަތިވާނެ ނުރައްކާ ވެސް ބޮޑެވެ.

މީގެ ކުރިން ރާއްޖޭގައި ބަލިމީހުންގެ ނަން ހާމަކުރުމުގެ އެއްވެސް ގަވާއިދެއް ހަދާފައެއް ނުވެ އެވެ. އަދި މިހާތަނަށް އެއްވެސް ބައްޔެއްގެ މީހަކީ ކޮބައިކަން ރަސްމީ އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގެންގުޅުނު އުސޫލެއް ވެސް ނޫނެވެ.

އެކަމަކު ކޮވިޑް-19 ގެ ބަލިމީހުން މާލެ ތެރެއިން ފެންނަން ފެށުމާއި އެ ފެންނަ މީހުންނާ ބައްދަލުވެފައި ތިބި މީހުންގެ އަދަދު ވެސް ގިނަވަމުން ދާކަން ފާހަގަކުރެވޭތީ، ކަމާ ބެހޭ ފަރާތްތަކަށް އިތުރު ފިޔަވަޅުތައް އަޅަން އެބަ މަޖުބޫރުވެ އެވެ.

ގަވާއިދުގައި އޮތް ގޮތުން، ބަލިމީހެއްގެ ނަން ނުވަތަ ވަކި ފިޔަވަޅެއް އަޅާފައި ހުރި މީހަކު، މުޖުތަމައުއަށް ނުރައްކާތެރި ގޮތަކަށް އުޅޭ ނަމަ އެ މީހެއްގެ ނަން ހާމަކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބެނީ ވެސް، ގިނަ ޝަރުތުތަކަކާ އެކުގަ އެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި "ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ޑިރެކްޓަ ޖެނެރަކް އޮފް ޕަބްލިކް ހެލްތު ހާމަކުރަން ވާނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރިނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގުސަދު ހާސިލްކުރެވޭނެ މިންވަރަށް އެކަންޏެވެ."

ކަރަންޓީންކޮށްފައި ނުވަތަ އެކަހެރިކޮށްފައި ތިބޭ ބަޔަކު އެއާ ހިލާފު ވެއްޖެ ނަމަ އެބައެއްގެ ނަން ހާމަކުރެވޭނީ، ގަވާއިދުގައި ބުނެފައިވާ ގޮތުން ނަމަ، "އެފަދަ ފަރާތެއްގެ ކިބައިން އެބަލި ފެތުރުނަ ނުދިނުމު"ގެ ގޮތުންނެވެ.

ބައެއްގެ ނަން ހާމަކުރާ އިރު ޑިރެކްޓަ ޖެެނެރަލް އޮފް ޕަބްލިކް ހެލްތު ރިއާޔަތްކުރާނެ ހަ ކަމެއް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނަން ހާމަކޮށްގެން ބަލި ކޮންޓްރޯލްކުރެވޭނެ ފުރުސަތު އޮތް މިންވަރާއި ނަން ހާމަކުރުމުން ނުކުންނާނެ ނަތީޖާ އާއި އާންމުކޮށް ހާމަނުކޮށް އާންމު ސިއްހަތު ރައްކާތެރިނުކުރެވޭނެ މިންވަރަށް ބަލީގެ ނުރައްކާ ކުރިމަތިވެއްޖެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުރެވުން ފަދަ ކަންކަމަށް ހިމެނެ އެވެ.

މިވަގުތު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގައި ހުންނެވީ މައިމޫނާ އަބޫބަކުރެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު އޭނާ ގެންދަވަނީ، ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބައްލަވައި، ގިނަ އަމުރުތަކެއް ނެރުއްވަމުންނެވެ.

ބައްޔަކުން މުޅި މުޖުތަމައު ރައްކާތެރިކުރުމުގެ މަގުސަދުގައި މީހެއް ނަން ހާމަކުރާ އިރު، އޭނާގެ ފޮޓޯ އާއި ފުރިހަަމަ ނަމާއި އެޑްރެހާއި ގައުމާއި މިހާރު އުޅޭ އެޑްރެހާއި އަދާކުރާ ވަޒީފާ ފަދަ މައުލޫމާތު ވެސް ހިމެެނެ އެވެ.