Roadha Mihaaru
ވަކި ބަޔަކަށް ކޮރޯނާވައިރަސް ނުރައްކާ ސަބަބު ހޯދަނީ

ކޮރޯނާވައިރަސް: ބައެއް މީހުންނަށް ކަމެއް ނުވެ އަނެއް ބަޔަކު މާބޮޑަށް ބަލިވާ ސަބަބު ހޯދަނީ

15 އެޕްރީލް 2020

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ބިރުވެރިކަން ކިތަންމެ ބޮޑަސް ގިނަ މީހުންނަކީ "ނަމަކަށް ޕޮޒިޓިވް" ވާ މީހުންނެވެ. މާނަ އަކީ ވައިރަހަށް ޕޮޒިޓިވް ވިޔަސް ހާއްސަ ފަރުވާއެއް ހޯދަންޖެހޭ ވަރަށް ބަލި ނުވުމެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ވެސް މިއީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެހެން މައްސަލަތައް ހުންނަ މީހުންނަށް ވަރަށް ނުރައްކާ ބައްޔެއްކަން އޮތީ އެނގިފަ އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ބިރުވެރިކަން ކިތަންމެ ބޮޑަސް ގިނަ މީހުންނަކީ "ނަމަކަށް ޕޮޒިޓިވް" ވާ މީހުންނެވެ. މާނަ އަކީ ވައިރަހަށް ޕޮޒިޓިވް ވިޔަސް ހާއްސަ ފަރުވާއެއް ހޯދަންޖެހޭ ވަރަށް ބަލި ނުވުމެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ވެސް މިއީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެހެން މައްސަލަތައް ހުންނަ މީހުންނަށް ވަރަށް ނުރައްކާ ބައްޔެއްކަން އޮތީ އެނގިފަ އެވެ.

އެކަމަކު ޒުވާން އުމުރުގައި، އެހެން ބައްޔެއް ނެތަސް ބައެއް މީހުން މި ބަލީގައި ބޮޑުވަރުވެ އޭގެ ތެރެއިން އެތައް ބަޔަކު މަރުވަނީ ކީއްވެތޯ އެއީ އަދި ޖަވާބު ހޯދިފައި ނެތް ސުވާލެކެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ސައިންސްވެރިން ބައިވެރިވާ "ކޮވިޑް ހިއުމަން ޖެނެޓިކް އެފަޓް" ޓީމުން މިހާރު އަންނަނީ މި ސުވާލަށް ޖަވާބު ހޯދަން މަސައްކަތްކުރަމުންނެވެ. އެ ޓީމުން މިކަމުގައި ބަލަނީ ބައެއް މީހުންގެ ޖެނެޓިކްސްގައި ހުންނަ އުނިކަމަކާ ކޮރޯނާވައިރަހުން ނުރައްކާވުމާ ގުޅުމެއް އޮތްތޯ އެވެ. މިކަމުގައި އެ ޓީމުން އަންނަނީ ފާހަގަކުރެވޭ ސިއްހީ އެއްވެސް މައްސަލައެއް ނެތީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ހާލު ބޮޑުވި އަދި މަރުވެފައިވާ، އުމުރުން 50 އަހަރަށް ވުރެ ދަށުގެ ބައެއް މީހުންގެ ޖެނެޓިކްސް ދިރާސާކުރަމުންނެވެ. އެއީ ޖެނެޓިކްސްގެ އުނިކަމެއްގެ ސަބަބުން ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވަނީތޯ ބެލުމަށެވެ.

"ބަލަމުން މި އަންނަނީ އައިސީޔޫގައި ފަރުވާ ދޭން ޖެހުނު، އުމުރުން ފަންސާސް އަހަރަށް ވުރެ ހަގު، މަދު ބައެއްގެ ސިއްހީ ހާލަތު ހުރި ގޮތެއް،" ޕްރޮޖެކްޓުގެ ލީޑަރެއް ކަމަށްވާ ނިއު ޔޯކްގެ ރޮކެފެލާ ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ޖޯން-ލޯރެން ކަސަނޯވާ ވިދާޅުވި އެވެ. "އެއީ ވަރަށް ވަރުގަދަކޮށް ތިބި މީހުން އެކަމަކު ހަމަ ކުއްލިއަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހުނު މީހުން."

"އަޅުގަނޑުމެންނަށް އޮތް މަސައްކަތަކީ ޖެނެޓިކްސްގައިވާ ހާއްސަ ސިފައެއްގެ ސަބަބުން ކޮވިޑް-19 ގައި ހާލު ބޮޑުވުމަށް ނުވަތަ މަރުވުމަށް މެދުވެރިވަނީ ކީއްވެތޯ ދެނެގަތުން،" ޕްރޮޖެކްޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި، މި މަސައްކަތުގެ އެހެން ލީޑަރެއް ކަމަށްވާ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ހިއުމަން އިމިއުނޮލޮޖިކަލް ޑިޒީޒް ރީސާޗް ސެންޓަރުގެ ޗީފް، ޑރ. ހެލެން ސޫ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ސީޑީސީގައި އެލިސާ އެކާޓް އާއި ޑަން ހިގިންސް ތައްޔާރުކުރި ކޮރޯނާވައިރަސްގެ އިލަސްޓްރޭޝަން

އެމެރިކާގެ ސީޑީސީގައި އެލިސާ އެކާޓް އާއި ޑަން ހިގިންސް ތައްޔާރުކުރި ކޮރޯނާވައިރަސްގެ އިލަސްޓްރޭޝަން

އެމެރިކާ އަށް ބަލާއިރު، ފެބްރުއަރީ 2 އާއި މި މަހުގެ 13 އާ ދެމެދު، އުމުރުން 55 އަހަރުން ދަށުގެ 746 މީހަކު ކޮރޯނާވައިރަހުގައި މަރުވެފައިވާ ކަމަށް ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ހާމަކޮށްފައިވެ އެވެ.

"ބަލަމުން މި އަންނަނީ، ވަކި ސަބަބެއް ނެތި، އައިސީޔޫގައި ފަރުވާ ދޭން ޖެހުނު އެއް ޕަސެންޓް މީހުންނަށް އަމާޒުކޮށްގެން،" ކަސަނޯވާ ވިދާޅުވި އެވެ.

މި ޓީމުން އިތުރަށް ބަލަމުން އަންނަނީ، ހަށިގަނޑަށް ވައިރަހެއް ވަނުމުން ނޫނީ އެ މީހެއްގެ ދިފާއީ ނިޒާމުގެ ހުންނަ އުނިކަމެއް ނޭނގި ސިއްރުވެފައި ހުރުމާ ބެހޭ ގޮތުން މިދިޔަ 30 އަހަރު ކޮށްފައިވާ ދިރާސާ އެވެ. މި ހޯދުމުގައި މިހާތަނަށް ވަނީ ހާޕްސް، ޓީބީ އަދި އިންފްލުއެންޒާ ޖެހުމުން ބައެއް މީހުންނަށް ބޮޑުވަރުވާ ސަބަބާ ގުޅުން ހުރި ޖެނެޓިކްސްގެ 100 ވޭރިއޭޝަނެއް ދެނެގެންފަ އެވެ. އެހެންވެ ހަމަ މި ގޮތަށް، ކޮރޯނާވައިރަހުން ބޮޑަށް ނުރައްކާވާ މީހުންނަށް އެހެން ދިމާވާ ސަބަބު ވެސް ހޯދޭނެ ކަމަށް ޓީމުން އުންމީދުކުރެ އެވެ.

މި ދިރާސާގައި، ޓޯކްޔޯ އާއި ތެހެރާނާއި ޝަންހާއީ އާއި ތެލް އަވީވާއި މޮންޓްރިއަލް އާއި ސާއޮ ޕާލޯގެ ރިސާޗް ސެންޓަރުތަކުން ވެސް، ކޮރޯނާވައިރަހުން ބޮޑުވަރުވާ އުމުރުން 50 އަހަރުން ދަށުގެ މީހުންގެ ޖެނެޓިކް މައުލޫމާތު ހިއްސާކުރާނެ އެވެ. މި މައުލޫމާތު ރޮކެފެލާ ޔުނިވަސިޓީގައި، ކަސަނޯވާގެ ލެބްގައި ހުންނަ ސާވާއެއްގައި ރައްކާކުރާނެ އެވެ.

ރިސާޗަރުން ދެން ބަލާނީ މި މީހުންނަށް ކޮވިޑް-19 އިން މިހާ ބޮޑަށް ނުރައްކާވާން ޖެހުނު ސަބަބެވެ. އެގޮތުން ޖެނެޓިކްސްގެ އުނި ސިފަތަކާއި ބަޔޯކެމިކަލް ޕާތުވޭސް ނުވަތަ މެޓަބޮލިކް ޕާތުވޭގެ ދައުރު މިކަމުގައި އޮން މިންވަރު ވަޒަންކުރާނެ އެވެ.

މީގެ އިތުރުން ކަސަނޯވާ އާއި އޭނާގެ ޓީމުން ވަނީ ކޮރޯނާވައިރަހަށް އެތައް ފަހަރަކު ހުށަހެޅި އެކަމަކު އެ ވައިރަސްގެ ސަބަބުން ބަލި ނުވި މީހުންނާއި އެ މީހުންގެ އާއިލާތަކުގެ މީހުންނާއި އެ މީހުންނާ ކޮންޓެކްޓްވި މީހުން ވެސް ދިރާސާގައި ބައިވެރިކުރަން ނިންމައިފަ އެވެ. މި މީހުންގެ ހަށިގަނޑުގައި، ކޮރޯނާވައިރަހުން ދިފާއުކޮށްދޭ ޖެނެޓިކް ވޭރިއޭޝަނެއް ހުރުން އެކަށީގެންވެ އެވެ. އެއީ ބައެއް މީހުންގެ ހަށިގަނޑުން އެޗްއައިވީ ވައިރަސް ބްލޮކް ކޮށްލާ ޖެނެޓިކް މިއުޓޭޝަން ކަމަށްވާ ސީސީއާރް5-ޑެލްޓާ 32 ޖީން ހުންނަ ގޮތަށެވެ. -- ޔޫއެސްނިއުސް