Roadha Mihaaru
ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގަން ޚާއްސަ ގަވައިދެއް

ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ހިންގަން ޚާއްސަ ގަވައިދެއް އެކުލަވާލައިފި

08 އެޕްރީލް 2020

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ބަޔަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމަށް ޚާއްސަ ގަވާއިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ބަޔަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމަށް ޚާއްސަ ގަވާއިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ކުރިން އެކުލަވާލާފައިވާ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމުގެ އުސޫލުތަކެއް ބަޔާން ކޮށްފައިވެ އެވެ. އެކަމަކު އެ ގަވާއިދުގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދެވެނީ ސިއްރުން ހެކިބަސް ނެގުމާއި ރާއްޖެއިން ބޭރުގައި ތިބި މީހުންނާއި އެހެން ރަށްރަށުގައި ތިބި މީހުންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކާއި އިބްތިދާއީ އަޑުއެހުންތަކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިއަދު ނިންމާފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކުރަން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެ ގަވާއިދުގެ އެ ބަޔަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމާ ބެހޭ ޚާއްސަ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދަށް އަމަލު ކުރުމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލުކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި، ނެރުއްވާފައިވާ ސާކިއުލާގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން އިބްތިދާއީ އަޑުއެހުންތަކާއި ހެކިބަސް ނެގުމުގެ އަޑުއެހުންތަކުގެ އިތުރުން ދައުވާލިބޭ މީހާ އެހެން ރަށެއްގައި ހުންނަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވިދާނެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ވީޑިއޯ ކޮޮންފަރެންސްކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ އަޑުއެހުންތަކުގައި ދިފާއީ ވަކީލުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވެސް ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ މަޖިލީހުގެ އާންމު އުސޫލުތައް އެފަދަ މަޖިލިސްތަކަށް ވެސް ހިނގާނެ އެވެ. އަދި އެތަނުގައި ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ، އެކަމަށް ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ބަންދު ކޮށްފައިވާއިރު، މި ދުވަސްވަރު ކޯޓުތަކުގެ ޝަރީއަތްތައް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ. އެކަމަކު އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ކޮންމެހެން ބާއްވަންޖެހޭ އަޑުއެހުންތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.