Roadha Mihaaru
ސަރުކާރުގެ ޝަރުތުތަކާ ހެދި ޕާޓީތައް ހިތްހަމަނުޖެހިއްޖެ!

ސަރުކާރުގެ ޝަރުތުތަކާ ހެދި ޕާޓީތަކުން ހިތްހަމަނުޖެހިއްޖެ!

11 އޮކްޓޯބަރ 2016

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް އެއްވެސް ޝަރުތެއް ނެތި ދޫދީގެން، މަޝްވަރާ ފަށަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވުމަށް ފަހު މަޝްވަރާ ނުފެށި އުޅެނިކޮށް ސަރުކާރުން ޝަރުތުތައް ކުރިމަތިކުރުމުން އެމްޑީޕީ އާއި އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮމަންވެލްތުގެ ގޮވާލުމާ އެއްގޮތަށް އެއްވެސް ޝަރުތެއް ނެތި ދޫދީގެން، މަޝްވަރާ ފަށަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވުމަށް ފަހު މަޝްވަރާ ނުފެށި އުޅެނިކޮށް ސަރުކާރުން ޝަރުތުތައް ކުރިމަތިކުރުމުން އެމްޑީޕީ އާއި އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ހައްލުތަކެއް ހޯދަން މީގެ ކުރިން ދެތިން ފަހަރަކު މަޝްވަރާ ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވީ ނަމަވެސް ފޭލްވީ، މަޝްވަރާގެ ކުރިން ހުށަހެޅި ޝަރުތުތަކަށް ދެ ފަރާތަށް ވެސް އެއްބަސް ނުވެވުމުންނެވެ.

މި މަހު މެދު ތެރޭގައި އދ. ގެ މަންދޫބަކާ އެކު ފަށަން ހަމަޖެއްސި މަޝްވަރާ އަށް ސަރުކާރުން ދެ ޝަރުތެއް ކުރިމަތިކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ހިތްހަމަނުޖެހިފަ އެވެ. ދެ ޕާޓީން ދެކޭ ގޮތުގައި، ދައްކަމުން ދާ ބަހަނާތަކުން އެނގެނީ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިހްލާސްތެރި ކަމެއް ނެތް ކަމެވެ.

މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނު އިރު، އިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި، އެއީ ސަރުކާރުން ކުރިމަތިކުރުވި ފުރަތަމަ ޝަރުތެވެ. ދެ ވަނަ ޝަރުތަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން އެންގުމެވެ. އެ ގޮތަށް ދެ ޕާޓީ އަށް އެންގީ ޕާޓީތަކުން ހުށަހަޅާ މަންދޫބުންނާ އެކު ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން އެއްބަސްވުމަށް ފަހު އެވެ.

އެމްޑީޕީ އާއި އަދާލަތުން ބުނީ ޝަރުތުތައް ކުރިމަތިކޮށް، ފެންނަމުން ދަނީ މަޝްވަރާ ފެށުމުގެ ކުރިން މަޝްވަރާ ފޭލްކޮށްލަން ސަރުކާރުން މަސައްކަތް ކުރާ މަންޒަރު ކަަމަށެވެ.

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާ ފެށުމުގެ ކުރިން ވެސް އެކަން ފޭލްކޮށްލަން މެދުވެރިވާނެ ހުރިހާ ސަބަބެއް ސަރުކާރުން ދަނީ އުފައްދަމުންނެވެ. މަންދޫބުންގެ ނަންތައް ހުށަހެޅުމާ ހަމައިން ޝަރުތު ކުރިމަތިކުރަން ފެށުމުން އަދާލަތު ޕާޓީން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ޝަރުތަކާ ނުލާ މަޝްވަރާ ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ޕްރެޝަރާ ހުރެ ސަރުކާރުން އެއްބަސްވި ގޮތާ މުޅިން ހިލާފު ކަމެއް،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންދުގައި ތިއްބެވި ލީޑަރުންނާ ބައްދަލުކުރަން ޖަލަށް ގޮސްގެން ނަމަވެސް މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން އޮތީ އެއްބަސްވެފަ އެވެ. އެކަމަކު އެ ވާހަކަ އެކި ގޮތްގޮތަށް ބަދަލުވަމުން ގޮސް ސަރުކާރުގެ މިސްރާބު މިހާރު ހުރީ އަމާޒެއް ނެތި ވަގުތު ބޭކާރުކުރުމާ ދިމާލަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކާ އެކު ވެސް އޭޕީން އަދިވެސް މިއޮތީ މަޝްވަރާ އަށް ފުރިހަމަ އަށް އެއްބާރުލުން ދޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

މަޝްވަރާއާ ގުޅޭ ގޮތުން، އެމްޑީޕީ އާއި އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ ދައްކަވަނީ

މަޝްވަރާއާ ގުޅޭ ގޮތުން، އެމްޑީޕީ އާއި އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ ދައްކަވަނީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނިގޮތުގައި މަޝްވަރާ އަށް ހުރަސްއެޅޭ ގޮތަށް "ބަހަނާތައް ދައްކައި ޝަރުތު ކުރިމަތިކޮށް ޕާޓީގެ އެތެރޭގެ ކަންކަމާ ބެހެނީ ރައީސް އޮފީހުގެ މެންޑޭޓުން ބޭރުން"ނެވެ. އަދި ވާހަކަ ތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ މަންދޫބެއްގެ ނަން ނުފޮނުވަނީސް، ނަން ފޮނުވުމުގައި ޕާޓީން އަމަލުކުރަން ހަދަން ޖެހޭނެ ގޮތް ސަރުކާރުން ބުނުމަކީ ޕާޓީ ހިންގުމާ ނަހަމަ ގޮތުގައި ސަރުކާރުން ބެހުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"...ސަރުކާރުން ޝަރުތުތައް ކުރިމަތިނުކުރައްވާނޭ ކަމަށް ވިދާޅުވުމަށް ފަހު މިހާރު އެކި ޒާތްޒާތަށް ޝަރުތުތައް ކުރިމަތިކުރައްވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. މިކަމަކީ ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ވާހަކަތައް ދެއްކުން ކުރިއަށް ދިއުން ހަރާބުކުރެއްވުމުގެ ނިޔަތުގައި ސަރުކާރުން ގަސްދުގައި ކުރައްވާ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ،" މަޝްވަރާއާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަޝްވަރާގައި ބައިވެރިވާނެ ބޭފުޅުންގެ ނަންތައް، ކައުންސިލުން ފާސްކޮށްގެން ފޮނުވަން އެންގުމުން، ސަރުކާރުން މަޝްވަރާ ކުރިއަށް ގެންދަން އުޅޭގޮތާ މެދު ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ވެސް ވަނީ ފާޑުކިޔައިފަ އެވެ.

ޕީޕީއެމާއި އެހެން ޕާޓީތަކަށް ރައީސް އޮފީހުން އެގޮތަށް އެންގީ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ނަން ފޮނުވުމުން އޭނާ ވާހަތަކުގައި ބައިވެރިނުކުރަންވެގެން ކަމަށް ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ދެކެ އެވެ. މިއީ، ޕީޕީއެމްގެ އެތެރޭގެ ހިންގުމާ ބެހުން ކަމަށް ބުނެ އެ ޕާޓީ ހިންގަންވީ ގޮތް ކިޔައިނުދެން ޕީޕީއެމުން ވެސް ރައީސް އޮފީހަށް ވަނީ އަންގައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ޕާޓީ ދެ ފަޅިވެފައިވާއިރު، މަޝްވަރާގައި ފާރިސް ބައިވެރިކުރަން ރައީސް ޔާމީންގެ ފެކްޝަނުން ބޭނުމެއް ނުވެ އެވެ. އެކަމަކު ނިންމުން ބަދަލުކުރެވެން ނެތް ކަމަށާއި މަޝްވަރާގައި އެ ޕާޓީ ތަމްސީލްކުރައްވާނީ ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ކަމަށް ސިޓީއަކުން މައުމޫން ވަނީ ސިޓީއަކުން އަންގަވައިފަ އެވެ.

މަޝްވަރާތައް އަލުން ފަށަން ޕާޓީތަކަށް ސަރުކާރުން ދައުވަތު ފޮނުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދަން އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.