Roadha Mihaaru

ލުއި ލޯނުތައް ދެއްކުންް ފަސްކޮށް، އިންޓަރެސްޓް ކުޑަ ލޯނުތަކެއް ހަމަޖައްސައިދީ: އަދުރޭ

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާތީ، ކުރިމަތިވެފައިވާ އިގުތިސޯދީ އަޑިގަނޑުން އަރައިގަނެވެންދެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލުއި ލޯނުތައް ދެއްކުން ލަސްކޮށްދިނުމަށާއި އިންޓަރެސްޓް ކުޑަ ލޯނުތަކެއް ތައާރަފްކޮށްދޭން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ގޮވާލައްވައިފި އެވެ.

ލުއި ލޯނުތައް ދެއްކުން ފަސްކޮށްދީ: އަދުރޭ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

19 މާޗް 2020

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރިފައިވާތީ، ކުރިމަތިވެފައިވާ އިގުތިސޯދީ އަޑިގަނޑުން އަރައިގަނެވެންދެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލުއި ލޯނުތައް ދެއްކުން ލަސްކޮށްދިނުމަށާއި އިންޓަރެސްޓް ކުޑަ ލޯނުތަކެއް ތައާރަފްކޮށްދޭން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ގޮވާލައްވައިފި އެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައިދޭން އަވަސް ފިޔަވަޅުތަކެއް އަޅަންވީ ވަގުތު ކަމަށެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ލުއި ލޯނުތައް ދެއްކުން މިވަގުތަށް މަޑުޖައްސައިލުމަށާއި އިންޓަރެސްޓް ކުޑަ ލޯނުތަކެއް ތައާރަފު ކޮށްދިނުމަށް ބީއެމްއެލް އަށް އަދުރޭ ގޮވައިލެއްވިއިރު، ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކާއި އިންޓަރެސްޓް ދެއްކުން ހަ މަހަށް ފަސްކޮށްދޭން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

އެސްޑީއެފްސީން ބުނެފައި ވަނީ، ކޮވިޑް-19 އާ އެކު، ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، މި މުއްދަތުގައި ލޯނުގެ އިިންޓަރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

އަދުރޭގެ ޓުވީޓް

ކޮވިޑް-19 ފެތުރޭތީ ގިނަ ގައުމުތަކަކުން ރާއްޖެއަށް ދަތުރުކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. އެ ފިވަޅުތަކާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.

ސާކް ގައުމުތަކުގެ ވެރިން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ޓޫރިޒަމަށް ކުރިމަތިވަމުންދާ ހީނަރުކަން މިހާރު ކުރިއަށް ދާ ގޮތަށް ދެމިގެން ހިނގައްޖެ ނަމަ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އިގުތިސާދީ ހީނަރުކަން އައުމުން ސަރުކާރުން ވަނީ ވިޔަފާރިތަކަށް ފިނަ ލުއިތަކެއް ދޭން ނިންމައިފަ އެވެ. އެގޮތުން، ރިސޯޓުތަކަށް ކުރިމަތިވި ދަތިކަން ހައްލުކުރަން 30 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އަދި މަސްވެރިކަމުގެ އިންޑަސްޓްރީ އަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ދިމުމުގެ ގޮތުން ސްމޯލް އެންޑް މީޑިއަމް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފައި ވެ އެވެ.