Roadha Mihaaru
ދޮންދަރިއަކާ ބެހުނު މީހަކު ސުޕްރީމް ކޯޓުން ޖަލަށް

ދޮންދަރިއަކާ ބެހުނު މީހަކު އަނެއްކާވެސް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

09 މާޗް 2020

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދެކުނުގެ ރަށެއްގައި އުމުރުން 11 އަހަރުގެ ދޮންދަރިފުޅާ 2013 ވަނަ އަހަރު ބެހުނު މައްސަލައެއްގައި ދޮންބައްޕަ 15 އަހަރަށް ޖަލަށްލާން މެޖިސްޓްރޭޓް ކޯޓަކުން 2016 ވަނަ އަހަރު ހުކުމް ކޮށްފައި ވަނިކޮށް، މިދިޔަ އަހަރު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަނިޔާ ލިބުނު ކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި އެ ކުއްޖާއާ އޭނާ ބެހުނު ކަމަށް ބުނެފައިވާ ކަމަށާއި އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ތަފްސީލުތަކަކީ އެ އުމުރުގެ ކުއްޖަކާ އަޅާ ބަލާއިރު، ތެދު ހަދާ މީހަކަށް ނޫނީ ދެވޭނެ ފަދަ ތަފްސީލުތަކެއް ނޫން ކަމަށެވެ. އަދި ތަހުގީގުގެ އޯޑިއޯ ގެއްލިގެން އޭގެ ދެތިން މަސް ފަހުން ދެވަނަ ފަހަރަށް އެ ކުއްޖާގެ ބަޔާން ފުލުހުން ނެގިއިރު، ކުރީގެ ބަޔާނާ ކޮންމެވެސް ތަފާތުތަކެއް ހުއްޓަސް އެއީ ނުހިނގާ ކަމެއް ކަމަށް ނުވަތަ އެ ކުއްޖާ ދެ ފަހަރު ދެގޮތަކަށް ބުނެފައިވާ ކަމަށް ބެލެވޭ ފަދަ ބޮޑު ތަފާތެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ކުއްޖާގެ މަންމަގެ ބަޔާނުގައި ވެސް، ދައުވާ ލިބުނު މީހާ، އެ ކުއްޖާއާ ބެހުނު ކަމަށް އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ކުއްޖާ ބުނުމާއި އެކަން އޭނާ އަށް އެނގުމާ އެކު، ދައުވާ ލިބުނު މީހާގެ ކޮއްކޮ ގާތުގައި އެ ކުއްޖާގެ މަންމަ އެ ވާހަކަ ކިޔައިދީފައި ވުމުން، އެ ކުއްޖާގެ ބަޔާނަކީ ތެދު ކަމަށް ގަބޫލު ކުރަން ބާރު ލިބޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދިި އެ ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާ ލިބުނު ކަމަށް ޑޮކްޓަރުންގެ ލިޔުންތަކުން ވެސް އެނގޭ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާ އަކީ އަހުލާގް ގޯސް ކުއްޖެއް ކަމަށް ފާހަގަވެފައި ނެތްއިރު، ދޮންބައްޕައާ ބެހޭގޮތުން އެފަދަ ވާހަކައެއް ހަދައިގެން ދައްކަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ދައުވާ ލިބުނު މީހާ ވެސް ސުޕްރީމް ކޯޓުގައި ބުނެފައިވާ ކަމަށެ. އަދި އެފަދަ ވާހަކައެއް ހަދައިގެން ދައްކަންޖެހޭ ސަބަބެއް އޮތްކަން އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށް ދިނުމަކީ ދައުވާ ލިބޭ މީހާގެ ޒިންމާއެއް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

މައިގަނޑު އަސާސަކަށް ވާން ޖެހޭނީ ކުއްޖާގެ ބަޔާން

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން، ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކަކީ ސިއްރުވެރި ގޮތަކަށް ހިނގާ އަމަލުތަކެއް ކަމަށް ވާތީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮތްގޮތުން، އަނިޔާ ލިބޭ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން ކުށް ސާބިތުވޭތޯ ނުވަތަ ނޫން ކަނޑައެޅިދާނެ އެވެ. އެހެންވެ، އަނިޔާ ލިބޭ ކުއްޖާ ކިޔައިދޭ ކިޔައި ދިނުމަކީ ތެދު ކަމަށް ގަބޫލު ކުރެވޭ ނަމަ، އަދި އެކަމަށް ބާރު ލިބޭ އެހެން ހެކި ހުރެއްޖެ ނަމަ، ކުށް ސާބިތު ކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ފަސް ބާވަތެއްގެ ހެކި ލިބުމުން ކުށް ސާބިތު ކުރެވޭނެ ކަމަށް އެ ގާނޫނުގައި އޮތަސް، އަނިޔާލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައި ދިނުމަކީ ވަކިވަކި ހެކިތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ހައި ކޯޓުން ކުރިން ދުސްތޫރީ މައްސަލައެއްގައި ކަނޑައަޅާފައިވާ ކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެގޮތަށް ކަނޑައެޅުމުން އެފަދަ މައްސަލަތަކުގައި ކުށް ސާބިތު ކުރަން ލުއި އުސޫލެއް އެ ގާނޫނުގައި ކަނޑައެޅި ބޭނުން ރޫޅިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، އޭގެ ފަހުން އެފަދަ ކުށްތައް ސާބިތު ކުރަން އަނެއްކާވެސް އުނދަގޫވެފައިވާ ކަން އޭގެ ފަހުން ނިންމާފަައި ހުރި މައްސަލަތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

ގާނޫނުގައި އެފަދަ މައްސަލަތަކުގައި ބަލައިގެނެވޭނެ ހެކިތައް ބަޔާން ކުރުމަށް ފަހު، ފަސް ހެކި ހަމަވުމުން ކުށް ސާބިތުވާނެ ކަމަށް ބުނެފައިވަނީ އަނިޔާ ލިބޭ ކުއްޖާގެ ވާހަކަތަކަކީ ތެދު ކަން ކަށަވަރު ކުރުމުގެ ވަސީލަތެއްގެ ގޮތުން ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ގާނޫނުގައި ހެކިތައް ބަޔާން ކޮށްފައި އޮތީ އެއިން ކޮންމެ ހެއްކަކީ މުޅިން ވަކިވެފައިވާ މުސްތަގިއްލު ހެކީގެ ގޮތުގައި ނޫން ކަމަށާއި ވަކި އަދަދަށް ހެކި ހަމަ ކުރުމުގައި ބަދަލުގައި ކުއްޖާގެ ވާހަކަތަކަކީ ތެދު ކަން ކަށަވަރު ކުރެވޭ ނަމަ އަދި އެކަމަށް ބާރު ލިބޭ އެހެން ހެކި ހުރެއްޖެ ނަމަ، ކުށް ސާބިތު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ކުއްޖާގެ ބަސް އާދަޔާ ޚިލާފަށް ގަބޫލު ކުރެވޭތޯ ކަށަވަރުވާން ޖެހޭ

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ގަބޫލުކުރެވޭ ކަން ކަށަވަރު ކުރުމުގައި ކުއްޖާގެ ހެކިބަސް ބޭރު ފުށުންނާއި އެތެރެފުށުން އެއްގޮތް ވޭތޯ އާއި އެ ކުއްޖާގެ އަޚުލާގާއި ދައުވާލިބޭ މީހާއާ މެދު އެފަދަ ޝަކުވާއެއް ކުރުމުގައި ނުބައި ނިޔަތެއް އޮތްތޯ ބެލިދާނެ އެވެ. އެކަމަކު އެ މައްސަލާގައި ކުއްޖާ ކިޔަައިދިން ކިޔައި ދިނުމާއި މަންމަގެ ހެކިބަހާއި ޑޮކްޓަރުންގެ ލިޔުންތަކާއި އެ ކުއްޖާ އުޅުމާއި އަޚްލާގަށް ބަލާއިރު އެކަންކަން އެ ކުއްޖާގެ ވާހަކަތަކަކީ ތެދު ކަމަށް ބަލަންޖެހޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ހުކުމަށް ތިން ފަނޑިޔާރުން ތާއީދު ކުރެއްވިޔަސް، އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގައި ވަނީ އަނިޔާ ލިބުނު ކުއްޖާގެ އަޚްލާގް ވަކި ގޮތަކަށް ހުރުމަކީ އެފަދަ މައްސަލައެއްގައި ބަލަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކި ގޮތަކަށް ކުއްޖާގެ އަޚްލާގު ހުރުމަކީ އެފަދަ އަމަލެއް އެ ކުއްޖާއާ މެދު ބަޔަކު ހިންގަންޖެހޭ ސަބަބެއް ކަމަށް ބެލެވިގެން ނުވާނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔަށް ތާއީދު ކުރެއްވުމާ އެކު، އެ ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިތުރަށް ފާހަގަ ކުރައްވާފައި ވަނީ ގާނޫނުގައި ބަޔާންކުރާ ހެކިތައް ވަޒަން ކުރުމުގައި ތުހުމަތު ކުރެވޭ ފަރާތުގެ ހައްގުތަކަށް ރައްކާތެރިވުމާ އެކު، ބައެއް ކަންކަމަށް ފަނޑިޔާރުން ސަމާލުވާން ޖެހޭނެ އެވެ. އެގޮތުން އެއީ ގާނޫނާ އެއްގޮތަށް ހޯދި ހެކިތަކެއް ކަން ކަށަވަރު ކުރުމާއި މައްސަލަ އާއި ހެކިތަކާ ހުރި ގުޅުމާއި ހެކިތަކަށް އެހެން ހެކިތަކުން ބާރު ލިބޭ ގޮތާއި މިންވަރުގެ އިތުރުން ހެކީގެ ބާރު ދަށްވުން ނުވަތަ ރިއާޔަތް ނުކުރެވޭނެ ސަބަބެއް ނެތްކަން ބަލަން ޖެހޭނެ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމަކީ ގާނޫނާ އެއްގޮތަށް ކުރި ހުކުމެއް ކަމަށް ނުވާތީ އެ ހުކުމް ބާތިލްކޮށް އަދި އެ މީހާ 15 އަހަރަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށާއި އެހެންވެ، އެ ހުކުމް ތަންފީޒު ކުރަން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.