Roadha Mihaaru
ކްއަޑޭން އަށް ލިބުނު އެހީ ޗެރިޓީތަކަށް

ބުލީގެ ޝިކާރައަކަށްވި ކްއަޑޭން އަށް ލިބުނު އެހީ ޗެރިޓީތަކަށް ދޭން ނިންމައިފި

27 ފެބުރުއަރީ 2020

އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި އޮސްޓްރޭލިއާ ކްއަޑޭން ބޭލެޒަށް އެހީވާން ގޯފަންޑްމީ މެދުވެރިކޮށް ހިންގި ކެމްޕޭނުން ލިބުނު ފައިސާ އާއިލާ އިން ބޭނުން ނުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި އޮސްޓްރޭލިއާ ކްއަޑޭން ބޭލެޒަށް އެހީވާން ގޯފަންޑްމީ މެދުވެރިކޮށް ހިންގި ކެމްޕޭނުން ލިބުނު ފައިސާ އާއިލާ އިން ބޭނުން ނުކުރަން ނިންމައިފި އެވެ.

އުުރުން 9 އަހަރުގެ ކްއަޑޭން ގޮތަށް އިސްކޮޅުން ކުރު އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ބްރެޑް ވިލިއަމްސް ފެށި ފަންޑް ރެއިޒިންގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 473,967 ޑޮލަރު ލިބިފަ އެވެ. އެ ކެމްޕޭނަށް ދުނިޔޭގެ އެކި ހިސާބުތަކުން 20،000 އަށް ވުރެ ގިނަ މީހުން އެހީވެފައިވެ އެވެ.

ބްރެޑްގެ އަމާޒަކަށްވީ ކްއަޑޭން އާއި އޭނާގެ އާއިލާ އަށް ލިބިފައިވާ ހިތާމަތަކުން އަރައިގަތުމަށް ޑިޒްނީ ލޭންޑަށް ފޮނުވަން 10،000 ޑޮލަރު އެއްކުރުމެވެ. ނަމަވެސް ކެމްޕޭނަށް ވަނީ އުންމީދުކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ކްއަޑޭންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ބޮޑުދައިތަ މަންޑަނާރާ ބޭލެޒް އެންއައިޓީވީ ނިއުސް އަށް ބުނީ ކެމްޕޭނުން ލިބުނު ފައިސާ ޑިޒްނީ ލޭންޑަށް ދާން ހަރަދުނުކުރަން އާއިލާ އިން ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ އެ ފައިސާ އާއިލާ އިން ހަދިޔާކުރަން ބޭނުން ވަނީ މުޖުތަމައުގެ ލާބަ އަށް މަސައްކަތްކުރާ ޖަމާއަތްތަކަކަށް ކަމަށެވެ.

"ކޮން ކުއްޖަކު ބޭނުން ނުވާނީ ޑިޒްނީ ލޭންޑަށް ދާން؟ އެކަމަކު ކްއަޑޭންގެ ވާހަކަ އަހަރެމެން ދެއްކީ އަމިއްލަ ފައިދާތަކެއް ހޯދުމުގެ ބޭނުމުގައެއް ނޫން. ބުލީގެ ޝިކާރައަކަށްވެ ކިތައް ކުދިންތޯ މިކަހަލަ މައްސަލަތަކުގައި އަމިއްލަ ފުރާނަ ވެސް ދުއްވާލަނީ؟" މަންޑަނާރާ ބުންޏެވެ. "ކްއަޑޭންގެ ތަޖުރިބާ އިން އަހަރެމެން ބޭނުންވީ ބުލީ އަކީ ކިހާ ނުރައްކާތެރި ކަމެއްކަން އަންގައިދޭން. މީގައި ނެތް ބަޔަކު ލައްވައި އެހީ ހޯދައިގެން މަޖާކުރަން ދިއުމުގެ އެއްވެސް ނިޔަތެއް."

އޭނާ ބުނިގޮތުގައި ކެމްޕޭނުން ލިބުނު ފައިސާ ހަދިޔާކުރާނީ ޑްވާފިޒަމް އެވެއާނެސް އޮސްޓްރޭލިއަށާއި ބެލަނޫ ހީލިން ފައުންޑޭޝަނަށެވެ.

"އެ ޖަމާއަތްތަކަށް މި އެހީ ދިނުމަކީ މުޅި މުޖުތަމައުގެ މަންފާ އާއި ލާބަ އަށް މަސައްކަތްތަކެއް ކުރެވޭނެ ކަމެއް." މަންޑަނާރާ ބުންޏެވެ.

ކްއަޑޭން ބުލީގެ ޝިކާރައަކަށްވެ، އޭނާ އަމިއްލަ އަށް މަރުވާން އުޅުނު ވާހަކަ މަންމަ ޔެރާކާ ބޭލެޒް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ބައެއް މީހުން ވަނީ އެ އާއިލާ އިން ކްއަޑޭންގެ އުމުރު އޮޅުވާލައި މީހުންގެ ހަމްދަރުދީ އާއި އެހީ ހޯދަން އުޅޭ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އެގޮތުން ކްއަޑޭން އަކީ 9 އަހަރުގެ ކުއްޖެއް ނޫން ކަމަށާއި އޭނާގެ އަށް 18 އަހަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއިލާއާ ދިމާކޮށްފައިވެ އެވެ.

ނަމަވެސް އާއިލާ އިން ބުނެފައި ވަނީ ކްއަޑޭން އުފަންވީ ޑިސެމްބަރު 13، 2010 ގައި ކަމަށާއި އޭނާ އަށް 10 އަހަރު ފުރޭނީ މި އަހަރު ކަމަށެވެ.