Roadha Mihaaru
ރޮނާލްޑޯގެ 1000 ވަނަ މެޗުގައި ރެކޯޑަކާ އެއްވަރުކޮށްފި

ރޮނާލްޑޯގެ 1000 ވަނަ މެޗުގައި ރެކޯޑަކާ އެއްވަރުކޮށްފި

23 ފެބުރުއަރީ 2020

ޓިއުރިން (ފެބްރުއަރީ 23) – ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުގައި، ރޭ އިޓާލިއަން ލީގުގައި ސްޕާލް އަތުން 2-1 އިން ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ ލަނޑު ޖަހައި ހާއްސަ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.

ޓިއުރިން (ފެބްރުއަރީ 23) – ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުގައި، ރޭ އިޓާލިއަން ލީގުގައި ސްޕާލް އަތުން 2-1 އިން ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ ލަނޑު ޖަހައި ހާއްސަ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.

ރޮނާލްޑޯ ޖެހިޖެހިގެން 11 މެޗުގައި ގޯލް ޖަހައިގެން މި ހަމަހަމަކުރީ އިޓާލިއަން ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖަހައިގެން 1995/1994 ގެ ސީޒަނުގައި ގެބްރިއަލް ބަޓިސްޓޫޓާ އަދި 2019 ގައި ފަބިއޯ ކުއަގްލިއަރެއްލާ ހެދި ރެކޯޑާ އެވެ. ދެން މެޗެއްގައި ލަނޑު ޖަހައިފި ނަމަ ރޮނާލްޑޯ އަށް ރެކޯޑް އަމިއްލަ ކުރެވޭނެ އެވެ.

ރޮނާލްޑޯގެ 1000 މެޗުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދިން 292 މެޗާއި ރެއާލް މެޑްރިޑަށް ކުޅެދިން 438 މެޗު އަދި ޕޯޗުގަލް ގައުމީ ޓީމަށް ކުޅެދިން 164 މެޗު ހިމެނެ އެވެ. ރޭގެ މެޗަކީ ޔުވެންޓަސް އަށް ކުޅެދިން 73 ވަނަ މެޗެވެ.

ރޮނާލްޑޯ 39 ވަނަ މިނެޓުގައި ލަނޑު ޖަހާފައި އޮއްވާ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިނީ 60 ވަނަ މިނެޓުގައި އާރޮން ރަމްސީ އެވެ. އޭގެ ނުވަ މިނެޓު ފަހުން ޕެނަލްޓީއަކުން ސްޕާލްގެ އަންދްރޭ ޕެޓަގްނާ ލަނޑެއް ޖަހައި ޔުވެންޓަސް ހާސްކޮށްލި އެވެ. އެކަމަކު ޔުވެންޓަސް އިން އިތުރު ގޯލެއް ވަނަނުދީ ހިފަހައްޓައި މެޗު ކާމިޔާބުކުރި އެވެ.

މި މޮޅާ އެކު ޔުވެންޓަސް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. ތާވަލުގެ ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތް ލާޒިއޯ މިއަދު ޖެނޯއާ އަތުން މޮޅުވެއްޖެ ނަމަ ޔުވެންޓަސްގެ ލީޑު އެއް ޕޮއިންޓަށް ކުޑަކުޑަވާނެ އެވެ.

ރޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި ފިއޮރެންޓީނާއާ 1-1 އިން އެއްވަރުވެފަ އެވެ. އަންޓެ ރެބިޗްގެ ގޯލުން 56 ވަނަ މިނެޓުގައި މިލާން ލީޑު ނަގާފައި އޮއްވާ އެ ޓީމަށް އިތުރަށް ފަސޭހަވީ 62 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ޑަލްބާޓް ހެންރިކޭ އަށް ރަތްކާޑެއް ދެއްކުމުންނެވެ. އެކަމަކު ނަތީޖާ އެނބުރުނީ އަނެއްކޮޅަށެވެ.

ފިއޮރެންޓީނާ އަށް އެއްވަރުކޮށްދިނީ 85 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެރިކް ޕުލްގާ އެވެ. މިއީ މިލާނުގެ ކުރީގެ ފޯވާޑް ޕެޓްރިކް ކުޓްރޯނޭ އަށް މިލާނުގެ ކެޕްޓަން އަލެސިއޯ ރޮމަނޮލީ ފައުލްކުރި ކަމަށް ބަލައި ދިން ޕެނަލްޓީއެކެވެ. ރީޕްލޭ އިން ފެންނަ ގޮތުގައި ރޮމަނޮލީގެ ޓެކްލް އަމާޒުވަނީ ބޯޅައަށެވެ. އެކަމަކު ރެފްރީ ވަނީ ވީއޭއާރް އިން ބަލަން ދެކޮޅު ހަދައިފަ އެވެ. މިލާން އޮތީ 36 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ފިއޮރެންޓީނާ އޮތީ 29 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ.