Roadha Mihaaru
މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ

މަޖިލީހުގައި އޮތީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ

17 ފެބުރުއަރީ 2020

އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ސިއްރު ރިޕޯޓުގައިވާ މުހިއްމު ހޯދުންތައް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކޮށްފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ސިއްރު ރިޕޯޓުގައިވާ މުހިއްމު ހޯދުންތައް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކޮށްފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީގެ ރިޕޯޓު ލިބިފައި ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަަމަށެވެ. އެެހެންވެ އެއީ ސިއްރު ރިޕޯޓެއްގެ ގޮތުގައި މަޖިލީހުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

މަޖިލީހުގެ މި ނިންމުމާ އެކު، އެ ރިޕޯޓް ހާމަކުރަން އޭސީސީ އަށް އަންނަނީ ގޮވައިލަމުންނެވެ. އޭގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނެ އެވެ.

މިކަމާ ގުޅިގެން، އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ސިއްރު ޖަހާފައި މަޖިލީހުގެ އިދާރާ އާއި އެމްއޭސީއެލާއި ފިނޭސް މިނިސްޓްރީ އަށް ފޮނުވީ ރިޕޯޓުގައި ހުރި މައުލޫމާތު އެ ކޮމިޝަނުން އިސްވެ އާއްމުކުރަން ބޭނުންވާތީ ކަމަށެވެ.

"ތަހުގީގީ އިދާރާއެއްގެ ހައިސިއްޔަތުން، އެ މައްސަލައިގައި ފާހަގަވި ކަންކަން ކޮމިޝަނުން ހާމަކުރަން ބޭނުންވާތީ ސިއްރު ޖަހާފައި މުއައްސަސާތަކަށް އެ ރިޕޯޓް ފޮނުވީ. އެކަމަކު އޭގައިވާ މުހިއްމު ކަންކަން ނޫސް ބަޔާނަކުން އޭސީސީން ވާނީ އާއްމުކޮށްފައި. އެހެންވެ މަޖިލީހުގައި މިހާރު އޮތީ ސިއްރު ރިޕޯޓެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ސިއްރު ޖަހާފައި ފޮނުވާ އެފަދަ ރިޕޯޓްތަކާއި މައުލޫމާތުތައް އާއްމުކުރެވޭނީ އެ ފޮނުވި އިދާރާއެއްގެ ހުއްދައާ އެކުގަ އެވެ. ޓީއެމްއޭގެ މައްސލަަ ބަލަމުން އަންނަ މާލިއްޔަތު ކޮމިޓީގެ މެމްބަރަކު ވިދާޅުވީ، ސިއްރު ރިޕޯޓެއްގެ ގޮތުގައި މަޖިލީހަށް ފޮނުވި ރިޕޯޓް އާއްމުކުރެވޭނީ އޭސީސީން ލިޔުމުން އެކަން މަޖިލީހަށް އެންގުމުން ކަމަށެވެ.

ޓީއެމްއޭ މައްސަލަ ބެލުމަށް ފަހު، އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށެވެ. އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.