Roadha Mihaaru
އެމްއޭސީއެލްގެ ސިޓީއަކީ އެއްބަސްވުމެއް: ޓީއެމްއޭ

އެމްއޭސީއެލްގެ ސިޓީއަކީ އެއްބަސްވުމެއް: ޓީއެމްއޭ

12 ފެބުރުއަރީ 2020

ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން "އެއްބަސްވުމެއް" ކަމަށް ވެސް، ޓީއެމްއޭއިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން "އެއްބަސްވުމެއް" ކަމަށް ވެސް، ޓީއެމްއޭއިން މިއަދު ބުނެފި އެވެ.

ޓީއެމްއޭއިން އަމިއްލައަށް އެދިގެން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 17، 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އަތުން ގަތުމުގެ އެއް ހަފުތާ ކުރިން، އެމްއޭސީއެލުން ޓީއެމްއޭއަށް، އާ ޓާމިނަލާ ބެހޭ ގޮތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައި، އެ ޓާމިނަލުން ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10:35 ޑޮލަރަށް ދޭން، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް، ޓީއެމްއޭ އިން ބުންޏެވެ.

ބިމު ކުލީގެ އިތުރުން، ޓީއެމްއޭއިން ބުނީ ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ނަގަން ވެސް، ބޯޑުން ނިންމި ކަމަށް، އެ ސިޓީގައި އޮތް ކަމަށެވެ.

އެކަމަކު އެމްއޭސީއެލްގެ ބޯޑުން އެފަދަ ނިންމުމެއް ނިންމި ކަމަށް މިހާތަނަށް އެމްއޭސީއެލުން ބުނެފައެއް ނުވެ އެވެ. އަދި ޓީއެމްއޭއާ އެކު، އާ ޓާމިނަލްއާ ބެހޭ އެއްވެސް ކަހަލަ އެއްބަސްވުމެއްގައި އެމްއޭސީއެލުން ސޮއިކޮށްފައެއް ވެސް ނުވެ އެވެ.

ޓީއެމްއޭ އިން މާލިއްޔަތު ކޮމިޓީގަ އާއި އަދި ނެރުނު ބަޔާނުގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، "އެއްބަސްވުމެއް" ކަމަށް ބަޔާންކުރަނީ، ޑިސެމްބަރު 10، 2017 ގައި، އެމްއޭސީއެލްގެ ވެރިޔަކު ސޮއިކޮށް ފޮނުވާފައި އޮތް ސިޓީއަށް ނިސްބަތްކޮށެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ކަމަށް، މީޑިއާގައި ރިޕޯޓްކުރަން ފެށުމާ އެކު ކުރިމަތިވި ޕްރެޝަރުގައި އެމްއޭސީއެލްގެ ބޯޑުން ވަކި ގޮތެއް ރަސްމީކޮށް ނިންމަން ވަނީ ހުރަސްއެޅިފަ އެވެ. އެކަމަކު ސަރުކާރުން ވަނީ ވަކި ގޮތްތަކެއް ކަނޑައަޅައި، އެމްއޭސީއެލްގެ ބޯޑަށް އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާންކުރި ގޮތުގައި، ޓީއެމްއޭ އިން އަމިއްލައަށް ހަދައިގެން މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލުން އެމްއޭސީއެލަށް ދޭ ބިމު ކުއްޔާ އެއް އަގެއްގައި، ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ، އާ ޓާމިނަލުން ޓީއެމްއޭއަށް، ދެ އަހަރުގެ މުއްދަތަށް ދޭނެ އެވެ.

ދެ އަހަރު ފަހުން، މުޅި ޓާމިނަލް އޮޕަރޭޓްކުރާނީ އެމްއޭސީއެލުން ކަމަށް ވެސް، ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަމަކު މިއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ޓީއެމްއޭ އިން އަންނަނީ ބުނަމުންނެވެ. ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ ޓާމިނަލްގެ އެއް ބުރި އެއްކޮށް ޓީއެމްއޭއަށް ލިބުނަސް، އެ ކުންފުނީގެ ވާހަކަތަކުން އެނގެނީ، އެއީ އޮޕަރޭޝަނަށް އެކަށީގެންވާ މިންވަރު ނޫން ކަމެވެ.

ޓީއެމްއޭގެ ބަޔާނުން ދޭހަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް އެމްއޭސީއެލްގެ ބޯޑުން ނިންމި ކަމަށް ބުނެ ފޮނުވި ސިޓީގައި ބުނެފައިވާ 31،000 އަކަމީޓަރަކީ ޓާމިނަލްގެ ޖާގައަށް ވުރެ ވެސް ބޮޑު ސަރަހައްދެއް ކަމެވެ. ބެލެވޭ ގޮތުގައި އެއީ އިމާރާތްކޮށްފައިވާ ބިމުގެ އިތުރުން، ހުސް ބިންތަކެއް ވެސް ހިމެނޭ ގޮތަށް ދޭން ބުނި ސަރަހައްދެކެވެ.

އާ ޓާމިނަލްގެ ބޮޑުމިނަކީ 28،000 އަކަމީޓަރެވެ. ލައުންޖްތައް ހަދަން ގާތްގަނޑަކަށް 15،242 އަކަމީޓަރުގެ ޖާގަ، ތިން ބުރީގައި ހިމެނެ އެވެ.

ބޮޑު ގެއްލުމަކަށް ވާނެ

ޓީއެމްއޭ އިން ބުނީ ބެއިން ހިމެނޭ ކޮންސޯޓިއަމުން އިންވެސްޓްމަންޓް ގަތީ އެމްއޭސީއެލުން ދިން ސިޓީގައި އޮތް ޔަގީންކަމުގެ މައްޗަށް އިތުބާރުކޮށް ކަމަށް، އޭރުގެ ސަރުކާރަށް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާނެ ކަމަށެވެ.

"ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު އާ ޓާމިނަލުން ޓީއެމްއޭ އަށް ދެވޭނެ ޖާގަ އާއި ކުއްޔާއި ކޮންޓްރެކްޓްގެ މުއްދަތާއި ގުޅޭ ގޮތުން ލިއުމުން ވެވިފައިވާ އެއްބަސްވުމެއް އޮތް އޮތުމަކީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަތުމުގެ މުއާމަލާތް ފުރިހަމަކުރުމަށްޓަކައި އެންމެ ބޮޑު ބުރަދަނެއް ދެވުނު ކަން ކަމުގައި ބެއިން ކެޕިޓަލް އިން ދިވެހި ސަރުކާރަށް އޭރުގައި ސާފުކޮށް ބަޔާންކޮށްދެވިފައިވާނެ އެވެ،" ޓީއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެ "އެއްބަސްވުން" ދޫކޮށްލަން ސަރުކާރުން ނިންމައިފި ނަމަ، ޓީއެމްއޭ އިން ބުނީ، ބޮޑު ގެއްލުމެއް ލިބި، ރާއްޖޭގައި އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ކަންބޮޑުވާނެ ކަމަށެވެ.

"އެހެނީ މި އެއްބަސްވުމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތް ކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަންސްގެ ޚަރަދުތައް ސާފުކޮށް އެނގިގެން ދިޔައީތީ އެވެ. ލިޔުމުން ވެވިފައިވާ މި އެއްބަސްވުން ދޫކޮށްލުމަށް ދިވެހި ސަރުކާރުން ނިންމައިފި ނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ،" ބަޔާނުގައިވެ އެވެ.

ލައުންޖްތަކުން ލިބެނީ 2.8 މިލިއަން ޑޮލަރު

އާ ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅެނީ މާކެޓް ރޭޓަށް ވުރެ ކުޑަކޮށް ކަމަށާއި މާކެޓް އަގުގައި އާ ޓާމިނަލުން ޖާގަ ދޫކޮށްފި ނަމަ އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ ކަމަށް، އޮޑިޓަ ޖެނެރަލްގެ ހާއްސަ އޮޑިޓްގައި ބުނެފައިވެ އެވެ. އެކަމަކު ޓީއެމްއޭ އިން ބުނީ އެއީ ރަނގަޅު ހިސާބެއް ނޫން ކަމަށެވެ.

ލައުންޖްތަކުން މިދިޔަ އަހަރު ލިބުނީ 2.8 މިލިއަން ޑޮލަރު ކަން، އާންސްޓް އެންޑް ޔަންގްގެ އޮޑިޓުން ދައްކާ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި އޮތީ، އެމްއޭސީއެލުން ކުޑަ އަގެއްގައި ބިން ނަގައިގެން، ލައުންޖްތައް ހަދަން ރިސޯޓްތަކަށް ޓީއެމްއޭ އިން ވަރަށް ބޮޑު އަގެއްގައި ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓީއެމްއޭ އިން ބުނި ގޮތުގައި އިތުބާރު ހިފޭ ބައިނަލްއަގުވާމީ އޮޑިޓް ކުންފުންޏަކުން ހެދި ރިޕޯޓުގައި، ލައުންޖް ހިންގައިގެން ލިބުނު އާމްދަނީ ސާފެވެ.

ލައުންޖްތަކުން ޓީއެމްއޭ އިން ލިބުނު ކަމަށް ބުނާ އާމްދަނީ

2017: އާމްދަނީ 2.1 މިލިއަން ޑޮލަރު

2018: އާމްދަނީ 2.4 މިލިއަން ޑޮލަރު

2019: އާމްދަނީ 2.8 މިލިއަން ޑޮލަރު

"މި އަދަދުތަކަކީ އޮޑިޓަ ޖެނެރަލްގެ އިތުރުން ގުޅުން ހުރި ސަރުކާރުގެ ޑިޕާޓްމެންޓްތަކާއި ހިއްސާކޮށްފައިވާ އަދަދުތަކެކެވެ. މި އަދަދުތަކުން ސާފުވާ ކަމަކީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި އާ ސީޕްލޭން ޓާމިނަލްގެ ލައުންޖްތަކުން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތަކަކީ ވަރަށް ބޮޑަށް އޯވަ އެސްޓިމޭޓްކުރެވިފައިވާ އަދަދެއް ކަމެވެ،" ބަޔާނުގައިވެ އެވެ.

އެކަމަކު ޓީއެމްއޭގެ ބަޔާނުގައި އެމްއޭސީއެލުން ޓާމިނަލް ހަދަން ކުރި ހޭދަ ކަމަށް ބުނެފައި އޮތީ ރަނގަޅު އަދަދެއް ނޫނެވެ. ޓީއެމްއޭއިން ބުނަނީ އާ ޓާމިނަލް ހަދަން ހޭދަކުރީ 26 މިލިއަން ޑޮލަރު ކަމަށެވެ. މިއީ މުޅި ޕްރޮޖެކްޓްގެ އެއް ބަ އެވެ. ޓާމިނަލް ހަދާފައި ވަނީ ބޮޑު ބައެއް ހިއްކައިގެންނެވެ. އޭގެ އިތުރުން ޓާމިނަލާ ގުޅޭ އެހެން ކަންކަމަށް ކުރި ހޭދައާ އެކު ޕްރޮޖެކްޓްގެ އަގު 55 މިލިއަން ޑޮލަރަށް އަރަ އެވެ.