Roadha Mihaaru
ފާޓީގެ ރެކޯޑް ދެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް

ފާޓީގެ ރެކޯޑް ދެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް

03 ފެބުރުއަރީ 2020

ބާސެލޯނާ (ފެބްރުއަރީ 3) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ފޯވާޑް އަންސޫ ފާޓީ ޖެހި ރެކޯޑް ދެ ގޯލާ އެކު 2-1 އިން ލެވާންޓޭ އަތުން ބާސެލޯނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ފެބްރުއަރީ 3) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ފޯވާޑް އަންސޫ ފާޓީ ޖެހި ރެކޯޑް ދެ ގޯލާ އެކު 2-1 އިން ލެވާންޓޭ އަތުން ބާސެލޯނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

މި މެޗުގައި އުމުރުން 17 އަހަރުގެ ފާޓީ ދެ ގޯލު ޖެހުމުން އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީހުގައި އެއް މެޗެއްގައި ދެ ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް ކުރިން އޮތީ 2010 ވަނަ އަހަރު މަލާގާ އަށް ދެ ގޯލު ޖަހައިދިން ހުއާންމީ ހިމެނޭޒް އަތުގަ އެވެ. ފާޓީ ދެ ގޯލު ޖެހިއިރު އުމުރަކީ 17 އަހަރާއި 94 ދުވަހެވެ. ހުއާންމީ ރެކޯޑް ހެދި އުމުރަކީ 17 އަހަރާއި 115 ދުވަހެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު އެއް ވަނައިގައި ރެއާލް މެޑްރިޑުން ވަނީ ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ މޮޅުވުމުން ރެއާލްގެ ލީޑު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. ރެއާލަށް 22 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ބާސެލޯނާ އަށް 22 މެޗުން ހަމަކުރެވުނީ 46 ޕޮއިންޓެވެ.

މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. ފާޓީ ޖައްސާލި ބޯޅަ އޭރިއާތެރެއިން މެސީ ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން އެންޓޮއިން ގްރީޒްމަން ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ފާޓީ ބާސެލޯނާގެ ދެ ގޯލު ޖެހީ ދެ މިނިޓް ތެރޭގަ އެެވެ. އެ ގޮތުން ފުރަތަމަ ގޯލު މެޗުގެ 30 ވަނަ މިނިޓްގައި ޖެހީ މެސީ ހުސްކޮށްލާފައި ދިން ބޯޅަ އަކުންނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ދެ ވަނަ ގޯލު ފާޓީ ޖެހިއިރު، މި ގޯލު ޖަހަން ވެސް ފުރުސަތު ތަނަަވަސްކޮށްދިނީ މެސީ އެވެ.

ލެވަންޓޭގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ރޮޗީނާ އެވެ. އޭރިއާ ބޭރުން ރޮޗީނާ ޖެހި ބާރު ބޯޅަ ބާސެލޯނާގެ ކީޕަރު އަންދްރޭ ސްޓެގެން މަތަކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މިއީ ވަރަށް ތަފާތު ބޮޑުކޮށް މޮޅުވެވޭނެ މެޗެއް ކަމަށާއި އެކަން ހާސިލްނުވީ އެކި ވަގުތުުތަކުގައި އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ ކުޅުނު މެޗުން އަލާވެސްއާ 1-1 އިން އެއްވަރުވުމުން އޭގެ ފައިދާ ނަގައި ގެޓަފޭ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ގެޓަފޭ ރޭ މޮޅުވީ އެތުލެޓިކް ބިލްބާއޯ ދަނޑުގައި ކުޅުނު މެޗުން 2-0 އިންނެވެ.