Roadha Mihaaru
ޓްރާންސްޕޯޓުން ނޯޓިސް ދިން މުވައްޒަފުން ވަކިކޮށްފި

ޓްރާންސްޕޯޓުން ނޯޓިސް ދިން މުވައްޒަފުން އެންމެ ފަހުން ވަކިކޮށްފި

29 ޖެނުއަރީ 2020

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން ވަކިިކުރާނެ ކަމުގެ އިންޒާރު މިދިޔަ އަހަރު ދިން 11 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން ވަކިިކުރާނެ ކަމުގެ އިންޒާރު މިދިޔަ އަހަރު ދިން 11 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

ޓްރާންޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނީ މިދިޔަ އޮކްޓޯބަރުމަހު އެވެ. އޭރު އެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ހާޒިރު ކުރި އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ބެލި އިރު، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ބައްދަލުވުމަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގެންނެވި އެވެ.

ޓްރާންްސްޕޯޓުން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގަ އެވެ.

މިއަދު ވަކިކުރި މުވައްޒަފުންނަށް ޓްރާންސްޕޯޓް އޮތޯރިޓީން އެންމެ ފަހުން ދިން ލިއުމުގެ ކޮޕީއެއް "މިހާރު"އަށް ލިބުނެވެ. އެ ލިއުމުގައިވާ ގޮތުން މުވައްޒަފުންނަށް އަންގާފައި އޮތީ ވަޒީފާ އިން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އެކަމަކު މިއަދު ހެނދުނު 10:00 ގެ ކުރިން އަމިއްލަ އަށް އިސްތިއުފާ ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ވަޒީފާއިން ވަކިކުރި މީހަކު ބުނީ، އިސްތިއުފާ ދޭން ދިން މުހުލަތު މިއަދު ހަމަވި އިރު، އިސްތިއުފާ ނުދިނުމުން 10 މީހުން ވެސް މިހާރު ވަކިކޮށްފައިވާ ކަަމަށެވެ. އަދި އެއް މުވައްޒަފަކު ކުރިން ވަނީ އަމިއްލައަށް ވަކިވެފައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ އޭރު ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސްް މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ޓްރާސްންޕޯޓް މިނިސްޓްރީގެ އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި އޮންނަ އެއްވެސް އޮފީހެއް އެއްވެސް މުއައްސަސާއެއްގެ އެއްވެސް ބޭފުޅަކަށް ގާނޫނާ ގަވައިދާ އަދި ސިވިލް ސާވިސް މުވައްޒަފެއް ނަމަ އެތަނެއްގައި އޮންނަ ސިވިލް ސާވަންޓުންނާ މެދު އަމަލުކުރަން ޖެހޭ ގަވާއިދުތަކާ ހިލާފަށް ފިޔަވަޅެއްް ނާޅާނެކަން،" ނަހުލާ އޭރު ވިދާޅުވި އެވެ.

މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ އަހުލާގާ ގުޅޭ ގޮތުން މިނިސްޓަރު ނަހުލާ ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެއް އޭރު ލީކުކޮށްލި އެވެ. އޭގައި މިނިސްޓަރުގެ ބަސްމަގާއި ރާގު ހުރި ގޮތުން ވެސް ފާޑުކިޔުންތައް އަމާޒުވި އެވެ. މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް ނަހުލާ ވިދާޅުވެފައި ވަނީ، ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަަމަށެވެ. ޓްރާންސްޕޯޓުގައި ގިނައީ ވަރަށް "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުން" ކަމަށް އޭނާ ވިދާޅުވި އެވެ.