Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

29 ޖެނުއަރީ 2020

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހު ގެނެސްދޭ ބިރުވެރި ފިލްމު "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" ގެ ޓީޒާއެއް ދައްކާލައި، ފިލްމުގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހު ގެނެސްދޭ ބިރުވެރި ފިލްމު "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" ގެ ޓީޒާއެއް ދައްކާލައި، ފިލްމުގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.

މި ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑަިއރެކްޓްކޮށް، ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލާއި ބޫމީ ޕެޑްނޭކަރު މުހިއްމު ރޯލްތަކުން ފެންނާނެ ފިލްމެކެވެ. އަދި މިއީ އެ ދެ ތަރިންގެ ޖޯޑު އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ.

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" ގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރްގެ ބޭބެ ސިދާންދު ކަޕޫރާއި އަޝުތޯޝް ރާނާ ވެސް ހިމެނެ އެވެ.

މި ފިލްމަކީ ކަރަންގެ ދަރުމާ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެކެވެ.

މިދިޔަ އަހަރު އެ ސްޓޫޑިއޯ އިން "ކޭސަރީ" އާއި "ކަލަންކް" އާއި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އާއި "ގުޑް ނިއުޒް" ގެނެސްދިނެވެ.

އާމިރުގެ ޝުކުރު "ބައްޗަން ޕާންޑޭ" ގެ ޓީމަށް

އަންނަ ޑިސެމްބަރު މަހުގެ 25 ގައި ރިލީޒްކުރަން ތާވަލުކުރި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އެ ތާރީހުގައި ރިލީޒްނުކުރަން ނިންމައި، ފިލްމު އަންނަ އަހަރަށް ފަސްކުރުމުން އާމިރު ޚާން ފިލްމުގެ ޓީމަށް ޝުކުރު އަދާކޮށްފި އެވެ.

ޑިސެމްބަރު 25 އަކީ އޭނާގެ "ލާލް ސިންގް ޗައްޑާ" ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ. އެހެންވެ އެ ފިލްމާ އެކު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާން އަކްޝޭގެ ފިލްމުގެ ޓީމުން ނިންމުމުން އާމިރު ކުރި ޓްވީޓެއްގައި ބުނީ ވާހަކަ ދައްކާލައިގެން ބައެއް ފަހަރު ކަންކަން ހަމައަކަށް އެޅުވިދާނެ ކަމަށެވެ.

އެގޮތުން އަކްޝޭ އާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އަށް ޝުކުރު އަދާކުރަމުން އެ މީހުންގެ ފިލްމަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުންޏެވެ. އަދުވައިތު ޗަންދަން ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރް ބަތަލާގެ ރޯލް ކުޅޭ "ލާލު ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށް، ކްރިތީ ސެނަން ބަތަލާގެ ރޯލް ކުޅޭ "ބައްޗަން ޕާންޑޭ" މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 22 އަށެވެ.

"ބެލް ބޮޓަމް" 2021 ގެ އެޕްރީލަށް

އަކްޝޭގެ "ބައްޗަން ޕާންޑޭ" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ގައި ގެނެސްދޭން ތާވަލުކުރުމާ ގުޅިގެން، ކުރިން އެ ތާރީހުގައި ގެނެސްދޭން ނިންމާފައި އޮތް އޭނާގެ "ބެލް ބޮޓަމް" އަންނަ އަހަރުގެ އެޕްރީލަށް ފަސްކޮށްފި އެވެ.

ނިކިލް އަދުވާނީ އާއި ވާޝޫ ބަގްނާނީ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 2 އަށެވެ. މި ފިލްމަކީ ރަންޖީތު އެމް ތެވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ.

"ބެލް ބޮޓަމް" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

"ތައްޕަޅު" ގެ ޓްރެއިލާ ހުކުރު ދުވަހު

ބަތަލާ ތާޕްސީ ޕައްނޫއާ އެކު ޑައިރެކްޓަރު އަނޫބަވް ސިންގާ ގެނެސްދޭ ދެވަނަ ފިލްމު "ތައްޕަޅު" ގެ ޓްރެއިލާ އަންނަ ހުކުރު ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

މި ފިލްމަކީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހަދާފައިވާ ސޯޝަލް ޑްރާމާއެކެވެ. "ތައްޕަޅު" ގެ ކާސްޓުންގެ ތެރޭގައި ޕަވައިލް ގްލާޓީ ވެސް ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ. "ތައްޕަޅު" އަކީ 2018 ގައި ރިލީޒްކުރި "މުލްކް" އަށް ފަހު އަނޫބަވް، ތާޕްސީއާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

އަނޫބަވް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ ލީޑް ރޯލް ކުޅުނު "އާޓިކަލް 15" އެވެ.