Roadha Mihaaru
ހިމަބިއްސަށް ސްކްރީންކުރަން ހުޅުމާލޭގައި މަރުކަޒެއް

ހިމަބިއްސަށް ސްކްރީންކުރަން ހާއްސަ މަރުކަޒެއް ހުޅުމާލޭގައި

19 ޖެނުއަރީ 2020

ހިމަބިއްސަށް ސްކްރީން ކުރަން ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިމަބިއްސަށް ސްކްރީން ކުރަން ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ ޕްރީ ސްކޫލުގައި ހެދި ސްކްރީނިން މަރުކަޒުން ހިދުމަތް ހޯދާނީ، ހުން އައުމާއެކު ގައިގައި ބިހިތަކެއް ނަގާފައިވާ މީހުން އެކަނި ކަމަށެވެ.

އެތަނުން ހިދުމަތް ދޭނީ، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00އާ ހަމައަށެވެ.

އެ މަރުކަޒަށް ދާއިރު، ވެކްސިން ކާޑު ނުވަތަ ވެކްސިން ޖަހާފައިވާކަމުގެ ލިޔުމާއި އައިޑީ ކާޑު ގެންދަން އެދެ އެވެ. ބިދޭސީއެއް ނަމަ އެ މީހެއްގެ ޕާސްޕޯޓު ނުވަތަ ވޯކް ޕާމިޓް ކާޑު ބޭނުންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ސްކްރީނިން މަރުކަޒުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދަން އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު، 7289259 އަށް ގުޅުމަށް އެދެ އެވެ.

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ހަތަރު ވަނަ މީހަކަށް އެ ބަލި ޖެހިފައިވާކަމަށް އެޗްޕީއޭ އިން އިއްޔެ ބުންޏެވެ.

އެ އެޖެންސީން ބުނީ ހިމަބިއްސަށް ޓެސްޓްކުރި އަށް މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ބައްޔަށް އޭގެ ކުރީ ދުވަހު ވެސް 11 މީހަކު ޓެސްޓްކުރި އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ޓެސްޓްކުރި އެއްވެސް މީހަކަށް އެ ބަލި ޖެހިފައެއް ނުވެ އެވެ.