Roadha Mihaaru
ނަފުސާނީ މައްސަލަތަކާ ދުރުވާނެ ފަސް ގޮތެއް

ނަފުސާނީ މައްސަލަތަކާ ދުރުވާނެ ފަސް ގޮތެއް

06 ޖެނުއަރީ 2020

އާ އަހަރާ ކޮންމެ މީހަކު ވެސް ކުރިމަތިލާނީ އާ ލަނޑުދަނޑިތަކެއް ހާސިލް ކުރުމުގެ އުންމީދުގަ އެވެ. އެގޮތުން މިދިޔަ އަހަރު ނުކުރެވުނު ކަންކަން އާ އަހަރުގައި ހާސިލް ކުރަން އަޒުމް ކަނޑައެޅުމަކީ ވެސް މުހިއްމު ކަމަކަށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ އަހަރާ ކޮންމެ މީހަކު ވެސް ކުރިމަތިލާނީ އާ ލަނޑުދަނޑިތަކެއް ހާސިލް ކުރުމުގެ އުންމީދުގަ އެވެ. އެގޮތުން މިދިޔަ އަހަރު ނުކުރެވުނު ކަންކަން އާ އަހަރުގައި ހާސިލް ކުރަން އަޒުމް ކަނޑައެޅުމަކީ ވެސް މުހިއްމު ކަމަކަށް ވާނެ އެވެ.

ހަމަ މިއާ އެކު، ދުޅަހެޔޮ ސިއްހަތެއް ހޯދަން މަސައްކަތް ކުރުމަކީ ބެސް ވަރަށް ގިނަ ބަޔަކު އަމާޒު ހިފާނެ ކަމެކެވެ. މިއީ، ވަރަށް ގިނަ މީހުން އެކި ކަހަލަ ނަފުސާނީ މައްސަލަތަކުގެ ތެރޭގައި ވެސް އުޅެން ޖެހިފައިވާ ބުރަ ބޮޑު ޒަމާނެކެވެ. އެހެންވެ، އާ އަހަރާ ކުރިމަތިލި އިރު، ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވާން ވެސް ހާއްސަ ސަމާލުކަމެއް ދެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

އޭގެ ތެރެއިން މުހިއްމު ފަސް ކަމަކަށް ބަލައިލުން ކިހިނެއް ވާނެ ހެއްޔެވެ؟ މީހާގެ ނަފުސާނީ ދުޅަހެޔޮ ކަމަކީ އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމަކަށް ވަރަށް މުހިއްމު ވާނެ ކަމެކެވެ.

* ޕޮޒިޓިވްކޮށް ވިސްނުން

އަބަދު ވެސް ކަންކަމާ ދޭތެރޭ ރަނގަޅަށް ވިސްނުން ބެހެއްޓުން ވަރަށް މުހިއްމެވެ. މާނަ އަކީ ޕޮޒިޓިވްކޮށް ވިސްނާ މީހުންނަކީ އަބަދު ވެސް ދިރިއުޅުމަށް އުންމީދީ ބައެކެވެ. އެފަދަ މީހުންނަކީ އެއް ފަހަރުން ކަމެއް ހާސިލު ނުވިޔަސް، އެ ހިސާބުން އެކަމެއް ހުއްޓާލައި، އަޒުމް ދޫކޮށްލާ ބައެއް ނޫނެވެ.

ޕޮޒިޓިވްކޮށް ވިސްނާ މީހުންނަކީ ތިމަންނަ އަށް ވާނެއޭ ކިޔައި، އިތުރު ހިތްވަރަކާ އެކު ކުރިއަށް ދާ މީހުންނެވެ. އެހެންވެ ނާކާމީޔާބީ އަކީ ހިތްވަރެއް ކަމަށް ދެކޭށެވެ. ކާމިޔާބު ވާނީ ނާކާމީޔާބީތަކުން ހިތްވަރު ހޯދައިގެންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނާ މީހުންނަކީ ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ސިއްހީ ބޮޑެތި މައްސަލަތަކުން ސަލާމަތް ވުމުގެ ފުރުސަތު ވެސް ބޮޑު ބައެކެވެ. އެގޮތުން ޕޮޒިޓިވްކޮށް ވިސްނާ މީހުން އެ ނޫން މީހުންނަށް ވުރެ ހާޓްއެޓޭކާއި ސްޓްރޯކުން ދުރުކޮށް ދިނުމުގެ ފުރުސަތު 35 ޕަސަންޓަށް ބޮޑުކޮށްދެ އެވެ.

ކުރިމަތިވާ ހިތްނޭދޭ ކަހަލަ ކަންކަމުން މާޔޫސްވުމުގެ ބަދަލުގައި އެއީ ޗެލެންޖެއްގެ ގޮތުގައި ދެކޭށެވެ. އޭރުން އެކަމެއް ހާސިލު ކުރުމުގެ ރޫހާއި ޖޯޝް އިތުރުކޮށް ދޭނެ އެވެ.

ދަރުމަ އަށް މަސައްކަތްކުރުން

ވޮލަންޓިއަރިޒަމް ނުވަތަ ދަރުމަ އަށް އެކި ކަހަލަ ކަންކަމުގައި މަސްއޫލުވެގެން އުޅުމަކީ ވެސް މީހާގެ ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަ ކޮށްދޭ ކަމެކެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ދާއިރާއެކެވެ.

ދަރުމަ އަށް ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ ހަޔާތުގެ މުހިއްމު ކަމާއި އެހެން މީހުންގެ ބޭނުންތައް ވެސް ތިމާ އަށް އިހުސާސް ކޮށްދޭނެ ކަމެކެވެ. އެހެން މީހުންނަށް އެހީވުމަކީ އުފަލެއް ކަމަށް ދެކޭށެވެ. އަދި އެކަން ކުރުމުން އެހިދެވޭގެ މީހާގެ އިތުރުން އަމިއްލަ ނަފުސަށް ވެސް އުފާވެރި ކަމާއި ހިތްހަމަޖެހުން ގެނުވައި ދޭނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަބަދު މީސްމީހުންނަށް ބަރޯސާ ވުމާއި އެހެން މީހުންގެ ފަރާތުން ތިމާ އަށް ކަންކަން ވާން ޖެހޭނެ ކަމަށް އުންމީދު ކުރުމަކީ މީހާގެ ބަލިކަށި ކުރާނެ ކަމެކެވެ. އޭގެ ބަދަލުގައި އަނބުރާ ތިމާ އަށް އެއްޗެއް ލިބޭނީ ވެސް އެހެން މީހުންނަށް ވެސް އެހީވެގެން ކަމަށް ދެކެން ޖެހެ އެވެ.

ނަފުސާނީ ބަލިތަކުގެ އެންމެ އާންމު ކަންކަމުގެ ތެރޭގައި ހިމެނޭ ޑިޕްރެޝަނާއި ސްޓްރެސް އަކީ ދަރުމަ އަށް މަސައްކަތް ކޮށްގެން ދުރުވެވިދާނެ ކަންކަމެވެ. އަދި މީގެ ސަބަބުން ސިކުނޑި އަށް ދިމާވާ އެކި ކަހަލަ ސިއްހީ މައްސަލަތަކުން ވެސް ރައްކާތެރިކޮށްދޭން ބާރަކަށް ވެ އެވެ.

ދަރުމަ އަށް މަސައްކަތް ކުރުމަކީ މީހާގެ ނަފުސު ތަރުބިއްޔަތު ވެސް ކޮށްދީ، ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން ވެސް ދަސްކޮށްދޭނެ ކަމެކެވެ.

* ޝުކުރުކުރުން

އަބަދު ވެސް ޝުކުރުވެރިވާ މީހަކަށް ވާށެވެ. ތިމާ އަށް ކިތަންމެ ކުޑަކުޑަ ކަމެއްކޮށްދޭ މީހެއްގެ ވެސް އަގުވަޒަންކޮށް، ޝުކުރު އަދާކުރާށެވެ. ޝުކުރު އަދާކުރުމަކީ ލޯބި ވެސް އިތުރުވާނެ ކަމެކެވެ. އަބަދު ކަންކަމާ ޝަކުވާ ކުރާ މީހަކަށް ވުމުގެ ބަދަލުގައި ތިމާ އަށް ލިބިފައިވާ މިންވަރާ ދޭތެރޭ ވެސް ފުދިގެން އުޅެން ދަސްކުރަން ޖެހޭ އެވެ. މިންވަރަށް ޝުކުރުވެރި ވުމަކީ ދަހިވެތިކަމާއި މުށްބާރުވުމުން ވެސް ދުރުކޮށްދޭނެ ކަމެކެވެ.

ތިމާ އަށް ވީ ވަރަކުން މީހުންނަށް އެހީވުމަކީ އުފަލަކަށް ހަދާ ނަމަ އެހެން މީހުން ވެސް ތިމާކޮށްދޭ ކަންކަމުގެ އަގުވަޒަން ކުރާނެ އެވެ. ޝުކުރު އަދާކުރާނެ އެވެ.

ދުވަސް ނިންމާލައި ރޭގަނޑު ނިދުމުގެ ކުރިން އެ ދުވަހަކު ތިމާގެ ހަޔާތުގައި ކުރިމަތިވި ޕޮޒިޓިވް ކަންތައްތައް ނޯޓް ކޮށްލާށެވެ. އެއީ ކިތަންމެ ކުޑަ އަދި ބޮޑު ކަމަކަށް ވިޔަސް ހެވެ. މިހެން ހެދުމުން އަބަދު ވެސް ތިމާ އަށް ކަންކަމުގައި އެހީވާ މީހުންނާއި އަޅައިލާ މީހުންގެ މަތިން ހަނދާން އާކޮށްދޭނެ އެވެ. އަދި އެ މީހުންގެ ބޭނުން ތިމާ އަށް ކިހާ މުހިއްމުކަން އިހުސާސް ކޮށްދޭނެ އެވެ.

* ގުޅުން ބަދަހިކުރުން

ގުޅުން ބަދަހިކުރުމަކީ މީހާގެ އެކަނިވެރިކަން ވެސް ފިލާނެ ކަމެކެވެ. އެހެންވެ އާއިލާގެ މީހުންނާއު ގާތް ރައްޓެހިންނާއި އެކީގައި މަސައްކަތް ކުރާ މީހުންނާ އޮންނަ ގުޅުން އަބަދު ވެސް ވަރުގަދަ ކުރާށެވެ.

އިޖުތިމާއީ ގުޅުން ބަދަހިވި ވަރަކަށް މީހާގެ ނަފުސަށް ހަމަޖެހުން ގެނުވައި ދޭނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިޖުތިމާއީ ގުޅުން ބަދަހި މީހުންނަކީ އުފާވެރި އަދި ޖިސްމާނީ ގޮތުން ވެސް ވަރުގަދަ ބަޔަކަށް ވުމުގެ އިތުރަށް އުމުރު ވެސް ދިގު ބަޔެކެވެ. އެކީގައި ގިނަ ބަޔަކާ އުޅުމަކީ ވަަރަށް ގިނަ ކަންކަމް ދަސްކުރެވި، ތަޖުރިބާތައް ކޮށްލަން ލިބޭނެ ވަރަށް ފަހި ފުރުސަތަކެވެ.

ގުޅުމެއް ބާއްވަން ޖެހޭނީ ހަމައެކަނި ތިމާ އަށް ލިބޭ މާއްދީ ފައިދާއަކަށް ކަމަށް ބަލައިގެން ނުވާނެ އެވެ. އެއީ ވަރަށް ގޯސް ވިސްނުމެކެވެ. ގުޅުން ބަދަހިކުރަން ވަނީ އެކަކު އަނެކަކަށް ދިމާވާ ކޮންމެ ކަމެއް، ކޮންމެ ހާލަތެއްގައި ވެސް ތިމާ އެ މީހަކާ/އެބަޔަކާ އެކީގައި ހުންނާނެކަން ސާބިތުކޮށް ދިނުމާ އެކީގަ އެވެ.

* ލަނޑުދަނޑިއެއް އޮތުން

ކަމެއް ހާސިލު ކުރެވޭނީ އެކަމެއް ކުރުމުގެ އަޒުމާއި ނިޔަތް ވެސް އޮވެގެންނެވެ. އެހެންވެ ހަޔާތުގައި ތިމާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތެއް ކަނޑައަޅާށެވެ. އެއީ ކުރިއަށްދާން ކޮށޭނެ ފަސޭހަ މަގަކަށް ވާނެ އެވެ. އެއްވެސް މިސްރާބެއް ނެތް ކަމަށްވާ ނަމަ، އޮޔާދާ އޮޑިއެކޭ އެއްވެސް ތަފާތެއް ނެތެވެ.

އަމިއްލަ ނަފުސަށް އިތުބާރު ކުރާ މީހަކަށް ވާށެވެ. ކަމެއް ހާސިލު ކުރުމުގައި ދެމިހުރެވޭނީ ވެސް އެކަމެއް ތިމާ އަށް ކުރެވޭނެ ކަމަށް ގަބޫލުކުރާ ނަމަ އެވެ. އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ނުދެކޭށެވެ. ކާމިޔާބީ އަކީ މަސައްކަތް ކުރާ މީހުންގެ ހައްގެކޭ ބުނަނީ މި ސަބަބާ ހެދި އެވެ.

އެހެންވެ ކާމިޔާބީ އަށް ހަމައަށް ދާން އަބަދު ވެސް ހިތްވަރުލާށެވެ. ވެއްޓުނީމާ ތެދުވެ، އެ އަށް ވުރެ ބާރަށް ދުއްވައި ގަންނާނީ އެވެ. ފަސް އެނބުރި ބެލުމެއް ނެތެވެ. ވިސްނަންވީ ކުރިމަގާ ދޭތެރޭގަ އެވެ.