Roadha Mihaaru
ގުޑީސް ބަލިކޮށް ސިފައިން ޗެމްޕިއަންކަމާ ގާތަށް

ގުޑީސް ބަލިކޮށް ސިފައިން ޗެމްޕިއަންކަމާ ގާތަށް

05 ޖެނުއަރީ 2020

ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ޗެމްޕިއަންކަމާ ގާތަށް ދިވެހި ސިފައިންގެ ކްލަބުން ޖެހިލައިފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ޗެމްޕިއަންކަމާ ގާތަށް ދިވެހި ސިފައިންގެ ކްލަބުން ޖެހިލައިފި އެވެ.

ބާކީ އެއް މެޗު އޮތްއިރު ސިފައިން މި ވަގުތު އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޮލިސް ކްލަބަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އިއްޔެ ހަވީރު ކުޅުނު މެޗުން ޕޮލިސް ވަނީ ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް ގުޑީސް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ސިޓީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ރޭގެ ބައްޔާ އެކު ގުޑީސް އަށް ލީގު ތަށި ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގު ހޯދުމުގެ ފުރުސަތު ލިބޭނެ ޓީމެއް އެނގޭނީ މާދަމާރޭ ސިފައިންނާއި ޕޮލިސް ކުޅޭ މެޗުންނެވެ. ފުރަތަމަ ބުރުގައި ޕޮލިހުން ވަނީ 3-1 އިން ސިފައިން ބަލިކޮށްފަ އެވެ. ޕޮލިހަށް ލީގުގެ ޗެމްޕިއަންކަން ލިބޭނީ ފަސް ސެޓަށް ނުގޮސް ސިފައިން ބަލިކޮށްގެންނެވެ. ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ސިފައިންނަށް ތަށި ލިބޭނެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ގުޑީސް އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ޕޮލިސް ކައިރީގައި ދެއްކި ހިތްވަރު ގުޑީސްގެ ފަރާތުން ނުފެނުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސިފައިންގެ ޓީމުން ތަޖުރިބާގެ ބޭނުންކޮށް ދެއްކި މޮޅު ކުޅުމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާން ކުޅުންތެރިޔާ މުބާޝަރު ރަޒާ އާއި ދާދި ފަހުން ގައުމީ ޓީމުން ރިޓަޔާކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިފައިންގެ ޓީމުން ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 25-17 އަދި 25-17 އިންނެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސިޓީއާ ދެކޮޅަށް ޕޮލިހުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހުސެއިން ރަޒާން އެވެ. ޕޮލިހުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ސެޓުތައް ގެންދިޔައީ 25-12، 25-18 އަދި 25-11 އިންނެވެ.

މި ފަހަރުގެ ގައުމީ ލީގު މި ބާއްވަނީ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ކުރިން ފޯރިގަދަކޮށް ކުރިއަށްދާ އެއް ވޮލީބޯޅަ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ މުބާރާތް ނުބާއްވާގޮތަށް މިދިޔަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބިފައިވާ މުއްދަތުގެ ތެރެއަށް ފައްތައިގެން ވޮލީ ސީޒަން ކުރިއަށް ގެންދާއިރު އޭރު ލީގު ކުޅެވެން ނެތުމުންނެވެ. މި ފަހަރު ބާއްވަނީ ގައުމީ ލީގުގެ ފިރިހެން ޑިވިޝަން އެކަންޏެވެ.