01 ޖުލައި 2022
ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ވެސް މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށްގެން ގައުމީ ވޮލީބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ވެސް މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށްގެން ގައުމީ ވޮލީބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ.
އަންނަ ހޯމަދުވަހު ފަށާ ގައުމީ މުބާރާތުން ޖާގަ ލިބޭނީ، ގައުމީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. ޕޮލިހާއި ސިފައިންގެ އިތުރުން، ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ސްޕޯޓްސް ކްލަބް ސިޓީ ވެސް ގައުމީ މުބާރާތް ކުޅޭނެ އެވެ.
ހަ ޓީމު ވާދަކުރާ ގައުމީ ލީގުގެ އެއްވަނައިގައި ސިޓީ އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސިފައިންނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައި ވާއިރު، ތިންވަނައިގައި އޮތް ޕޮލިހަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ.
ހަތަރުވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ކްލަބް ވެމްކޯ އެވެ. ތިން މެޗު ކުޅެފައިވާ ސްޕޯޓްސް ކްލަބް ގުޑީސް އާއި ހަތަރު މެޗު ކުޅެފައިވާ އޮފު އެފްސީ އަށް އަދި މެޗެއް ކާމިޔާބެއް ނުކުރެވެ އެވެ. ވެމްކޯ އަށް ލީގުގައި ބާކީ ދެ މެޗު އެބަ އޮތެވެ. ދެ މެޗުގައި ނުކުންނާނީ ސްޕޯޓްސް ކްލަބް ގުޑީސް އަދި ސިޓީއާ ދެކޮޅަށެވެ.
ސިފައިންނާއި ގުޑީސް މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
ސިފައިން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިއަދު ހަވީރު ގުޑީސްއާ ވާދަކޮށް ސީދާ ތިން ސެޓުން؛ 29-27، 25-17 އަދި 25-20 އިންނެވެ.
ފުރަތަމަ ސެޓުގައި ގުޑީސްގެ އެޓޭކުތަކުގައި ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި ހަސަން ނިލާމް (ޕާޓޭ) ގެ ރަނގަޅު ކޮމްބިނޭޝަނެއް ފެނިގެންދިޔަ އެވެ. ނަމަވެސް ސިފައިންގެ ޑިފެންސް ރަނގަޅުކޮށް، ސެޓު ކާމިޔާބު ކޮށްފަ އެވެ.
މެޗުގައި ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އާއި އިންޑިއާގެ ކުޅުންތެރިޔާ، މަނޫ ޖޯސެފްގެ ކުޅުން ފާހަގަ ވިއެވެ. މީގެ އިތުރުން އެޓީމުގެ އެޓޭކުގައި ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގެ މޮޅު ޕާޓްނާޝިޕެއް ފެނިގެން ދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ގިނަ ޕޮއިންޓްތަކެއް ސިފައިންނަށް ހޯދައިދިން ލޯންގޭ އެވެ.
ޕޮލިސް ކްލަބާއި އޮފު އެފްސީ، އެސޯސިއޭޝަން ކަޕުގައި ކުޅުނު މެޗުގެ ތެރެއިން އޮފު އެފްސީގެ ކުޅުންތެރިއަކު ބޯޅަފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕޮލިސް ކުލަބުން ވެސް އެޓީމުގެ މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިރޭ އޮފު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލިހުން ސެޓްތައް ގެންދިޔައީ 25-23، 25-16 އަދި 25-13 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެޓީމުން ވެސް ވާދަވެރިކަން ފެނުނެވެ. ނަމަވެސް ސެޓުގެ މެދަކާ ހަމައިން ޕޮލިހަށް ލީޑު ލިބުނު ހިސާބުން އެޓީމުން ވަނީ މޮޅަށް ކުޅެ، ލީޑުގައި އޮވެގެން ސެޓު ނިންމާލައިފަ އެވެ.
ދެވަނަ ސެޓުގައި ވެސް ފެށުން ވާދަވެރި ވިއެވެ. އަހުމަދު މުހައްމަދު (ކޯކޭ) އާއި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ގުރޫ ޕްރަސަންތާއި ޖޯން ޖޯސެފްގެ އެޓޭކުތަކާ އެކު އޮފު އެފްސީން ލީޑު ވެސް ނެގި އެވެ. ނަމަވެސް ޕޮލިހުން ފަހަތުން އަރައި ލީޑު ހޯދުމަށް ފަހު ދެވަނަ ސެޓާއި ތިންވަނަ ސެޓު ވެސް ނިންމާލީ ފުރިހަމަ ކޮންޓްރޯލާ އެކު އެވެ.
ޕޮލިސް ޓީމުގެ މާއިޝް އަހުމަދާއި ޝުއައިބު އަބްދުއްލަތީފްގެ އިތުރުން ބިދޭސީ ކުޅުންތެރިން ކަމަށްވާ މުއްތުސާމީ އަޕަވޫ އާއި އަކިން އައްމާލް އަދި އަނޫ ޖޭމްސް ވެސް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގުގައި މާދަމާ ކުޅެން އޮތީ ރޭގަނޑު 8:30 ގައި ކްލަބް ވެމްކޯ އާއި ސްޕޯޓްސް ކްލަބް ގުޑީސް ބައްދަލުކުރާ މެޗެވެ. ވެމްކޯ އަށް މެޗު ކާމިޔާބު ވެއްޖެނަމަ، ގައުމީ މުބާރާތުގެ ފަހު ޖާގަ އެޓީމަށް ލިބޭނެ އެވެ.
ވެމްކޯ ބަލިކޮށް ސިޓީ ގައުމީ ލީގު އައްޑަނަ އުފުލާލައިފި
ސިޓީ އަށް ޗެމްޕިއަންކަން، ވެމްކޯ މޮޅަކާ އެކު ކުރިއަށް
ގައުމީ ވޮލީ ލީގުގައި ޕޮލިހާއި ސިފައިން ވެސް މޮޅުވެއްޖެ
ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ސިފައިން ހޯދަައިފި
ސިފައިން ލީޑުގައި އެކަމަކު ޕޮލިހުން ދުލެއް ނުދޭނެ
ސިފައިން ބަލިކޮށް ޕޮލިހުން ރޭހުގައި ކުރިއަށް
ޕޮލިހާއި ސިފައިން މޮޅަކުން ގައުމީ ވޮލީ ލީގު ފަށައިފި
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ
ސިފައިން އަލުން ވޮލީގެ ރަސްކަމަށް
ލީގު ހޯދަން ސިފައިންނަށް ކުޑަ އިންތިޒާރެއް