Roadha Mihaaru
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 31 ގައި

އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 31 ގައި

26 ޑިސެމްބަރ 2019

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ގައި ބާއްވަން އެ ޕާޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ގައި ބާއްވަން އެ ޕާޓީން މިއަދު ނިންމައިފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ޓައިމްލައިން އެ ޕާޓީގެ ވެބްސައިޓްގައި މިއަދު އާއްމު ކުރި އިރު، އެ ޕްރައިމަރީ އަށް އިއުލާން ކުރަން ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ 10 ގައި ބަންދު ކުރުމަށް ފަހު، ކެންޑިޑޭޓުންގެ ލިސްޓު އިއުލާން ކުރާނީ ޖެނުއަރީ 13 ގަ އެވެ.

އެމްޑީޕީގެ ޓުވީޓު

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމު ކުރާނީ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ތިން ދުވަހުގެ މުހުލަތެއް ދޭނެ އެވެ. ޓައިމްލައިންގައި ވާ ގޮތުން ފައިނަލް ވޯޓާސް ލިސްޓް އާއްމުކުރާނީ ޖެނުއަރީ 15 ގަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރުދުން މިހާރު ވެސް އަންނަނީ ކޮންމެވެސް ވަރަކަށް ކެމްޕެއިން ކުރަމުންނެވެ.

އެމްޑީޕީގައި 87،000 އަށް ވުރެ ގިނަ މެމްބަރުން ތިބި އިރު، އެންމެ ފަހުން އެ ޕާޓީން ބޭއްވި އެތެރޭގެ އިންތިހާބުގައި ވޯޓްލާފައި ވަނީ 30،000 އަށް ވުރެ މަދު އަދަދެއްގެ މީހުންނެވެ.