21 ޑިސެމްބަރ 2019
ށ. ފޯކައިދޫ އަތުން 3-2 އިން ބަލިވެ ކްލަބް އީގަލްސް އަށް މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ތިން ޕޮއިންޓް ގެއްލި، ދެ ވަނަ އަށް އަރަން އަލުން ލިބުނު ފުރުސަތު ވެސް ގެއްލިއްޖެ އެވެ.
ށ. ފޯކައިދޫ އަތުން 3-2 އިން ބަލިވެ ކްލަބް އީގަލްސް އަށް މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ތިން ޕޮއިންޓް ގެއްލި، ދެ ވަނަ އަށް އަރަން އަލުން ލިބުނު ފުރުސަތު ވެސް ގެއްލިއްޖެ އެވެ.
އީގަލްސް މިހާރު އޮތީ 21 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. މިއަދު މޮޅުވި ނަމަ ދެ ވަނަ އަށް އެރޭނެ އެވެ. ތާވަލުގެ ދެ ވަނައިގައި 23 ޕޮއިންޓާ އެކު ގްރީންސްޓްރީޓްސް އޮތްއިރު ތިން ވަނައިގައި 22 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. އެއް ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު މާޒިޔާ އެވެ. އަނެއްކޮޅުން، މި މެޗުން މޮޅުވެ ފޯކައިދޫ ވަނީ 20 ޕޮއިންޓާ އެކު ފަސް ވަނަ އަށް އަރައިފަ އެވެ. އެއާ އެކު، 18 ޕޮއިންޓާ އެކު އޮތް ދަ ގްރާންޑޭ ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.
އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވަނިކޮށް އެ ޓީމުން ލީޑު ނެގީ ރިޒޭ ދިން ބޯޅައަކުން 24 ވަނަ މިނެޓުގައި އަރީން އަބްދުﷲ އިބްރާހިމް ޖެހި ލަނޑުންނެވެ. އޭގެ މިނެޓެއް ފަހުން ފޯކައިދޫގެ ގޯލްކީޕަރު ހަނީފް ސާގިބް ކުރިއަށް އެރި ވަގުތު އީގަލްސްގެ އިބްރާހިމް ގޯލަށް ފޮނުވާލި ބޯޅަ ރޮނގު މަތިން ދިފާއުކުރީ ފޯކައިދޫގެ ފުލްބެކް އަލީ ޝަމީސް (ތޮއްޕެ) އެވެ.
މި ހާފުގައި ފޯކައިދޫ އަށް ވެސް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން 17 ވަނަ މިނެޓުގައި ހުސެއިން ފަޒީލް ބޮލުން ފޮނުވާލި ބޯޅައެއް ރޮނގުމަތިން ސަލާމަތްކުރަން ޖެހުނެވެ. އަދި 43 ވަނަ މިނެޓުގައި ޔޫސުފް ޖުނައިދު ޒާހިރު، މުޅިން ހުހަށް ހުރެ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް، ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ފޯކައިދޫން މެޗު އަނބުރާލީ ދެ ވަނަ ހާފުގެ ކުރީކޮޅެވެ. އެގޮތުން 50 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އަހުމަދު ސަމާލެވެ. މިއީ އިބްރާހިމް ނަޒީމް (ޗޯޓް) ފޮނުވާލި ބޯޅައެއް ރޮނގުމަތިން ކަހަލަ ގޮތަކަށް ސަމާލް ގޯލަށް ވައްދާލައިގެން ޖެހި ލަނޑެކެވެ. އޭގެ ހަތް މިނެޓު ފަހުން ލީޑު ނަގައިދިނީ ކެޕްޓަން ހުސެއިން ފަޒީލެވެ.
އީގަލްސް އިން ކުރިއަށް އަރައި މަދުވެގެން ޕޮއިންޓެއް ލިބޭތޯ ކުރި މަސައްކަތް ފެނަށް ދިޔައީ 89 ވަނަ މިނެޓުގައި ޗޯޓް ގޯލް ޖަހައި ފޯކައިދޫގެ ތަފާތު ބޮޑުކޮށްލުމުންނެވެ. އީގަލްސްގެ ރިޒޭ އިތުރު ވަގުތުގެ ތެރޭ ލަނޑެއް ޖެހި ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން ފެނިގެން ދިޔައީ މި ވަގުތު ދިވެހި ފުޓްބޯޅައިގެ ހާލަތު އޮތްގޮތް ކަމަށާއި ކުޅުންތެރިން ކުޅުނީ އެއްވެސް ރޫހެއް ނެތި ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް އެދެވޭ ކުޅުމެއް ނުފެނުނު ކަމަށާއި ފުޓްބޯޅަ މިހާރު އޮތް ހާލަތާ މެދު ހިތާމަކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެސް ޓާގެޓެއް ނެތް. ހާލަތު ދަށްކޮށް އޮތީ. ޕްރެކްޓިސް ނުކުރެވި ދިޔައީ،" މޯހަން ބުންޏެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ނަތީޖާ އިން ފެނިގެން ދިޔައީ ކުޅުންތެރިންގެ މަސައްކަތް ކަމަށާއި ހުރިހާ ޓީމަކަށް ހަމަހަމަކޮށް ކަންކަން ފުރިހަމަވާ ނަމަ މިއީ ގަދަ ތިނެއްގެ ޓީމެއް ކަމަށް އޭނާ ބުންޏެވެ. ހަމަހަމަ ނުވަނީ ކޮންކަމެއްތޯ އެހުމުން ނިސްތާރު ބުނީ މާބޮޑު ތަފްސީލް ނުދިނަސް އެކަން އެނގޭނެ ކަމަށެވެ.
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ފަސޭހަ މޮޅެއް
އީގަލްސް ކާމިޔާބަށް ބޭނުންވާ ވަރު ފެނިއްޖެ: މޯހަން
ޗެމްޕިއަން މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި
އީގަލްސް އަލުން ދެ ވަނަ އަށް
ޓީސީން އީގަލްސް ބަލިކޮށްފި، މާޒިޔާ ލީގާ ގާތަށް
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި