04 އޯގަސްޓް 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާ އެކު 5-2 އިން ށ. ފޯކައިދޫ ބަލިކޮށް އީގަލްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އަހުމަދު ރިޒުވާން (ރިޒޭ)ގެ ހެޓްރިކާ އެކު 5-2 އިން ށ. ފޯކައިދޫ ބަލިކޮށް އީގަލްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
އީގަލްސް ތިން ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް މިރޭ ކުޅޭ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ ތިން ވަނަ އަށް އެރޭނެ އެވެ. އަނެއްކޮޅުން ދަ ގްރާންޑޭ މި މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ފޯކައިދޫން މި މެޗަށް ނުކުތީ ސަސްޕެންޝަނުގެ ސަބަބުން މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ނުކުޅެ އެވެ. އަދި އެ ޓީމުގެ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް މި ވަގުތު ޓީމާ ދުރުގައި ހުރުމުން މި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ހުސެއިން ޝިފާދް އެވެ.
މިއަދުގެ މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ފޯކައިދޫގެ ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން އީގަލްސް އަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމަށް ކުރިހޯދައިދިނީ ރިޒޭ އެވެ. މިއީ ސެންޓޭ އަށް އޭރިއާ ތެރެއިން ފޯކައިދޫގެ އަލީ ޝާމިއު (މައިތޯ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އީގަލްސް އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 24 ވަނަ މިނިޓްގައި އިމްރާން ނަޝީދު (އިންމަ) އެވެ. އޭނާ މި ލަނޑު ޖެހީ ހަސަން ރާއިފް (ހަންނަ) ދިން ބޯޅައަކުންނެވެ. އޭގެ ހަ މިނިޓް ފަހުން ފޯކައިދޫ މެޗުގެ ތެރެއަށް ވަންނަން ހަސަން ފުވާދު (ޖެކް) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަނަ ހާފްގެ ފުރަތަމަ މިނިޓްގައި އީގަލްސްގެ އިންމަ ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. މެޗުގެ 53 ވަނަ މިނިޓްގައި ޝިފާއު ޔޫސުފް (ކުރޯ) ދިން ބޯޅައަކުން ރިޒޭ ވަނީ އީގަލްސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ރިޒޭ މި ގޯލު ޖެހީ ކީޕަރު ޝިފާދު ބޯމަތިން އޮއްސާލައިގެންނެވެ.
ރިޒޭ ދިން ބޯޅަ އަކުން އީގަލްސްގެ ހަތަރު ވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓްގައި ޖެހީ ސެންޓޭ އެވެ. އޭގެ މިނިޓެއް ފަހުން ރިޒޭ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ރިޒޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. މިއީ ރިޒޭ މި ސީޒަނުގައި ހެދި ދެ ވަނަ ހެޓްރިކް އެވެ. އަދި މި ގޯލުތަކާ އެކު އޭނާ ވަނީ ސީޒަނުގައި މިހާތަނަށް ހަތް ގޯލު ހަމަކޮށްފަ އެވެ.
ފޯކައިދޫން ކުޅުން ރަނގަޅުކޮށް މެޗުގެ 74 ވަނަ މިނިޓްގައި ވަނީ ލަނޑެއް ޖަހައިފަ އެވެ. އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް މި ލަނޑު ޖެހީ ފޯކައިދޫގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ފޯކައިދޫގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ޗޯޓަށް އޭރިއާ ތެރެއިން އީގަލްސް ކީޕަރު ސުޖަން ޕެރޭރާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މެޗަށް ފަހު ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ މެޗު ފަށަން ޖެހުނީ ގަވާއިދުން ޓީމުގައި ކުޅޭ ފަސް ކުޅުންތެރިން ނުލައި ކަމަށާއި ފޯކައިދޫ އަށް މި ވަގުުތު މައްސަލަ ދިމާވެފައި އޮތީ ދަނޑު ބޭރުން ކަމަށާއި އެ ކަމުގެ ވާހަކަ ފަހުން ދައްކާނެ ކަމަށެވެ. އަދި މެޗުގައި ދިޔަ ބައެއް ނިންމުންތަކަކީ އޭނާގެ ނަޒަރުގައި ގޯސް ނިންމުންތަކެއް ކަމަށާއި ރަތް ކާޑެއް ދައްކަންޖެހޭ ހާލަތުތަކެއް ވެސް ދިޔަ ކަމަށް ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ގައުމީ ޓީމުން އައި ކުޅުންތެރިން މެޗުގެ ފަހު ކޮޅަށް ދިޔައިރު ވަރުބަލިވުމުން ނުކުޅެވުނު ކަމަށެވެ. އަދި އީގަލްސް ކުޅޭ ސްޓައިލުގެ ގޮތުން ބައިކޮޅަށް ގޯލު ވަންނާނެކަން އެނގޭކަމަށާއި ބޭނުންވަނީ ގޯލު ވަނަސް ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވާން ކަމަށް ބުންޏެވެ.
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ފޯކައިދޫ އަތުން އީގަލްސް ބަލިވެއްޖެ
އީގަލްސް ކާމިޔާބަށް ބޭނުންވާ ވަރު ފެނިއްޖެ: މޯހަން
ޗެމްޕިއަން މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި
އީގަލްސް އަލުން ދެ ވަނަ އަށް
ޓީސީން އީގަލްސް ބަލިކޮށްފި، މާޒިޔާ ލީގާ ގާތަށް
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި