20 ޑިސެމްބަރ 2019
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ފަހަތުން އަރައި 3-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު މުހިއްމު މޮޅެއް ހޯދައިފި އެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ، ފަހަތުން އަރައި 3-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު މުހިއްމު މޮޅެއް ހޯދައިފި އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓީސީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 11 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މިރޭ ކުޅޭ މެޗުން ގްރީން ސްޓްރީޓްސް އިން ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން ތިން ވަނަ ލިބޭނެ އެވެ. ދަ ގްރާންޑޭ އޮތީ 11 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.
ޓީސީ ކޯޗުކަމާ ހަވާލުވެ މުހައްމަދު ޝާޒްލީ (ޝާޒް)ގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެ މެޗުން މި ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ނިލަންދޫ އަތުން މޮޅުވީ ޕްރެކްޓިހެއް ނުކޮށެވެ. އެކަމަކު މި މެޗުގެ ކުރިން އެ ޓީމު ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. މިއަދުގެ މެޗަށް ފަހު ޝާޒް ބުނީ ދަ ގްރާންޑޭ އިން ރަނގަޅަށް ކުޅުނު ކަމަށާއި ޓީސީ އަށް ނަތީޖާ އަނބުރާލެވުނީ އެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތުން ކަމަށެވެ.
"ކުޅުންތެރިން އަޅުވާކިޔާއިރު ދަ ގްރާންޑޭ ކޮޅުގައި ރަނގަޅު ކުޅުންތެރިން އެބަތިބި. އެއް ކުޅުންތެރިޔަކު މަދުކޮށް ވެސް ޓީސީން ގަބޫލުކުރީ މިއީ ނަގަން ޖެހޭނެ މެޗެއްގެ ގޮތުގައި. އެ ގޮތަށް މަސައްކަތް ކޮށްގެން ކުޅުންތެރިން މި ނެގީ ވަރަށް މުހިއްމު ތިން ޕޮއިންޓް. އެހެންވެ ވަރަށް ހިތްހަމަޖެހޭ،" ކުރިން ބީޖީ އާއި ވިކްޓްރީ އަށް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.
މިއަދުގެ މެޗު ފެށިގެން ދަ ގްރާންޑޭ އިން ޓީސީ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. ދަ ގްރާންޑޭގެ އިރާގުގެ ފޯވާޑް އޮބައިދާ ކަދުމް އާއި ޔަޝްފާދު ހަބީބު (މުލަކޭ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުނެވެ. ލިބޭ ފުރުސަތުތަކުގައި ޓީސީން ވެސް އެޓޭކް ކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.
ލަނޑެއް ޖަހަން ދަ ގްރާންޑޭ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. ޓީސީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި މުލަކޭ ދިން ބޯޅައަކުން އޮބައިދާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ތިރިތިރިން ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް (ރިކޫ) ކައިިރިން ނައްޓާފައި އޮބައިދާ ވަނީ އިތުރު ލަނޑެއް ޖަހައި ދަ ގްރާންޑޭގެ ލީޑުފުޅާކޮށްދީފަ އެވެ.
ލަނޑު ޖެހުމަށް ފަހު ދަ ގްރާންޑޭގެ ފޯވާޑް އޮބައިދާ އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހަން ޓީސީ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އިސްމާއިލް އީސަ (މެސީ) ދިން ބޯޅައަކުން އޭރިއާ ތެރޭގައި ހުސްކޮށްހުރެފައި އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ޓީސީ އަށް މި މެޗުގައި އުނދަގޫތަކެއް ދިމާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފްރީ ހުސެއިން ސިނާން، ޝަފްލޭ އަށް ރަތް ކާޑު ދެއްކީ އޭނާ ބޭއަދަބީ އިބާރާތުން ވާހަކަ ދެއްކުމުންނެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޓީސީން ދެ ވަނަ ހާފުގައި ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. ޓީސީން ވަނީ މި ހާފްގެ ހަތް މިނިޓް ތެރޭގައި ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ.
ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނިޓްގައި ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އީސަ އެވެ. އޭނާ މި ލަނޑު ޖެހީ ސައްޓު ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. އޭގެ ތިން މިނިޓް ފަހުން ކައުންޓަ އެޓޭކެއްގައި ޓީސީން ވަނީ އީސަ މެޗުގައި ޖެހި ދެ ވަނަ ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އީސަ މި ގޯލު ވެސް ޖެހީ ސައްޓު ދިން ބޯޅައަކުންނެވެ. ޓީސީ އަށް ލީޑުނަގައިދިން ގޯލު ސައްޓު ޖެހީ މެޗުގެ 70 ވަނަ މިނިޓް ގަ އެވެ. އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ސައްޓު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސައްޓު ޖެހި ބޯޅަ ގޯލަށް ވަންއިރު ކީޕަރު ފައިސަލް ހުރީ ހަރަކާތް ހުއްޓިފަ އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ދަ ގްރާންޑޭ އިން ހަަމަލާތަކެއް ފޮނުވާލި ނަމަވެސް ޓީސީގެ ކީޕަރު ރިކޫ ވަނީ އެ ބޯޅަތަށް ހުއްޓުވައިފަ އެވެ. އިތުރު ވަގުތުގައި އަހުމަދު އިމާޒް (އާއްކޮ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
މާލީ މައްސަލަތަކުގެ ސަބަބުން ރަނގަޅަށް ޕްރެކްޓިސް ނުކުރެވޭ ޓީމުތަކުގެ ތެރޭގައި ހިމެނޭ ދަ ގްރާންޑޭ އެންމެ ފަހުން ކުޅެން އޮތް މެޗަކީ ވިކްޓްރީ މެޗެވެ. ތަފާތު މައްސަލަތަކުގެ ސަބަބުން ވިކްޓްރީ ސަސްޕެންޑްކޮށްފައިވާއިރު، އެ ޓީމާ ދެެކޮޅަށް ކުޅެން އޮތް ހުރިހާ ޓީމަކަށް ވަނީ މެޗު ލިބިފަ އެވެ.
މެޗަށް ފަހު ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފުރަތަމަ ހާފުގައި ރޭވުންތަކާ އެއްގޮތަށް ކުޅުނު ކަމަށާއި އެކަމަކު ޓީސީގެ ކުޅުންތެރިއަކު މަދުވުމާ އެކު ދަ ގްރާންޑޭ އިން މާ ބޮޑަށް މެޗު ފަސޭހަކޮށްލައިގެން އުޅުނީ ކަމަށެވެ. އަދި ފަހުން ދަ ގްރާންޑޭގެ ފަރާތުން ވަރަށް ގިނަ ގޯސްތަކެއް ހެދުނުއިރު، އެ ޓީމުން ހެދި ޕްލޭނާ އެއްގޮތަށް އެއްވެސް ކަމެއް ނުދާ ކަމަށް އިންމަ ބުންޏެވެ.
ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ގްރީން ސްްޓްރީޓްސް ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ޓީސީން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ޓީސީ އަތުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް
ގްރާންޑޭ އަށް ވުރެ ޕްރެޝަރު އޮތީ ޓީސީ އަށް: އާތީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގްރާންޑޭ ބަލިކޮށް ޓީސީ އަލުން ތިންވަނަ އަށް
ޓީސީ އާއި އީގަލްސް މޮޅުވެ ގަދަހަތަރެއްގެ ވާދަ ފޯރިގަދަ
ގްރާންޑޭ ބަލިކޮށް ޓީސީ ގަދަ ހަތަރަކަށް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ