Roadha Mihaaru
އިންޑިއާގެ މުޒާހަރާތަކުގައި އިތުރު ތިން މަރު

އިންޑިއާގެ މުޒާހަރާތަކުގައި އިތުރު ތިން މީހަކު މަރުވެއްޖެ

20 ޑިސެމްބަރ 2019

މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގާނޫނާ ދެކޮޅަށް ކުރިއަށް ދާ މުޒާހަރާގައި، އިތުރު ތިން މީހަކު އިއްޔެ މަރުވެއްޖެ އެވެ.

މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގާނޫނާ ދެކޮޅަށް ކުރިއަށް ދާ މުޒާހަރާގައި، އިތުރު ތިން މީހަކު އިއްޔެ މަރުވެއްޖެ އެވެ.

ބަންގްލަދޭޝް އާއި ޕާކިސްތާން އަދި އަފްގާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ މީހުންގެ ތެރެއިން މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް ރައްޔިތުކަން ލިބޭ ގާނޫނަކީ، މުސްލިމުންނާ ތަފާތުކުރުމެއް ކަމަށް، މުސްލިމުންނާއި އެ ގާނޫނާ ދެކޮޅު މީހުން ބުނެ އެވެ.

އިންޑިއާގެ ގާނޫނުއަސާސީ ބުނާ ގޮތުން އެ ގައުމުގެ ރައްޔިތަކަށް ވާން ވަކި ދީނެއް އިސްތިސްނާކޮށް އަދި ޝަރުތެއްގެ ގޮތުގައި ވަކި ދީންތަކެއް ނުހެދޭނެ އެވެ.

އިންޑިއާ އަކީ ހިންދޫންގެ ތަނެއް ކަމަށް ގަބޫލުކުރާ ފަލްސަފާގެ ތެރޭގައި ސިޔާސީ ދާއިރާ އިން ކާމިޔާބު ހޯދި ބީޖޭޕީ ސަރުކާރުން ފާސްކުރި ބިލާ އެކު އެކި ސަރަހައްދުތަކުގައި ގެންދަނީ މުޒާހަރާކުރަމުންނެވެ. ވެރިރަށް ނިއު ދިއްލީ އާއި އެހެން ބައެއް ތަންތަނުގެ މުޒާހަރާގައި ހަމަނުޖެހުންތައް ވެސް ހިނގާފައިވެ އެވެ. ބައެއް ހިސާބުތަކުން އިންޓަނެޓްގެ ހިދުމަތް ވަނީ ކަނޑާލައިފަ އެވެ.

މިހާތަނަށް މަރުވި މީހުންގެ އަދަދު ނުވަޔަކަށް އަރަ އެވެ.

މިއަދު ނިއު ދިއްލީގެ އެންމެ ގަދީމީ އެއް މިސްކިތް، ޖާމާ މަސްޖިދު ދޮށަށް އެތައް ހާސް ބަޔަކު އެއްވި އެވެ. މި އެއްވުމުގައި، އިންޑިއާގެ އެންމެ އާދައިގެ ދަރިކޮޅު ކަމަށް ބަލާ ދާލިތުންގެ އިސް ވެރިއެއް ކަމަށްވާ ޗަންދުރަޝޭކަރު އާޒާދު ހައްޔަރުކުރި އެވެ. އެކަމަކު އޭނާ ވަނީ ފުލުހުންގެ އަތްދަށުން ސަލާމަތްވެ، ފިލައިފަ އެވެ.

ޖާމާ މަސްޖިދު ކައިރީގައި މުޒާހަރާކުރަން އުޅޭތީ ފުލުހުން ވަނީ ކުރިންސުރެ ބައެއް މަގުތައް ބަންދުކޮށް، ރޭލުގެ ބައެއް ހިދުމަތްތައް ވެސް މެދުކަނޑާލައިފަ އެވެ. އެކަމަކު އެ މިސްކިތް ދޮށަށް ހުކުރަށް ފަހު ވެސް މީހުން އެއްވި އެވެ. އަދި އިންޑިއާގެ ގާނޫނުއަސާސީގެ ކޮޕީއެއް ހިފައިގެން އާޒާދު ހުއްޓާ ވެސް ފެނުނެވެ.

ހައިދުރައާބާދާއި ބެންގަލޫރުގައި ވެސް މުޒާހަރާތައް ކުރިއަށް ދިޔަ އެވެ. އިއްޔެ ބެންގަލޫރުގައި އެތައް ހާސް ބަޔަކު ކުރި މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި މިވަގުތު އިންޑިއާގައި ހުންނެވި އެންމެ މަޝްހޫރު ތާރީޚީ އެއް އިލްމުވެރިޔާ ރާމަޗަންދުރަ ގުހާ ވެސް ހިމެނެ އެވެ.

ފުލުހުން ވަނީ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން އިންޑިއާގައި އާންމުކޮށް ބޭނުންނުކުރާ ގާނޫނެއް ތަންފީޒުކުރަން ފަށައިފަ އެވެ. އެ ގާނޫނު ބުނާ ގޮތުން އެއްފަހަރާ ހަތަރު މީހުން އެއް ތަނަކަށް އެއްވުމަކީ މަނާ ކަމެކެވެ.

ނަމަވެސް މުޒާހަރާކުރާ މީހުން އެޔަކަށް ނުބަލަ އެވެ.

ގުހާ ވިދާޅުވި ގޮތުގައި އޭނާއާ އެކު އެކި ދީންތަކުގެ އެތައް ސަތޭކަ ބަޔަކު ވެސް ހައްޔަރުކުރި އެވެ.

"އެއިން އެނގެނީ ތަފާތު ކުރުމުގެ ގާނޫނަށް އިންޑިއާގެ ގިނަ މީހުން ދެކޮޅުކަން،" ގުހާ ވިދާޅުވި އެވެ.

މުމްބާއީގައި ވެސް އިއްޔެ އެތައް ހާސް ބަޔަކު މުޒާހަރާކުރި އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ބައެއް ތަރިން ވެސް ހިމެނެ އެވެ.

ސިޓިޒަންޝީޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އަކީ އިންޑިއާގެ އެއްވެސް ރައްޔިތަކަށް ގެއްލުންވާނެ ގާނޫނެއް ނޫން ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މި ގާނޫނު މި އައީ، އިންޑިއާގައި މުސްލިމުންނަށް އަމާޒުކޮށް އެހެން މަސައްކަތެއް ވެސް ސަރުކާރުން ފަށާފައި ވަނިކޮށެވެ.

ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒަންސް (އެންއާރުސީ)ގެ ދަށުން މީހުންގެ މައުލޫމާތު ހޯދާ އިރު، އެ މީހުންގެ މައިންބަފައިންނަކީ ކުރިންސުރެ އިންޑިއާގައި އުޅުނު ބައެއްކަން ސާބިތުނުކޮށްދީފި ނަމަ އެއީ ގާނޫނާ ހިލާފަށް އިންޑިއާއަށް ވަދެ އުޅޭ ބައެއް ކަމަށް ކަނޑައަޅަ އެވެ. އިރުއުތުރު ސްޓޭޓެއް ކަމަށްވާ އާސާމްގައި އެ ލިސްޓް ނެރުނު އިރު 1.9 މިލިއަން މީހުން ވަނީ އިންޑިއާގެ ބައެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

ގިނަ މީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނޯވެ އެވެ. އެ މީހުންގެ ކާބަފައިން ފެށިގެން އިންޑިއާގައި އުޅުނަސް، އެކަން ސާބިތުކޮށްދޭނެ ރަސްމީ ލިއުން ނެތުމުން އެތައް ބައެއްގެ މުސްތަގުބަލާ މެދު އޮތީ ހާސްކަމެވެ. އޭގެ ތެރޭގައި އިންޑިއާގައި ވިހާ އަދި އެގަމުގައި އުޅެ ބޮޑުވި އެތައް ލައްކަ ބަޔަކު ވެސް ހިމެނެ އެވެ.

މިއީ ވެސް މުސްލިމުންނަށް އަމާޒުކޮށް، ބީޖޭޕީ ސަރުކާރުން ކުރިއަށް ގެންދާ ކަމެއް ކަމަށް، ސަރުކާރުގެ އަމަލްތަކާ ދެކޮޅު މީހުން ބުނެ އެވެ.