Roadha Mihaaru
ނަޖިސް ލީކުވާ މައްސަލަ ހައްލުވެއްޖެ: އާޒިމް

މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލައަށް ހައްލެއް ލިބިއްޖެ: އާޒިމް

12 ޑިސެމްބަރ 2019

މާލޭގެ މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާކަމަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާކަމަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކުންފުނިިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލަ ދިމާވެގެން މީގެ ކުރިން ވަރަށް ގިނައިން ޝަކުވާ ލިބުނު ކަމަށެވެ. ނަމަވެސް ކުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ކުރި މަސައްކަތުން އެކަން ހައްލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވަސްވީ ނަރުދަމާ ނިޒާމަކަށް ވުމުންނާއި މާލޭގެ އާބާދީ އިތުރުވަމުންދާތީ، ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމަކު މަގުމަތިން ނަޖިސް ނާރާ ވަރަށް އެ މަސައްކަތް ކުރެވެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު އުފަލާއެކު ފާހަގަކުރަން މާލޭގެ މަގުމަތިން ނަޖިސް އެރުމުގެ މައްސަލަތައް މިހާރު ވަނީ ހައްލުކުރެވިފައި، އެއީ ކުރު ރާސްތާގެ ޕްލޭނެއްގެ ދަށުން އަޅުގަނޑުމެން ކުރި މަސައްކަތުން ހާސިލްކުރެވިފައިވާ ނަތީޖާ،" އާޒިމް ވިދާޅުވި އެވެ.

މާލޭގެ އާބާދީ ދުވަހުން ދުވަހަކަށް އިތުރުވާކަމުގައިވާ ނަމަ، ނަރުދަމާ ލީކުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެެ. އެހެންވެ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭގެ އާބާދީ ތިން ލައްކައަށް އިތުރުވި ކަމުގައި ވި ނަމަވެސް، އެ އާބާދީއާ އެކަށީގެންވާ ވަރުގެ ނަރުދަމާއެއް އެޅޭނެ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ބައެއް ހޮޅިތައް ބަދަލުކޮށް އިތުރު ޕަމްޕް ސްޓޭޝަންތައް ހަދާނެ ކަމަށެވެ. ބޮޑު ހަރަދެއް ހިނގާނެ އެ މަސައްކަތް 2022ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވި އެވެ.

ވާރޭވެހޭ ދުވަސްވަރު އެކި ސަރަހައްދުތަކުން ފެން އަރާ މަންޒަރު ފެންނަ ކަމަށާއި އެހެން ދިމާވަނީ، އާޒިމް ވިދާޅުވި ގޮތުގައި، ނަރުދަމާ ނިޒާމަކީ ފެން ބޭރުކުރާ ނިޒާމާ އެއްކޮށް ހަދާފައިވާ ނިޒާމަކަށް ނުވާތީ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ނަރުދަމާ ނިޒާމަކީ ވެހޭ ވާރޭ ފެން އެޅޭނެގޮތަށް ދިޔަދޮވިތައް ގުޅާފައި ހުންނަ ތަނެއް ނޫންކަމަށް ވިދާޅުވި އެވެ.

ނަމަވެސް އަމީނީ މަގާއި އައިޖީއެމްއެޗާއި ވެސްޓް ޕާކު ސަރަހައްދުގައި ފެން ބޭރުކުރާ ނިޒާމް ވަކިން ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ބައެއް ގޭގެ ދިޔަދޮވި، އެމްޑަބްލިއުއެސްސީގެ ނެޓްވޯކާ ގުޅާފައި ހުންނަކަމަށާއި އެއީ ގަވާއިދާ ހިލާފަށް ކޮށްފައި ހުރި ކަމެއްކަމަށް ވިދާޅުވި އެވެ. އެގޮތަށް ކަންތައްކުރާތީ މަދު ބައެއްގެ އިހުމާލުން ގިނަ ބަޔަކަށް ދަތިތަކާ ދިމާވާ ކަމަށް ވިދާޅުވި އެވެ.

އެ ކުންފުނިން ކުރި ސާވޭގައި، 3،000 ގެއަކުން މައުލޫމާތު ސާފުކުރިއިރުު، އޭގެތެރެއިން 203 ގެއަކުން ދިޔަދޮވި އެމްޑަބްލިއުއެސްސީ ނެޓްވޯކާ ގުޅާފައިވާކަން އާއްމުވެފައިވާކަން ވިދާޅުވި އެވެ.

"ބޮޑެތި ފުރާޅުތަކުން ނަޖިހުގެ ނިޒާމާ ގުޅާފައި ހުރުމުން ވަރަށް ބައިވަރު ފެންތައް، ވިއްސާރަވެހޭ އިިރު އައީމަ އެއްފަހަރާ އެ ފެންތައް ނިޒާމުގެ ތެރެއަށް ދާން ފެށީމަ މަގުމަތިން އަރާތަން އެ ފެންނަނީ. ގަބޫލުކުރަންޖެހޭ ހުރިހާ އެންމެން ގުޅިގެންކަން ކޮންމެ ކަމެއް ވެސް ކުރެވޭނީ. ފަރުދީ ޒިންމާއެއް އޮވޭ. އެ ޒިންމާ އަދާކުރަން ވަރަށް ބޮޑަށް އެދެން ހުރިހާ ރައްޔިތުންގެ ކިބައިން،" އާޒިމް ވިދާޅުވި އެވެ.

ވޭސްޓް ވޯޓާ އަދި ނެޓްވޯކްގެ މެނޭޖަރު މުހައްމަދު ފައިސަލް ވިދާޅުވީ ރޭގަނޑު 12:00 ގެ ފަހުން ޓްރެފިކް އޮންނަ ގޮތަށް ބަލައި ނަރުދަމާ ހޮޅިތައް ސާފުކުރާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗް ސަރަހައްދުގެ ހޮޅިތައް ސާފުކޮށްފައިވާއިރު، މުޅި މާލޭގެ ނަރުދަމާ ހޮޅިތައް ސާފުކުރެވުމުން ނަޖިސް ލީކުވުމުގެ މައްސަލައަށް މިހާރު ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.