Roadha Mihaaru
އަންނަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

05 ޑިސެމްބަރ 2019

އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރަށް ލަފާ ކުރާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން ބަޖެޓު ފާސްކުރީ 77 މެންބަރުންގެ ވޯޓުންނެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓަށް އިތުރު ކުރި 366 މިލިއަން ރުފިޔާ އާ އެކު ސަރުކާރުގެ ހަރަދުތަކާއި ޕީއެސްއައިޕީ މަޝްރޫތަކަށް ބަޖެޓު އިތުރު ވެގެންދާނެ އެވެ.

ބަޖެޓަށް އިތުރުވި އަދަދަށް ފައިނޭންސް ހޯދުމަށް ހަމަޖެހިފައިވަނީ ޓީބިލް ވިއްކައިގެންނެވެ. އެއާ އެކު 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ. މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 3 ބިލިއަންގެ ޓީބިލް ވިއްކާފަ އެވެ. ޓީބިލްގެ އިތުރުން ޖަޕާނު މާކެޓަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފާސްކުރި ބަޖެޓާ އެކު ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޖުމްލަ ހަރަދު 37 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ އެވެ.

ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. ގާތްގަނޑަކަށް 22 ބިލިއަން ރިކަރަންޓް ހަރަދަށް ހޭދަކުރާ އިރު ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުތަކަށް 5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެ އެވެ.