Roadha Mihaaru
އެންސިސް ހުޅުމާލޭ ފެކްޓަރީއަށް މުވައްޒަފުން ހޯދަނީ!

އެންސިސް ހުޅުމާލޭ ފެކްޓަރީ އަށް މުވައްޒަފުން ހޯދަން އޯޕަން ޑޭ އެއް!

21 ނޮވެމްބަރ 2019

ހުޅުމާލޭގައި އެންސިސް އިން ހުޅުވާ، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ އަށް މުވައްޒަފުން ހޯދަން "އޯޕަން ޑޭ" އެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި އެންސިސް އިން ހުޅުވާ، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ އަށް މުވައްޒަފުން ހޯދަން "އޯޕަން ޑޭ" އެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 4:00-6:00 އަދި ރޭގަނޑު 8:00-10:00 އަށް ކުރިއަށް ގެންދާ މި އޯޕަން ޑޭގައި ފެކްޓަރީގެ އެކި ދާއިރާތަކުން 400 އަށް ވުރެ ގިނަ ވަޒީފާ އަށް ވަނީ ހުޅުވާލައިފަ އެވެ.

އޯޕަން ޑޭގައި ފެކްޓަރީ އަށް ޒިޔާރަތްކުރާ މީހުންނަށް ފެކްޓަރީ ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ހަވީރު ކުޑަދުނިންނަށް ހާއްސަކޮށް ޖާދޫގެ ޝޯއަކާއި ރޭގަނޑު ބޮޑުބެރުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ. މީގެ އިތުރުން އެ ދުވަހު ފެކްޓަރީ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭގައި އެންސިސް އިން އަޅާފައިވާ ފެކްޓަރީ އަކީ 25 މިލިއަން ޑޮލަރިު (385 މިލިއަން ރުފިޔާ)ގެ ޕްރޮޖެކްޓެކެވެ. މި ތަނުގައި މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްފައިވާއިރު މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ. މި ފެކްޓަރީން ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭނެ ކަމަށް އެންސިސް އިން ބުންޏެވެ.

އެންސިސް އިން ބުނީ މި ފެކްޓަރީގެ ސަބަބުން ރާއްޖޭގައި ދަޅު މަސް ބަންދު ކުރެވޭ މިންވަރު އިތުރުވެ ދިވެހިން ބާނާ މަހަށް ވެލިއު އެޑް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުކުރާ ރޯ މަހުގެ އަދަދު މަދުވެ ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓަށް އެެކްސްޕޯޓް ކުރެވޭ މިންވަރު އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެންސިސް އިން ބުނީ މި ކުރިއެރުމާ އެކު ދިވެހިންނަށް ހެޔޮ އަގުގައި މަސް ދަޅު ލިބޭނެ ކަމަށެވެ.