Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

20 ނޮވެމްބަރ 2019

އަޖޭ ދޭވްގަންގެ 100 ވަނަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަޖޭ ދޭވްގަންގެ 100 ވަނަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ވަރުގަދަ ހަނގުރާމަވެރިއެއް ކަމަށްވާ ތަނަޖީ މަލުސާރޭގެ ވާހަކަ ކިޔައިދޭ ތާރީހީ ހަނގުރާމަ ފިލްމެކެވެ. އަޖޭއާ އެކު މި ފިލްމުގައި އަންހެނުން ކާޖޮލް ވެސް ބައިވެރިވާ އިރު، މީގެ ވިލަން އަކީ ސައިފް އަލީ ޚާނެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނޭހާ ޝަރުމާ، ޝަރަދް ކެލްކަރް، ޕަންކަޖް ތުރިޕަތީ އަދި އަޖިންކިއާ ޑިއޯ ހިމެނެ އެވެ.

އަޖޭގެ ފިލްމު ކުންފުނި އޭޑީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ތަނަޖީ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ގަ އެވެ.

"އެޓޭކް" ގެ ކާސްޓަށް ރަކުލް

ޖޯން އަބްރަހަމާއި ޖެކްލިން ފެނަންޑޭޒް ސޮއިކޮށްފައިވާ އެކްޝަން ތުރިލާ "އެޓޭކް" ގެ ރޯލަކަށް ރަކުލް ޕްތީރު ސިންގް ވެސް ސޮއިކޮށްފި އެވެ.

އަރުޖުން ކަޕޫރާ އެކު ކުޅޭ ފިލްމެއްގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ރަކުލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "މަރުޖާވާ" އެވެ.

އަންނަ ޖެނުއަރީ މަހު ޝޫޓިން ފަށާ "އެޓޭކް" ގެ ޑައިރެކްޓަރަކީ ލަކްޝް އާނަންދެވެ.

ޖެކްލިން އާއި ޖޯން މީގެ ކުރިން "ހައުސްފުލް 2" އާއި "ޑިޝޫމް" ގައި މަސައްކަތްކޮށްފައިވާ އިރު، "އެޓޭކް" ވެގެންދާނީ ޖޯންއާ އެކު ރަކުލް މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ދެ ފިލްމެއްގެ ތާރީހު ބަދަލުކޮށްފި

އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް "ޔޭ ސާލީ އާޝިގީ" އާއި އަންނަ އަހަރު ރިލީޒްކުރާ "ޝިކާރާ: އަ ލަވް ލެޓާ ފްރޮމް ކަޝްމީރު" ރިލީޒްކުރާ ތާރީހު ބަދަލުކޮށްފި އެވެ.

ކުރީގެ އެކްޓަރު އަމްރިޝް ޕޫރީ ކާފަދަރި ވަރުދާން ޕޫރީ ބޮލީވުޑަށް ތައާރަފުވާ "ޔޭ ސާލީ އާޝިގީ" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 29 ގަ އެވެ. އަލަށް ތައާރަފުވާ ޝިވަލީކާ އޮބެރޯއީ ބަތަލާގެ ރޯލް ކުޅެފައިވާ މި ރޮމޭންޓިކް ތުރިލާ އަކީ ޗެރާގް ރޫޕަރެލް އެވެ.

ވިދޫ ވިނޯދް ޗޯޕްޅާގެ "ޝިކާރާ" ކުރިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ކުރަން ނިންމާފައި ވަނިކޮށް، ތާރީހު މިހާރު ވަނީ އަވަސްކޮށްފަ އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 7 ގަ އެވެ.

ބާރަ އަހަރު ފަހަުން ވިދޫ ޑައިރެކްޓްކުރާ ފުރަތަމަ ހިންދީ ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ވިކީގެ "އުދަމް ސިންގް" އަށް ބަނީތާ

އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި ސަރުދާރު އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޓައިޓްލް ރޯލަށް ވިކީ ކޯޝަލް ލައިގެން ޑައިރެކްޓަރު، ސުޖިތު ސިރްކާ ގެނެސްދޭ ފިލްމުގެ ބަތަލާގެ ރޯލަށް ބަނީތާ ސަންދޫ ސޮއިކޮށްފި އެވެ.

އޭނާ އަކީ މިދިޔަ އަހަރު ވަރުން ދަވަންއާ އެކު ސުޖިތު ގެނެސްދިން "އޮކްޓޯބާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. ބަނީތާ އަކީ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ތަމަޅަ ފިލްމު "އަދިތިޔާ ވަރުމާ" ގެ ބަތަލާ އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

"ސަރުދާރު އުދަމް ސިންގް" އާ ބެހޭ ގޮތުން ބަނީތާ ބުނީ ފަހުން އެ ފިލްމުގެ މަންޒަރުތަކެއް އޭނާ ޕަންޖާބުގައި ވެސް ޝޫޓްކޮށްފައިވާ ކަމަށެވެ. އަދި ސުޖިތާ އެކު ދެވަނަ ފިލްމެއްގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.

މި ފިލްމު ސިނަމާތަކަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.