Roadha Mihaaru
މާލޭގެ މަގުތައް ހަދާ ގޮތާއި، ތާރީހުތައް އާންމުކޮށްފި

މާލޭގެ މަގުތައް ހަދާ ގޮތާއި، ތާރީހުތައް އާންމުކޮށްފި

27 ސެޕްޓެމްބަރ 2016

މާލޭގެ ބޮޑެތި މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އަންނަ މަހު އެކެއްގައި ފަށަން ނިންމައި، މަސައްކަތް ހިނގާނެ ގޮތުގެ ތާވަލެއް ހައުސިން މިނިސްޓްރީން މިރޭ އާންމުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ބޮޑެތި މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް އަންނަ މަހު އެކެއްގައި ފަށަން ނިންމައި، މަސައްކަތް ހިނގާނެ ގޮތުގެ ތާވަލެއް ހައުސިން މިނިސްޓްރީން މިރޭ އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މަގުތަކުގައި އަތުރާފައި ހުރި ގާތަށް ބަދަލުކޮށް، މަގުތަކުގެ ފެން ހިންދުމުގެ ނިޒާމު މި މަޝްރޫއުގެ ދަށުން ރަނގަޅު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދުވާރު ބަދަލުކުރުމާއި ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ޖަންކްޝަންތަކަށް ބަދަލު ގެންނާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. މި ހުރިހާ ކަމެއް ވެސް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ފަރާތުންނެވެ.

މާލޭގެ މަގެއްގައި ފެން ބޮޑުވެފައި.—ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މާލޭގެ މަގެއްގައި ފެން ބޮޑުވެފައި.—ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މުހިންމު މަސައްކަތަށް މާލޭގައި ދިރިއުޅޭ މީހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ. މަގު ހަދާއިރު، ބައެއް ސަރަހައްދުތައް ބަންދު ކުރާނެތީ ހައުސިން މިނިސްޓްރީން ވެސް ވަނީ އާންމުންގެ އެއްބާރުލުމަށް އެދިފަ އެވެ.

މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓުވީޓު.

މާލޭގެ 13 މަގެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މި މަޝްރޫއުގެ ދަށުން އޮކްޓޯބަރު އެކަކުން ފެށިގެން މަޖީދީ މަގު ރަނގަޅު ފެންވަރަކަށް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން އެކި ދުވަސްތަކަށް ބަހާލައިގެން 2018 ގެ ސެޕްޓެމްބަރުގެ ނިޔަލަށް މަގުތައް ހެދުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ތަރައްގީ ކުރާ މަގުތަކުގެ ތެރޭގައި މަޖީދީ މަގުގެ އިތުރުން، އަމީނީ މަގު، ޝަހީދު އަލީ ހިނގުން، އިއްޒުއްދީން މަގު، ކަނބާއައިސާރަނި ހިނގުން، އޯކިޑް މަގު، ޗާންދަނީ މަގު، ލިލީ މަގު، ބުރުޒު މަގު، ހަވީރީ ހިނގުން، ހަނދުވަރީ ހިނގުން، ލޮނުޒިޔާރަތް މަގު އަދި އަމީރު އަހުމަދު މަގު ހިމެނެ އެވެ.

ތާވަލްގައިވާ ގޮތުން މި މަގުތަކުގެ ތެރެއިން ބައެއް މަގުތައް ހެދުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާއިރު، އެއަށްވުރެ ގިނަ ދުވަސް ވެސް މަގުތައް ހަދަން ބޭނުންވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބަންދުކުރާ މަގުތަކުގެ މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރާނެ ކަމަށެވެ.

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި މާލޭގެ ބޮޑެތި މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއުއާ އެކު މާލެއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބޭނުމުގަ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ގާތްގަނޑަކަށް 5.5 ކިލޯމީޓަރުގެ ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ ޕްލޭން މިނިސްޓްރީން މިހާރު އަންނަނީ އެކުލަވާލަމުންނެވެ.

އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާއެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، މިހާރުގެ ޝަކުވާތަކަށް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.