Roadha Mihaaru
އެއްވުން ހަނިކުރި އިސްލާހު އުވާނުލައިގެން ކަންބޮޑުވެއްޖެ

އެއްވެއުޅުން ހަނިކުރި އިސްލާހު އުވާނުލައިގެން ޑީއާރުޕީން ކަންބޮޑުވެއްޖެ

02 ނޮވެމްބަރ 2019

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ކުރީގެ ސަރުކާރުން ގާނޫނަށް ގެނެސްފައިވާ އިސްލާހު މި ސަރުކާރުން އުވާނުލައިގެން ޑީއާރުޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ކުރީގެ ސަރުކާރުން ގާނޫނަށް ގެނެސްފައިވާ އިސްލާހު މި ސަރުކާރުން އުވާނުލައިގެން ޑީއާރުޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް މުޒާހަރާކުރަން ފެށުމުން، އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނަ އެވެ. އެ އިސްލާހުގައި ވަނީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު ތަސްދީގުކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެ އިސްލާހު ބާތިލް ކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު މިހާތަނަށް އެ އިސްލާހު އުވައެއް ނުލަ އެވެ.

އެއްވެ އުޅުން ހަނިކުރި އެ އިސްލާހު މަޖިލީހުން ފާސްކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިފާއު (ބޮޗޭ) ކުރެއްވި ޓުވީޓެއްގައި، އެ އިސްލާހް ކޮމެޓީ މަރުހަލާގައި "ޕާކް" ކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެ ގާނޫނާ ދެކޮޅަށް ކުރިން ވާހަކަ ދެއްކި އެންމެން މިހާރު ތިއްބެވީ ހަނު ކަމަށް ރިފާއުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

"ޖާބިރު ހުށަހެޅުއްވި އިސްލާހް ޕާކްކޮށްފައި ބޭއްވުމުން ތިބޭފުޅާ ވެސް އަސްލު އެއްވެ އުޅުމުގެ ފުރުސަތު މިއަދު ދޭން ބޭނުން ނުވާކަން ޔަގީން ވެއްޖެ،" ނަޝީދު ޓެގް ކުރައްވައި ބޮޗޭ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އެ ޓްވީޓާއެކު ބޮޗޭ ވަނީ އެއްވެ އުޅުން ހަނިކުރުމުން އެކަމާ ދެކޮޅަށް ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައީސް މައުމޫން އަބްދުލް ގައްޔޫމް އޭރު ކުރެއްވި ޓްވީޓްތައް ހިމަނައިފަ އެވެ.

އޭރު އެ ބޭފުޅުން ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީން ހުއްދަ ދޭ ވަކި ތަނެއްގައި އެއްވެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.