Roadha Mihaaru
އީގަލްސް އިން އަބަދުވެސް ޕްރެޝަރުކުރޭ: ސެކުލޮސްކީ

އީގަލްސް އިން އަބަދުވެސް މާޒިޔާ އަށް ޕްރެޝަރުކުރޭ: ސެކުލޮސްކީ

16 އޮކްޓޯބަރ 2019

އީގަލްސް އަކީ އަބަދުވެސް މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ޕްރެޝަރުކުރާ ޓީމެއް ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އީގަލްސް އަކީ އަބަދުވެސް މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ޕްރެޝަރުކުރާ ޓީމެއް ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. އީގަލްސް ލީގުގެ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 15 ޕޮއިންޓާ އެކު އެވެ. ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އާއި މާޒިޔާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ސެކުލޮސްކީ ބުނީ އީގަލްސް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް ކަމަށާއި އަބަދުވެސް އެ ޓީމާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުތައް ދަނީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ.

"އީގަލްސް އަކީ ވަރަށް މޮޅު ޓީމެއް. އީގަލްސްގެ 99 ޕަސެންޓަަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިން. ރަނގަޅު ބިދޭސީ ކުޅުންތެރިން އެބަތިބި މުހިއްމު މަގާމުތަކުގައި. އަބަދުވެސް އީގަލްސް އައި މާޒިޔާ ކުޅޭ މެޗުތައް ދަނީ ވަރަށް ފޯރިގަދަކޮށް. އީގަލްސް އަބަދުވެސް މާޒިޔާ އަށް ޕްރެޝަރު ކުރަން ބޭނުންވޭ. އީގަލްސް އަށް އަހަރެންގެ ފުރިހަމަ އިހުތިރާމް އޮންނާނެ. އަހަރެމެން 100 ޕަސެންޓް ދީގެން މި މެޗުން މޮޅުވެވޭނެ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް މެދުކެނޑުމަކަށް ފަހު ލީގު ފަށާއިރު އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭ ޓީމަކީ މާޒިޔާ ކަމަށެވެ. އަދި މި ފަހަރުގެ ބްރޭކަށް ފަހު މެޗުތައް ފަށާއިރު މާޒިޔާގެ ބައެއް ކުޅުންތެރިން އަނިޔާގައި ހުރިއިރު، އެ ޓީމުގެ ސެއިން ވިންސެންޓްގެ ކޮނޭލިއަސް ސްޓެވާޓް އަދިވެސް ހުރީ ގައުމީ ޓީމާ އެކުގައި ކަމަށެވެ.

މި ފަހަރުގެ ސީޒަނަށް މާޒިޔާ އިން ވަނީ ރަނގަޅު ގިނަ ކުޅުންތެރިންނާ އެކު ސްކޮޑު ވަރުގަދަކޮށްފަ އެވެ. ސެކުލޮސްކީ ބުނީ ބޮޑު ސްކޮޑެއް އޮތުމުން ޓީމަށް ދިމާވާ އެކި ހާލަތްތަކުގައި ވެސް މެޗުތަކުން މޮޅުވެވޭނެ ފެންވަރުގެ ޓީމެއް ނެރެން ފަސޭހަވާނެ ކަމަށެވެ.

"އަހަރެމެންނަށް މި މެޗުގައި ކުޅެވޭނެ ޓީމާ މެދު ވެސް އިތުބާރު އެބައޮތް. މެޗުން މޮޅުވެވޭނެ ފެންވަރުގެ ޓީމެއް ނެރެވޭނެ. އަނިޔާ އާއި އެހެން ކަންތައްތަކުގެ ސަބަބުން ބަދަލުގައި ކުޅެން އަރާ ކުޅުންތެރިން ވިސްނަން ޖެހޭ އެ މީހުންނަށް މި ފުރުސަތު ދެން ވެސް ލިބޭނެ ވަރުގެ ކުޅުމެއް ދައްކަން،" ސެކުލޮސްކީ ބުންޏެވެ.

އީގަލްސް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ލަނޑު ޖަހަން މާ ގިނަ ފުރުސަތުތަކެއް ނުލިބޭނެ ކަމަށާއި ލިބޭ ކޮންމެ ފުރުސަތެއް ބޭނުންހިފުން މުހިއްމު ކަމަށް ސެކުލޮސްކީ ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށެވެ. ޓީމުގެ ކެޕްޓަން ހުސެއިން ޝިފާއު (ކުރޯ) ސަސްޕެންޝަނުގައި ހުރިއިރު އަހުމަދު ނޫމާން (ހެލްމެޓް) އާއި އަލީ ފާސިރު (ސެންޓޭ) އަދި އަހުމަދު ރިޒުވާން (ރިޒޭ) އެއްކޮށް ފިޓެއް ނޫނެވެ. އަދި ގައުމީ ޓީމަށް ކުޅުމަށް ފަހު ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އަންނައިރު ހާލަތު ހުންނާނެ ގޮތެއް ބުނަން އުނދަގޫ ކަމަށް މޯހަން ބުންޏެވެ.

"މި ކުޅުންތެރިން ނުލައި ނުކުޅެވޭނެ އެކަމު މި ކުޅުންތެރިން ފަރާތުން 100 ޕަސެންޓް ފެންނާނެތޯ އެއީ ސުވާލަކީ. އުނދަގޫތަކެއް ހުންނާނެ،" މޯހަން ބުންޏެވެ. "މި ކަހަލަ މެޗަކުން މޮޅުވެވިއްޖިއްޔާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވަރަށް ބޮޑު ކުރިއެރުމަކަށް ވެސް ވާނެ. އެއީ ގިނަ ޓީމުތަކަށް މާޒިޔާ އަތުން ޕޮއިންޓެއް ނަގަން ފަސޭހަނުވާނެ،"

މޯހަން ބުނީ ޓީމުގެ ހާލަތު ރަނގަޅު ނޫން ކަމުގައި ވިޔަސް ޓާގެޓަކީ މެޗުން މޮޅުވުން ކަމަށެވެ.

"މެޗަށް އަރާނީ ވެސް މޮޅުވާން. ކުޅޭނީ ވެސް މޮޅުވާން. އެއްގޮތަކަށް ވެސް އިތުރު ވިސްނުމެއް ނުހުންނާނެ. ލީގަށް ފައިޓްކުރާ ކަމަށް ވެއްޖިއްޔާ މި މެޗުން މޮޅުވުން މި އޮތީ. އެ ވިސްނުމުގައި ތައްޔާރު މިވަނީ އަދި ކޮންމެ ހާލަތެއްގައި ޓީމު އޮތް ކަމުގައި ވިޔަސް. އެއީ ކޮންމެ ކުޅުންތެރިޔަކު މި ޓީމުން ކުޅުނު ކަމުގައި ވިޔަސް އިތުބާރު ކުރާނަން،" ކުރިން ނިއު ރޭޑިއަންޓަށް ލީގު ކާމިޔާބުކޮށްދިން މޯހަން ބުންޏެވެ.

ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ދެ ޓީމަކީ އީގަލްސް އާއި މާޒިޔާ އެވެ. މޯހަން ބުނީ އީގަލްސް އަށް ދިމާވެފައިވާ މައްސަލަ އަކީ ހަ މެޗުން އެއްވަރުވެފައިވުން ކަމަށާއި މެޗަކުން ބަލިނުވެ އޮތުމުގެ ހިތްހަމަޖެހުން އޮތް ކަމުގައި ވިޔަސް އެންމެ މުހިއްމު މަގުސަދަކީ އެެއީ އެއް ނޫން ކަމަށެވެ.

"މަގްސަދަކީ ލީގުގެ އެންމެ ކުރީގައި އޮވެވޭތޯ ބެލުން. ނޫނިއްޔާ ލީގާ އެންމެ ކައިރި ކުރާ ހިސާބެއްގައި ހިފެހެއްޓުން،" މޯހަން ބުންޏެވެ.

ލީގުގައި އީގަލްސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.