Roadha Mihaaru
އީގަލްސް ވަރުގަދަ، މާޒިޔާ ދުލެއްނުދޭނެ: ސެކުލޮސްކީ

އީގަލްސް ވަރުގަދަ، މާޒިޔާ ދުލެއްނުދޭނެ: ސެކުލޮސްކީ

08 ޖުލައި 2019

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު އީގަލްސް ވަރުގަދަ ނަމަވެސް މާޒިޔާ އިން އެކަމަށް ނުވިސްނާނެ ކަމަށާއި ހުރިހާ ފޯކަސްއެއް ހުރީ ރަނގަޅު ކުޅުމެއް ދައްކައިގެން މެޗުން މޮޅުވުމަށް ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު އީގަލްސް ވަރުގަދަ ނަމަވެސް މާޒިޔާ އިން އެކަމަށް ނުވިސްނާނެ ކަމަށާއި ހުރިހާ ފޯކަސްއެއް ހުރީ ރަނގަޅު ކުޅުމެއް ދައްކައިގެން މެޗުން މޮޅުވުމަށް ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

މިރޭގެ މެޗަށް ފަހު، މި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. ބްރޭކަށް ދިއުމުގެ ކުރިން ލީގުގެ އެއް ވަނަ އަށް އަރަން މި މެޗުން މޮޅުވުން މާޒިޔާ އަށް މުހިއްމެވެ. ލީގުގެ އެއް ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި މާޒިޔާ އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ މުހިއްމީ މި ވަގުތަށް ވުރެ ލީގު ނިމޭއިރު އެއް ވަނައިގައި އޮތުން ކަމަށެވެ. ސަބަބަކީ، މިއީ އަދި ލީގުގެ ފުރަތަމަ ބުރު ކަމަށްވެފައި ގިނަ ޓީމުތަކުގެ ހާލަތު ކުރިއަށް އޮތް މަސްތަކުގައި ބަދަލުވާއިރު ވާނެ ގޮތްތަކެއް ބުނަން ނޭނގޭތީ ކަމަށް ބުންޏެވެ.

"ޝެޑިއުލްގައި އޮތްގޮތުން ދިވެހި ޕްރިމިއާ ލިގުގެ ފަހު މެޗު އޮތީ 20 ޖެނުއަރީ 2020 ގައި. މާޒިޔާ ކޯޗެއްގެ ގޮތުގައި އަހަރެން ބޭނުންވަނީ އެ ދުވަހު އެއް ވަނައިގައި އޮންނަން. އެހެން މި ބުނީ އެ މުއްދަތަށް އަދި ވަރަށް ގިނަ ދުވަސް އޮތީމަ. ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވުމުގެ ފުރުސަތު ވެސް އޮތީމަ. ހަގީގަތަކީ އަދި މިއީ ފުރަތަމަ ބުރު. މި ވަގުތު ޕްރިޑިކްޝަނެއް ދިނުމަކީ އަހަރެންގެ ނަޒަރުގައި ރަނގަޅު ގޮތެއް ނޫން." ކުރިން މިޔަންމާ ލީގުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ މި މެޗަށް ނުކުންނައިރު ދެ ގޮތަކުން އީގަލްސް އަށް އެޑްވާންޓޭޖް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެއީ އެކުގައި ތިނެއް ނޫނީ ހަތަރު އަހަރު ކުޅުނު ކުޅުންތެރިން ތިބުމުގެ އިތުރުން އީގަލްސް އަށް މި މެޗަށް ތައްޔާރުވާން ނުވަ ދުވަސް ލިބުމެވެ. އެ ދެ ކަންތައް އީގަލްސް ކޮޅަށް އޮތް ނަމަވެސް މާޒިޔާ އިން ނުކުންނާނީ ދަނޑުމަތީގައި މަސައްކަތްކޮށް މޮޅުވާން ކަމަށް ސެކުލޮސްކީ ބުންޏެވެ.

"ހުރިހާ ކަމެއް ހުއްޓޭނީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ މަސައްކަތަށް. އަހަރެންގެ އުއްމީދަކީ މާޒިޔާ ރަނގަޅަށް މަސައްކަތްކޮށް މޮޅުވުން. އަހަންނަކީ ވެސް ކޯޗެއް. އަހަންނަށް ޔަގީން ދުނިޔޭގެ އެއްވެސް ކޯޗެއް ހިތްހަމައެއްނުޖެހޭނެ ކޮންމެ ތިނެއް ނޫނީ ހަތަރު ދުވަހެއްގެ ދެމެދުގައި މެޗު ކުޅެން. ހާއްސަކޮށް އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު. އެކަމަކު ވެސް އަހަރެމެން ތައްޔާރު،" ސެކުލޮސްކީ ބުންޏެވެ.

އެންމެ ފަހުން މާޒިޔާ އިން ޓީސީ އަތުން މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ނުކުޅެ އެވެ. އަދި ދާދި ފަހުން މާޒިޔާއާ ގުޅުނު ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)، ޓީސީ މެޗުގައި ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ސެކުުލޮސްކީ ބުނީ އަނިޔާގެ ސަބަބުން އެންމެ ފަހުން މެޗުގައި ނުފެނުނު ކުޅުންތެރިން މި މެޗުގައި ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ކޯނޭ ވެސް އެހެން ކުޅުންތެރިން ވެސް ބޭނުންކުރާނީ ޓީމަށް ފައިދާވާނެ ގޮތެއް ވިސްނުމަށް ފަހު ކަމަށެވެ.

އީގަލްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު މެޗެއްގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން ބުނީ މާޒިޔާ އަކީ މި ވަގުތު އެންމެ ވަރުގަދަކޮށް އޮތް ޓީމު ކަމަށާއި ޕްރީ ސީޒަންގައި ވެސް ރަނގަޅު ޓްރެއިނިންތަކެއް ހަދާފައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން އޮތް ޓީމެއް ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް އެގޮތަށް އޮތް ނަމަވެސް އީގަލްސް އިން ނުކުންނާނީ ތިން ޕޮއިންޓަށް ޓާގެޓް ކޮށްގެން ކަމަށް އިނާން ބުންޏެވެ.

އީގަލްސް އަށް ސީޒަނުގެ ކުރީކޮޅުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ރަނގަޅު ޕްރީ ސީޒަނެއް ނުހެދުމުން ފިޒިކަލީ ކުޅުންތެރިން ފިޓްނުވުމުގެ މައްސަލަ އެވެ. ކުޅުނު ތިން މެޗުގެ ތެރެއިން އީގަލްސް މޮޅުވާން ދަނިކޮށް ގްރީން ސްޓްރީޓްސް އާއި ޓީސީ އަތުން ޕޮއިންޓްތައް ގެއްލުނީ ފަހު ވަގުތު ވަން ގޯލުތަކުން އެ ދެ މެޗުން އެއްވަރުވުމުންނެވެ.

"ފިޒިކަލް ފިޓްނަސް މައްސަލަ އެބައުޅޭ. އެކަމަކު ޕްރެކްޓިހާއި މެޗުތަކަށް ފަހު އަންނަނީ ރަނގަޅުވަމުން. އުއްމީދުކުރަނީ މި މެޗުގައި ރަނގަޅުވާނެކަމަށް،" އިނާން ބުންޏެވެ.

ލީގުގައި ފުރަތަމަ ޓީސީއާ އެއްވަރުވި މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ އޭއެފްސީ ޕްރޯ ލައިސަންސް ކޯހުގެ ބައެއް ފުރިހަމަކުރަން ޖަޕާނަށް ގޮސްފަ އެވެ. މޯހަން ޖަޕާނުގައި ހުއްޓައި މިހާތަނަށް ދެ މެޗު ކުޅުނުއިރި ޓީމު ލީޑުކުރީ އަހުމަދު ނިމާދު (ނިމާ) އެވެ. މިރޭގެ މެޗަކީ މޯހަން ނެތި އީގަލްސް އިން ކުޅޭނެ ފަހު މެޗެވެ.

އިނާން ބުނީ ޓީމާ ދުރުގައި ހުރި ނަމަވެސް މޯހަންގެ އެހީތެރިކަން އީގަލްސް އަށް ލިބޭ ކަމަށެވެ.

"ކޯޗު ވީޑިއޯތަކާ އެއްޗެހި ބަލާ. ކޯޗު ބުނެފައި އިނީ ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހެއޭ. އެކަމަކު ލަނޑު ވަނުމާއި މި ހުންނަ ކުޑަ މިސްޓޭކްތައް އެބަހުރި ފާހަގަކޮށްދީފައި ރަނގަޅުކުރަން. ޑިފެންސިވް މިސްޓޭކްތައް ރަނގަޅުކުރުން ވަރަށް މުހިއްމު މާޒިޔާ ކަހަލަ ރަނގަޅު ފޯވާޑް ލައިނެއް އޮތް ޓީމަކާ ދެކޮޅަށް ކުޅޭއިރު." އިނާން ބުންޏެވެ.

އޭނާ ބުނީ މިދިޔަ މެޗުތަކަށް ބަލާއިރު އީގަލްސް އަށް ލަނޑުޖަހަން ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުންނުކުރެވި ގޮސްފައި އެބަހުރިކަމަށާއި މާޒިޔާ ކަހަލަ ޑިފެންސްގައި ވެސް ވަރުގަދަ ޓީމަކާ ކުޅޭއިރު ލިބޭ ފުރުސަތުގެ ބޭނުން ނުހިފާ ނަަމަ އޭގެ އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މޮޅުވެގެން ފައިބަން އުއްމީދުކުރަނީ ކުޅުންތެރިންގެ ރޫހު ހުރީ މޮޅުވެގެން ދަނޑުން ފައިބަން،" އިނާން ބުންޏެވެ.

މާޒިޔާ އަތުން މޮޅުވެއްޖެނަމަ އީގަލްސް އަށް ލީގުގެ ތިން ވަނަ އަށް އެރޭނެ އެވެ. މި ވަގުތު އީގަލްސް އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. މިރޭގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.