Roadha Mihaaru
ބްރޯޑްކާސްޓިން ކޮމިޝަން ވެސް ގާނޫނީ ހުސް ކަމަކަށް

ބްރޯޑްކާސްޓިން ކޮމިޝަން ވެސް ގާނޫނީ ހުސްކަމަކަށް

15 އޮކްޓޯބަރ 2019

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން އިއްޔެ ވަކިކުރުމާ އެކު ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެ މުއައްސަސާ ވެސް ހިނގައްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން އިއްޔެ ވަކިކުރުމާ އެކު ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެ މުއައްސަސާ ވެސް ހިނގައްޖެ އެވެ.

ގާނޫނުތަކުގައި ބުނާ މުއްދަތަށް، ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ބައެއް އެހެން މުއައްސަސާތަކަށް ވެސް މެމްބަރުން އައްޔަން ކުރުމުގައި މި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ވަނީ ފެއިލްވެފަ އެވެ.

ހަތް މެމްބަރުންގެ ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރާއި އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.

ކޮމިޝަންގެ މެމްބަރުކަމުން ޒައިނާ އިއްޔެ ވަކިކުރިއިރު، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހް ވަނީ މީގެ ކުރިން އަމިއްލަ އަށް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ޝަހީބާއި ސޮފްވާން އަދި ނަބާހް އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިވަންކަން ގެއްލި ނުފޫޒު ފޯރާފައި އޮތް ކަމަށް ތުހުމަތުކުރާ މުއައްސަސާތަކުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފެށުމުންނެވެ.

އެހެންވެ، މިހާރު ތިއްބެވި ތިން މެމްބަރުންގެ ނިންމުމަކުން ކޮމިޝަނުން ކަމެއް ފާސްކުރަން ޖެހިއްޖެ ނަމަ އެކަމެއް ނުކުރެވޭނެ އެވެ. ސަބަބަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކޯރަމަކީ ހަތަރެއް ކަމަށް ވާތީ އެވެ.

ކޮމިޝަނުން ހުސްވެފައިވާ ހަތަރު މަގާމުގެ ތެރެއިން ފުރަތަމަ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ. ފުރަތަމަ ހުސްވި ދެ މަގާމަށް ޝައުގުވެރިވެގެން ހުށަހެޅުއްވި 36 ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މަޖިލީހުން ފޮނުވާފައިވީ ނަމަވެސް އިންޓަވިއުގެ ކަންކަން އަދި ނުފަށަ އެވެ. އެހެންވެ، ކޮމިޝަން ގާނޫނޫ ހުސްކަމެއްގެ ތެރޭގައި ދުވަސްތަކެއް ވަންދެން ދެމިއޮންނާނެ އެވެ.

ކޮމިޝަނުގެ މެމްބަރަކު ވަކިވެއްޖެ ނަމަ، އާ މެމްބަރަކު އައްޔަންކުރަން ގާނޫނުގައި ކަނޑައަޅާފައި އޮތީ 60 ދުވަހެވެ. އެ މުއްދަތު ހަމަވިއިރު ވެސް މެމްބަރުން އައްޔަން ކޮށްފައެއް ނުވެ އެވެ.

Broadcom ah Raees iskandhevvi list ge kureegai Shifla aai Hilmy

Broadcom ah Raees iskandhevvi list ge kureegai Shifla aai Hilmy

The most trusted news source in the Maldives

Mihaaru

ބްރޮޑްކޮމްއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބު--

ރައީސް އޮފީހުން އިއްޔެ އިއުލާން ކުރީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޝަހީބު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޯދުމަށެވެ. އެ މަގާމަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އާދިއްތަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން މަގާމު ގެއްލުވައިލި ޒައިނާގެ ބަދަލުގައި ބޭފުޅަކު ކޮމިޝަނަށް އައްޔަން ކުރުމަށް އަދި ހުޅުވައެއް ނުލަ އެވެ.

ކުރީ ސަރުކާރުގައި ސިޔާސީ ގިނަ ނުފޫޒު ތަކެއް ފޯރާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފަ އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.