ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލައްވައިފި އެވެ.
10 އޮކްޓޯބަރ 2019
ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލައްވައިފި އެވެ.
ހުޅުމާލޭގެ ބިމަކީ މާލޭގެ ރައްޔިތުންނަށް ހައްގު ބިމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވި މައްސަލައިގައި އޭނާ އަށް ބައެއް މެމްބަރުންނާއި އާންމުންގެ ފަރާތުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. ބައެއް މީހުން ބުނީ، އެއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ނިކަމެތިވާ ގޮތަކަށް ބޮންޑޭ ވިދާޅުވި ބަސްތަކެއް ކަމަށެވެ. އެކަމަކު، މަޖިލީހުގައި ވިދާޅުވި ވާހަކަތައް، "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުގައި ވެސް އޭނާ ދިފާއު ކުރެއްވި އެވެ.
ބޮންޑޭ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން މަޖިލީހަށް އިންތިޚާބުވި ހުރިހާ މެމްބަރުން ވެސް، މާލެ ވަޑައިގެން މާލެ އިން ހޯއްދެވީ ގޯތި ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެނބުރި އެ ބޭފުޅެއްގެ ރަށަށް ވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އޮތީ އޭރުގައި އޮންނަ ރައީސަކަށް "ސަނާ" ކިޔައި "ހުޝާމަދު" ކުރާ މީހުންނަށް ގޯތި ލިބޭ ގޮތަށެވެ. އަދި މިއަދާ ހަމައަށް އައި އިރު، އެ ސަގާފަތަށް ނިމުމެއް ނާންނަ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފުރަގަސް ދީގެން ރައީސަށް ހުޝާމަދު ކޮށްފައި އަޅުގަނޑު ހޯދާނެ ގޯއްޗެއް ނުވަތަ ފްލެޓެއް ނޯންނާނެ. އަޅުގަނޑެއް ރައީސަކަށް ސަނާއެއް ނުކިޔޭނެ،" ---ބޮންޑެ
އެކަމަކު، 19 ވަނަ މަޖިލިހުގައި ތިއްބެވި ރަށްރަށުގެ މެމްބަރުން މެމްބަރުންނަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވި މަޖިލިހުގައި އެންމެ ގިނަ އަދަދަކަށް ތިއްބެވީ އެމްޑީޕީގަ އެވެ. މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.
މަޖިލިހުގެ ކުރީ ސަފުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު. --- ފޮޓޯ: މަޖިލިސް
"ރައްޔިތުންނަށް ފުރަގަސް ދީގެން ރައީސަށް ހުޝާމަދު ކޮށްފައި އަޅުގަނޑު ހޯދާނެ ގޯއްޗެއް ނުވަތަ ފްލެޓެއް ނޯންނާނެ. އަޅުގަނޑެއް ރައީސަކަށް ސަނާއެއް ނުކިޔޭނެ،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހޮވިވަޑައިގަތީ އެޖެންޑާ 19 ގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކަމަށާއި އޭނާގެ މަގްސަދަކީ އެކަންކަން ރައްޔިތުންނަށް ފުރިހަމަކޮށްދިނުން ކަމަށެވެ. އޭނާގެ ދާއިރާގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ގެދޮރު ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. އެޖެންޑާ 19 ގެ ސިޔާސަތުތަކުގެ ދަށުން އެންމެ ބޮޑު ވައުދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
"ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގޭނީ އެ ދާއިރާއެއްގެ މެމްބަރަކު އެ ދާއިރާގެ ތަރައްގީ އަށް މަސައްކަތް ކޮށްގެން. ރައްޔިތުން ޖީބަށް ވަންނާނެ އާމްދަނީ ހޯދަން އެ ރަށެއްގައި ތިބެގެން މަސައްކަތް ކުރަން އިސްނަގާނެ ބަޔަކު އުފަންވާންވީ. އެއީ އަޅުގަނޑުގެ ހިޔާލަކީ މިކަމުގައި،" ބޮންޑޭ ވިދާޅުވި އެވެ.
އެކި ރަށްރަށުގައި ދިރިއުޅޭ މީހުން އެ ރަށްތައް ދޫކޮށްފައި މާލެ އަންނަ ނަމަ، ރަށްތަކުގެ ކޮންޓްރޯލް ނަގަމުން ދަނީ ބިދޭސީން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ދެ ލައްކަ އަށް ވުރެ ގިނަ މީހުން އުޅޭއިރު، "ދަނޑު ހައްދައި، ގެސްޓް ހައުސް" އަޅައި އެފަދަ ބައިވަރު ވިޔަފާރިތައް ރަށްރަށުގައި ހިންގާ ކަމަށެވެ.
އަދި ވިދާޅުވީ ހުޅުމާލެ އަށް ވަޒަންވެރި ވާން ޖެހޭނީ އެ ސަރަހައްދުގައި އެންމެ ގިނަ ދުވަހު އުޅުނު މީހުން ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަފްތަރެއް ހަދާފައި އެ ދަފްތަރުގައި ޖައްސާ މީހުންނަށް ހުޅުމާލެ އިން ގޯތި ދެވޭ އުސޫލަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ތިބީ ވެސް ރާއްޖެތެރެއިން އައިސް ތިބި ގިނަ މީހުން. އެމީހުން މާލޭގައި އުޅޭތާ 100 އަހަރު، 50 އަހަރު، 20 އަހަރު، 10 އަހަރު ވެފައި އެބަތިބި. އެމީހުންނަށް ހުޅުމާލެ ނޫނީ މާލެ ކައިރި ސަރަހައްދަކުން މާ ބޮޑަށް ވެސް ގޯތި ހައްގު،" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑެގެ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ހުޅުމާލެ އަކީ ރާއްޖޭގެ އެންމެންގެ އަވަށެއް ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. ބަހުސްގައި ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ނިކަމެތިވާ ގޮތަށް ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.
ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންގެ ހައްގެއް: ބޮންޑޭ
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
މާލެ މީހުންނަށް މޮޅު ގޮތް ވާކަށް ނުޖެހޭ: ހުސެއިން
ފްލެޓު ލިބުނު ބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ: ވިސާމް
މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން ޒުވާބަކަށް!
ގުޅިފަޅުން ބިން ގަތް މީހުންނަށް ގޯތި ދޭން ގަރާރެއް
އަލަތު ކައިވެންޏާއެކު ގޯއްޗެއް ދިނުމަށް ގޮވާލާ ގަރާރެއް
އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އަޅަނީ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި