09 އޮކްޓޯބަރ 2019
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ އިސްލާމް ދީނުގެ މެދުމިނަށް ތާއީދުކުރާ ބައެއް ކަމަށާއި އިސްލާމް ދީނަށް ތައުހީނުކޮށް ކުޑައިމީސް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން އެ ޖަމިއްޔާ އިން ބުނެފި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ އިސްލާމް ދީނުގެ މެދުމިނަށް ތާއީދުކުރާ ބައެއް ކަމަށާއި އިސްލާމް ދީނަށް ތައުހީނުކޮށް ކުޑައިމީސް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން އެ ޖަމިއްޔާ އިން ބުނެފި އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނީ ރިޕޯޓުގެ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބަސް މަގާ މެދުގައި ހިތާމަކުރާ ކަމަށެވެ.
އެ މައްސަލަ ޖަމިއްޔާގެ ސަމާލުކަމަށް އައުމާ އެކު، ރިޕޯޓުގައި ބަސް މަގު ބޭނުންކޮށްފައިވާ ގޮތާ މެދު ރައްޔިތުންގެ ކިބައިން މާފަށް އެދި، ރިޕޯޓުގައި ހުރި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ރިޕޯޓު އަނބުރާ ގެންގޮސްފައިވާކަން އެމްޑީއެންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓާ ގުޅިގެން ފުލުހުން ކުރާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެންނަކީ މެދުމިނަށް ތާއީދުކުރާ ސުލްހަވެރިކަމާއި އެކުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މާތްވެގެންވާ އިސްލާމް ދީނަށް ތައުހީނުކޮށް ކުޑައިމީސް ކުރުމަކީ މި ޖަމިއްޔާ އިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫނެވެ،" އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީއެން އިން ބުނި ގޮތުގައި ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު އެބަ އޮތް ކަމަށެވެ. ޓެރަރިޒަމްގެ ހަރަކާތްތައް ހިންގައި އެކަމުގައި ޒުވާނުން ޝާމިލްކުރުވުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތްތަކާއި ވަކި ފަރުދުން މަސައްކަތް ކުރަމުންދާ ކަން އެ ޖަމިއްޔާ އިން 2016 ގައި ނެރުނު ދިރާސާ އިން ފެންނަން އެބަ ކަމަށް ބުނެފައިވެ އެވެ. މި ކަންކަން ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހުއްޓުވަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
"އެކަންތައްތައް ފޮރުވަން މަސައްކަތްކޮށް އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކުގެ ފޯކަސް ގެއްލުވާލައި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރެވެ އެވެ،" އެމްޑީއެން އިން ބުނެފައިވެ އެވެ.
އެމްޑީއެން އިން ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ އަނިޔާވެރިކަމަށް ގޮވާލުމަށް އެއްވެސް ހާލެއްގައި ފުރުސަތު ނުދިނުމަށާއި ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ހަރަކާތްތެރިވާ ޖާގަ އިތުރަށް ހަނިކުރުމުގެ ފުރުސަތު ނުދިނުމަށް އެންމެހާ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
އެމްޑީއެންގެ މެމްބަރުން ހައްޔަރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުން އަންނަ ދަނޑިވަޅުގައި އެމްޑީއެން އިން ބުނީ ޖަމިއްޔާގެ މުވައްޒަފުންނާއި މެމްބަރުންނަށް ފުރައްސާކޮށް މަރުގެ އިންޒާރު ދިނުން ކުށްވެރިކުރާ ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.
ބަޔާނުގައި ވަނީ އެމްޑީއެން އުފެދުނީއްސުރެ މިހާތަނަށް ވެސް އެ ޖަމިއްޔާ އިން އަންނަނީ ދިވެހި މުޖުތަމައުގައި އުފެދޭ، ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ބޮޑެތި މައްސަލަތަކުގައި ކަމުގެ ހެވަށް ބުރަވެ، ވަކާލާތުކޮށް އެ މައްސަލައެއް ހައްލުކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށެވެ.
"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ.
އެމްޑީއެންގެ ރިޕޯޓް ބަލައިނުގަންނަ ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކުރި ކަމެއް އަދި ނޭނގެ އެވެ. މި މައްސަލައިގައި ފިޔަވަޅު އެޅުން ލަސް ކަމަށް ބުނެ ދީނީ އިލްމުވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށްފައިވޭ: ޕޮލިސް
އެމްޑީއެންއަށް ފިޔަވަޅުއަޅަން 100 ކައުންސިލުން އެދެފި
ޝަހިންދާއަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
ޝަހިންދާ އާއި އަޒްރާ ތަހުގީގަށް ހާޒިރުވާން ދެ ހަފުތާ!
އެމްޑީއެން އޮތީ ސަރުކާރު ތެރެއަށް މޫލާފައި: އިދިކޮޅު
ހަމަނުޖެހުން އުފައްދަނީ ސީރިއާއަށް މީހުން ފޮނުވާ ބައެއް
ކޮމިޝަނަރު ވަކިކޮޅަކަށް ނުޖެހޭ، ޕްރޮފެޝަނަލް:އިމްރާން
އަނިޔާވެރިކަމަށް ގޮވާލާ ނަމަ ފިޔަވަޅުއަޅާނެ: އިމްރާން
އެމްޑީއެންގެ ތަހުގީގު ލަސް ކަމަކަށް ނުދެކެން: އިމްރާން
ހޯދަން އިއުލާންކުރި އަޒްރާއާ ގުޅިއްޖެ: ފުލުހުން