Roadha Mihaaru
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަނީ

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް ފަށައިފި

09 އޮކްޓޯބަރ 2019

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް "މިހާރު" އަށް މިއަދު ވިދާޅުވީ ދެ ކޮމިޝަން އެއްކޮށްލުމުގެ މަސައްކަތް އެ ކޮމިޓީގައި ކުރިއަށް ދަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ޑޮކިއުމަންޓްތައް ބަންޑާރަ ނައިބަށް ފޮނުވުމަށް ހަތަރު މެމްބަރުންގެ ސަބް ކޮމިޓީއެއް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބް ކޮމިޓީގައި ތިއްބަވަނީ ވެލިދޫ ދާއިރާ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އޭގެ ތެރެއިން ވިސާމާއި މުހައްމަދު އަބްދުﷲ އަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ދެ ބޭފުޅުންނެވެ.

ދައުލަތުގެ އެއް މުއައްސަސާއަކުން ރާއްޖޭގެ ހުރިހާ މީޑިއާތައް ބެލެހެއްޓުމަށް ކުރީގެ ސަރުކާރުން މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި ބިލެއް ހުށަހެޅި ނަމަވެސް އެ ބިލް ވަނީ ބޭރުކޮށްލައިފަ އެވެ.

ބިލުގެ ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވި، މޯލްޑިވްސް މީޑިއާ ކޮމިޝަން ނަމުގައި މުއައްސަސާއެއް އުފެދޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އެހެންވެ، މީޑިއާގެ ހުރިހާ ކަމެއް ބަލަހައްޓަން އޮތީ އެ ކޮމިޝަނުންނެވެ.

މިހާރު އަމަލުކުރާ ގޮތުން ނަމަ، ބްރޯޑްކާސްޓަރުން ރެގިއުލޭޓްކޮށް، ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ. އެ ދެ މުއައްސަސާ ވެސް ހިންގަނީ ވަކި ގާނޫނެއްގެ ދަށުންނެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެއްކޮށްލުމުގެ މަސައްކަތް ފެށި އިރު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޮމިޝަންގެ މެމްބަރުންތަކެއް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.