Roadha Mihaaru
ބަލި މީހުންގެ ޔުނިފޯމެއް ފެޝަނަކަށް ހެދުމުން ފާޑުކިޔުން

ނަފްސާނީ ބަލީގެ މީހުން ލެއްވި ހެދުމެއް ފެޝަނަކަށް ހެދުމުން ރަންވޭގައި ހަޅުތާލުކޮށްފި

25 ސެޕްޓެމްބަރ 2019

މަޝްހޫރު ބައެއް ފެޝަން ކުންފުނިތަކަކީ އަބަދުވެސް ކޮންމެވެސް ކަހަލަ މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ބައެކެވެ. ގިނަ ފަހަރަށް އާންމުކުރާ ޑިޒައިންތަކާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބައެއް ފެޝަން ކުންފުނިތަކަކީ އަބަދުވެސް ކޮންމެވެސް ކަހަލަ މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ބައެކެވެ. ގިނަ ފަހަރަށް އާންމުކުރާ ޑިޒައިންތަކާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.

މި ފަހަރު އަނެއްކާ ވެސް މިއޮތީ މަޝްހޫރު ބްރޭންޑެއް ސައިޒްކޮށްލައިފަ އެވެ. އިޓަލީގެ މިލާންގައި އާދީއްތަ ދުވަހު ފެށި މިލާން ފެޝަން ވީކްގައި ދައްކައިލި ޑިޒައިންތަކަކާ ދެކޮޅަށް މޮޑެލަކު ވަނީ ރަންވޭގައި ޝުއޫރުފާޅުކޮށް "މުޒާހަރާކޮށްފަ" އެވެ.

މައްސަލައަކަށްވީ އަންނަ އަހަރުގެ ބަހާރު/ހޫނު މޫސުމަށް ހާއްސަކޮށްގެން ދައްކައިލި ޑިޒައިންތަކުގެ ތެރޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދޭ ހޮސްޕިޓަލްތަކުގައި އެކި ދުވަސްވަރު ޕޭޝަންޓުން ބޭނުންކުރި އަންނައުނު ފެޝަނަކަށް ހަދައިގެން ސްޓްރެއިޓް ޖެކެޓްތަކެއްގެ ގޮތުގައި ދެއްކުމެވެ.

މި ޑިޒައިންތައް ދައްކައިލަން ރަންވޭ އަށް އެރި މޮޑެލްއެއް ކަމަށްވާ އައިޝާ ޓޭން ޖޯންސް ވަނީ ރަންވޭގައި ހިނގަމުން ވަކި ހިސާބަނުން އޭނާގެ އަތްތިލައިގައި ގުޗީއާ ދެކޮޅަށް ޝުއޫރުފާޅުކޮށްފަ އެވެ. އޭނާގެ އަތްތިލައިގައި ލިޔެފައި އިނީ "މެންޓަލް ހެލްތު އިޒް ނޮޓް އަ ފެޝަން" އެވެ.

މިކަމަކީ ގުޗީ އަށް ނޭނގި، އައިޝާ އަމިއްލަ އަށް ރާވައިގެން ރަންވޭމަތީގައި ކުރި ކަމެކެވެ. އަދި އޭނާ "މުޒާހަރާކުރި" ވީޑިއޯ އާއި ފޮޓޯ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް، އެކަމާ ބެހޭ ގޮތުން ދިގުކޮށް ލިޔެފައިވެ އެވެ.

މިކަމާ ގުޅިގެން ފަހުން ގުޗީން ވަނީ ބަޔާނެއް ނެރެފަ އެވެ. އޭގައި ބުނީ އެ ޖެކެޓްތަކަކީ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ކުޑައިމީސްކުރުމަށް ދައްކައިލި ޑިޒައިންތަކެއް ނޫން ކަމަށެވެ. އަދި އެ ފަރުމާތަކުން ދައްކުވައި ދޭން ބޭނުންވީ އެކި ދުވަސްވަރު ބޭނުންކުރި "އެކްސްޓްރީމް ޔުނިފޯމްތަކެއް" ހަނދާން އާކުރުން ކަމަށް ބުންޏެވެ.

ޝޯގައި ދައްކައިލި ޖެކެޓްތަކަކީ ވިއްކަން ތައްޔާރުކުރި އެއްޗެހި ނޫން ކަމަށް ވެސް ގުޗީގެ ކްރިއޭޓިވް ޑިރެކްޓަރު އެލެސެންޑްރޯ މިޝެލް ވިދާޅުވި އެވެ.