Roadha Mihaaru
ޕްރާޑާ ވެސް ޖަނަވާރުގެ ކެހެރިއާ ދުރަށް

ޕްރާޑާ ވެސް ޖަނަވާރުގެ ކެހެރިއާ ދުރަށް

24 މެއި 2019

ޖަނާވަރުންގެ ހިމާޔަތާއި ހައްގުތަކަށް ކުރާ މަސައްކަތްތައް އިތުރުވަނުން އަންނަ އިރު، ދުނިޔޭގެ މަޝްހޫރު ބޮޑެތި ފެޝަން ކުންފުނިތަކުން ވެސް އަންނަނީ މިކަމަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން މިހާތަނަށް ވަރަށް ކުންފުނިތަކުން ވަނީ އެ މީހުންހެ އުފެއްދުންތަކުގައި ޖަނަވާރުންގެ ކެހެރި އެއްގޮތަކަށް ވެސް ބޭނުން ނުކުރަން ނިންމައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަނާވަރުންގެ ހިމާޔަތާއި ހައްގުތަކަށް ކުރާ މަސައްކަތްތައް އިތުރުވަނުން އަންނަ އިރު، ދުނިޔޭގެ މަޝްހޫރު ބޮޑެތި ފެޝަން ކުންފުނިތަކުން ވެސް އަންނަނީ މިކަމަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން މިހާތަނަށް ވަރަށް ކުންފުނިތަކުން ވަނީ އެ މީހުންހެ އުފެއްދުންތަކުގައި ޖަނަވާރުންގެ ކެހެރި އެއްގޮތަކަށް ވެސް ބޭނުން ނުކުރަން ނިންމައިފަ އެވެ.

މި ލިސްޓަށް މި ފަހަރު އިތުރުވީ އިޓަލީ މަޝްހޫރު ބްރޭންޑް ޕްރާޑާ އެވެ. ބުދަ ދުވަހު އެ ކުންފުނިން އިއުލާންކުރި ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޕްރާޑާ އާއި އެ ބްރޭންޑްގެ ދަށުގައި އެހެން ކުންފުނިތަކުން ވެސް، އެއްވެސް އުފެއްދުމެއްގައި ޖަނަވާރުންގެ ކެހެރި ބޭނުމެއް ނުކުރާނެ އެވެ. އޭގެ ތެރޭގައި މިއު މިއު އާއި ޗާޗްސް ހިމެނެ އެވެ.

ޕްރާޑާގެ ހެޑް ޑިޒައިނަރު އަދި މިއު މިއުގެ ބާނީ މިއުޝިއާ ޕްރާޑާ، 70، ބުނީ ކުރިއަށް އޮތް ތަނުގައި އެ ކުންކުނިތަކުގެ ހުރިހާ އުފެއްދުމެއް ވެސް ނެރޭނީ ޖަނަވާރުންގެ ކެހެރި އެއްވެސް ގޮތަކަށް ބޭނުން ނުކޮށް ކަމަށެވެ. އަދި މިއީ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފާ ފްރީ އެލައިންސާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.

"ކެހެރި ބޭނުން ކުރުން ހުއްޓާލައި ފެޝަން އިންޑަސްޓްރީގައި އަހަރެމެން ދެން ބޭނުން ކުރާނީ އިނޮވޭޓިވް އިތުރު އުފެއްދުންތަކެއް،" މިއުޝިއާ ބުންޏެވެ. "މީގެ ސަބަބުން އިތުރު ހިޔާލުތަކާއި ވިސްނުން ވެސް އުފެދިގެން އަންނާނެ."

ޕްރާޑާއަކީ މިހާތަނަށް ވަރަށް ފުޅާކޮށް މުސަލާއި ހިޔަޅު ފަދަ ޖަނަވާރުންގެ ކެހެރި އެ މީހުންގެ އުފެއްދުންތަކުގައި ބޭނުން ކުރަމުން އައި ކުންފުންޏެވެ.

ނަމަވެސް ޖަނަވާރުންގެ ކެހެރި ބޭނުން ކުރުން އެ ކުންފުން ހުއްޓައިލަން ނިންމުމަކާ އެކު، ޖަނާވަރުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަންނަނީ މަރަހަބާ ކިޔަމުންނެވެ.

މީގެ ކުރިން ޖަނަވާރުންގެ ހަމާއި ކެހެރި ފަދަ އެއްޗެހި ބޭނުން ކުރުން ހުއްޓައިލި މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ތެރޭގައި ރާލްފް ލޯރެން، ގުޗީ، ކާލްވިން ކްލެއިން، އަރްމާނީ، ވަސާޗޭ، ޝެނެލް ވަސާޗޭ، ބާބެރީ އަދި ވިވިއެން ވެސްޓްވުޑް ހިމެނެ އެވެ.