Roadha Mihaaru
މޮޅު ކުޅުމަކާ އެކު އަޖުފާން ދެ ވަނަ ބުރަށް

މޮޅު ކުޅުމަކާ އެކު އަޖުފާން ދެ ވަނަ ބުރަށް

18 ސެޕްޓެމްބަރ 2019

އިއްޔެ މާލޭގައި ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގައި ވާދަކުރި ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ގައުމީ ޗެމްޕިއަން މުހައްމަދު އަޖުފާން ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިއްޔެ މާލޭގައި ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގައި ވާދަކުރި ރާއްޖޭގެ ގިނަ ކުޅުންތެރިންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ގައުމީ ޗެމްޕިއަން މުހައްމަދު އަޖުފާން ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބެޑްމިންޓަން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ބެޑްމިންޓަނުން ބައިނަލްއަގުވާމީ މުބާރާތްތައް އަލުން ފެށީ ސްޕޯޓްސް މިނިސްޓްރީގެ އެހީގައި ކުޅިވަރު އެކުވެނި އިންޑޯ ކޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދިނުމުންނެވެ. ސަރުކާރުން ވަނީ ބޮޑު ހޭދައެއްކޮށް ބެޑްމިންޓަން ކޯޓުތައް އެންމެ ރަނގަޅު ފެންވަރަށް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީން ބުނީ މިއީ ވޭތުވެދިޔަ 24 އަހަރު ތެރޭ ބެޑްމިންޓަން ކުރިއަރުވަން ސަރުކާރުން ކޮށްދިން އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅުނު މެޗުން އަޖުފާން މޮޅުވީ މެލޭޝިއާގެ ކްރީތިކް ރަމޭޝްއާ ވާދަކޮށް 21-12، 21-19 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި އަޖުފާން ރަނގަޅު ލީޑެއް ނަގައި ހަމަޖެހިލައިގެން ކުޅުނު ނަމަވެސް ދެ ވަނަ ސެޓުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި އެވެ. ދެ ވަނަ ސެޓު ފެށިގެން ރަމޭޝް ލީޑެއްގައި އޮތް ނަމަވެސް ފަހަތުން އަރައި އަޖުފާން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި އޭނާ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ.

ދެ ވަނަ ބުރުގައި މިއަދު އަޖުފާން ބައްދަލުކުރާނީ އިންޑިއާގެ ރާޖޭސަކަރަންއާ އެވެ. އަޖުފާންގެ އިތުރުން ފިރިހެން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ޒަޔާން ޒަކީ ވެސް ކުޅޭނެ އެވެ. ޒަޔާން ނުކުންނާނީ މެލޭޝިއާގެ ބްރަޔާން ލުންއާ ދެކޮޅަށެވެ.

އިއްޔެ ފިރިހެން ސިންގަލްސް ބައިގައި ދެ ވަނަ ބުރުގެ ޖާގަ އަކަށް އެންމެ ރަނގަޅު ފައިޓެއް ދިނީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނިބާލް އެވެ. ފޯރިގަދަ މެޗަކަށް ފަހު ތައިލެންޑްގެ ޕަކާޕޮން އަތުން ބަލިވީ 17-21، 21-11 އަދި 21-18 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ނިބާލް ވަނީ މޮޅަށް ކުޅެގެން ގެންގޮސްފަ އެވެ. ދެ ވަނަ ސެޓު ފަށައިގެން ވަރަށް ވާދަވެރިކޮށް ގޮސް ވަކި ހިސާބަކުން ނިބާލް އަތުން ހެދުނު ގޯސްތަކުގެ ފައިދާނަގައި ޕަކާޕޮން ސެޓު ގެންގޮސް އުއްމީދުއާ ކުރި އެވެ. ތިން ވަނަ ސެޓުގައި ނިބާލް އަތުގައި ބޮޑު ލީޑެއް އޮއްވައި ގެއްލުނީ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން ރާއްޖޭގެ ނިބާލް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

އިއްޔެގެ މެޗުގެ ތެރެއިން ރާއްޖޭގެ ނިބާލް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

ނިބާލް "މިހާރަ"ށް ބުނީ ފަހު ދެ ސެޓުގައި ވަރުބަލިވެ އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ. އެކަމަކު ޖުމްލަކޮށް ބަލާއިރު މި މެޗުގައި ނިބާލް ރަނގަޅު ކުޅުމެއް ދެއްކިކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

ފިރިހެން ސިންގަލްސްގައި ރާއްޖޭގެ އެހެން ކުޅުންތެރިންގެ ނަތީޖާ އަށް ބަލާއިރު، އައްފާން އަލީ ވަނީ އިންޑިއާގެ ތަރުން އަތުން 21-08، 21-04 އިން ބަލިވެފަ އެވެ. އިންޑިއާގެ އަންސަލް ޔާދަވް އަތުން ރާއްޖޭގެ މުހައްމަދު ސޮބާހު ބަލިވީ 21-07، 21-10 އިންނެވެ. ރާއްޖޭގެ ތޯއިފް އަހުމަދު ބަލިވީ ޗައިނީސް ޓައިޕޭގެ ލޫ ޝިއާ އަތުން 21-10، 21-07 އިންނެވެ. އިންޑިއާގެ ރަގޫ އަތުން ރާއްޖޭގެ މުހައްމަދު އާކިފް ބަލިވީ 21-09، 21-07 އިންނެވެ. އަދި މެލޭޝިއާގެ ޔީ އަތުން ރާއްޖޭގެ އިބްރާހިމް ރާޝިއު ބަލިވީ 21-03، 21-10 އިންނެވެ.

މުބާރާތުގައި މިއަދު އަންހެން ސިންގަލްސް މެޗުތައް ވެސް ކުޅޭނެ އެވެ. އެ ގޮތުން ރާއްޖޭގެ މާޝާ ރަޝީދު، އައިމިނަތު ޝަހުރުނާޒް، ނީލާ ނަޖީބު އަދި ފާތިމަތު ނަބާހާ ކުޅޭ މެޗު އޮންނާނެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ. އެހެންވެ އަމިއްލަ ގައުމުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުޅެލުމުގެ ފުރުސަތު ރާއްޖޭގެ ކުޅުންތެރިންނަށް އޮތީ ގެއްލިފަ އެވެ.

ފިއުޗާ ސީރީސް އަށް ފަހު ދެން މި މަހު 24 އިން 29 އަށް ކުރިއަށްދާނީ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް އެވެ. އެ މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ އެވެ.